މޭޑޭއަށް ރާއްޖޭގެ އެކިއެކިކަންކޮޅުތަކުން މާލެއަރާ ރައްޔިތުން އަދަދު ހީކުރި ވަރަށް ވުރެ ގިނަ: އެމްޑީޕީ

"އަނިޔާވެރި ކަމާ ދެކޮޅަށް" މިފެށޭ މެއިމަހުގެ އެއްވަނަ ދުވަހު މާލޭގައި އޮންނަ ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން ވެރިރަށް މާލެއަށް އަރާ ރައްޔިތުންގެ އަދަދު ހީކުރި ވަރަށް ވުރެ ގިނަކަމަށް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ މީޑިއާ ކަންތައްތަކުގައި އިސްކޮށް ހަރަކާތެރިވާ ފަރާތުން ބުނީ، މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކިއެކި ހިސާބުތަކުން މާލެ އައުމަށް މިހާރުވެސް ފުރާފައިވާއިރު، މިއަދު އިރުއޮއްސުމުގެ ކުރިން މާލެއާ ރައްޔިތުންގެ ޖުމްލަ އަދަދަު ބުނަން ނޭގުނު ނަމަވެސް، މިއަދު ލަފާ ކުރި އަދަދަށް ވުރެ މާލެއާ ރައްޔިތުންގެ އަދަދު ގިނަ ކަމަށެވެ. އެގޮތުން މިއަދު އިރުއޮއްސުމުގެ ކުރިން 10 ދޯނި ފުރާ މީހުން މާލެއަށް އެރި ކަމަށާއި އެއެންމެން ވެސް މާލެއައީ "މޭޑޭގައި" ބައިވެރި ވުމަށް ކަމަށެވެ.
"ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މާލެ ފުރާލާނެ. މީހރުވެސް ރާއްޖޭގެ އުތުރުން ނާއި ދެކުނުން "މޭޑޭއަށް" މާލެއައުމަށް ފުރާފައިވާ 20 ދޯނި ކަޑުމަތީ މާލެއައުމަށް ދަތުރު ކުރަނީ. ބައެއް ދޯނި ފަހަރު މިރޭ 10:00 ޖެހުމުގެ ކުރިން މާލެ ވަންނާނެ. މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ އަންނާނެ. އަހަރުމެންނަށް ނޭގި ވެސް ރައްޔިތުން މާލެއައުމަށް ވަނީ ފުރައިފަ. ޗޯންޗް އަދި މަތިން ވެސް މީހުން "މޭޑޭގައި" ބައި ވެރިވުމަށް މާލެ އަންނަމުން ދާކަމަށް ހަބަރު ލިބޭ." އެމްޑީޕީގެ މީޑިއާ ކަންތައްތަކުގައި އިސްކޮށް ހަރަކާތެރިވާ ފަރާތުން ބުންޏެވެ.
މިއަދާއި މިރޭ އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރާއި ލޯންޗްފަހަރު އަދި މަތިން ވެސް މީހުން މާލެ އަރަމުން އަންނައިރު، އެ ރައްޔިތުންނަށް މަރުހަބާ ދެއްނެވުމުގެ ގޮތުން "އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތެރިވާ" ފަރާތްތަކުން ދަނީ މާލެއަށް ކާރިކުރާ ދޯނިފަހަރު ކާރިއަށް ގޮސް، އެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
"އަނިޔާވެރި ކަމާ ދެކޮޅަށް" ހަރަކާތްތެރިވާ ޒުވާނުން އިސްނަގައިގެން މާލޭގެ މަގުތަކުގައި ހަރުކުރަމުންދާ ބެނާތައްވެސް ފުލުހުން ނިކުމެ، ނައްޓުވަން ފަށާފައި ވާއިރު، ހުޅުމާލެއާއި ވިލިގިލީގައިވެސް ބެނާ ބޯޑްތައް ހަރަކާތެރިވާ ޒުވާނުން ދަނީ ވަރަށް ފޯރިޔާއެކު އެބެނާތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ވީނިއުސްއަށް ހަބަރު ލިބެއެވެ.
އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުންވެސް އެދުވަހަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ރާއްޖޭގެ ރަށްރަށުން އެދުވަހު ވީހާވެސް ގިނަ ބަޔަކު މާލެ އައުމަށް މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން މިއަދުވެސް ދަނީ އެދެމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެފަރާތްތަކުން ހުއްޓުމެއް ނެތި ތަފާތު މެސެޖްތައް ރައްޔިތުންނަށް ދަނީ ފޯރުވަމުންނެވެ.
މެއި އެއްވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނީ އިމުގެ ތެރެއިން ކަންތައް ކުރިއަށް ގެންދިއުމަށާއި، ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ މަޝްވަރާއާއި ލަފާގެމަތިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ، އެކަމުގައި އަމަލީގޮތުން މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ވެސް ބުނެފައި ވަނީ އެދުވަހުގެ ހަރަކާތްތައް ސުލްހަވެރި ނުވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ހިންގަމުންދާ ހަރަކާތްތަކަށް އަމާޒްކޮށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގައި އެމީހުންނަށް ފެނުނު އެއްޗެއް ކިޔަމުން ދިޔަޔަސް އެއީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ބަޔަކު ބޮޑު އެއްވުމެއް ބާއްވާ އެ އެއްވުން ނިންމާލި ކަމަށް އިއުލާންކުރި ފަހުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާދިޔަ ކަމަށާއި މިފަަހަރު އެގޮތަށް މުޒާހަރާ ނިންމާލާފަހުން ހިނގާ ކަންކަމުގެ ޒިންމާ ވެސް މުޒާހަރާ އިންތިޒާމްކުރި ފަރާތުން ނަގަންޖެހޭނެ ކަމަށް ވެސް ފުލުހުން މަިއދު ވަނީ ބުނެފައެވެ. ގާނޫނު އަސާސީގެ ދަށުން އެންމެންނަށް ލިބިދީފައިވާ މިނިވަންކަމުގެ ހައްގަށް ބަޔަކު ހިންގާ ކަމެއްގެ ސަަބަބުން ހުރަސް އެޅިގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމަށްވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ