"ސްކޫލް އޮފް ޗެސް"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ފަށަނީ

ރާއްޖޭގެ ސްކޫލް ކުދިންނަށް އަމާޒްކޮށްގެން "ސްކޫލް އޮފް ޗެސް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ފެށުމަށް މޯލްޑިވްސް ޗެސް ފެޑެރޭޝަނުން ނިންމައިފި އެވެ.
ވިނީނިއުސްއާ ވާހަކަ ދައްކަވަމުން ޗެސް ފެޑެރޭޝަންގެ ރައީސް ނޫހު އަލީ ވިދާޅުވީ، ސްކޫލް އޮފް ޗެސްގެ ނަމުގައި ހިންގާ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:30 ގައި ދަރުމަވަންތަ ސްކޫލްގައި ކަމަށެވެ. އަދި މިހަރަކާތަކީ ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެއް ކަމަާށައި އެގޮތުން މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ސްކޫލްތަކަށް މިހަރަކާތުގައި ބައިވެރި ވުމަށް ދައުވަތު ދީފައި ވާނެ ކަމަށް ނޫހު ވިދާޅުވި އެވެ.
ނޫހު ވިދާޅުވީ ސްކޫލް އޮފް ޗެސްގެ ނަމުގައި ހިންގާ މިހަރަކާތުގެ މަގްސަދަކީ ރާއްޖޭގައި ޗެސް ކުޅުންތެރިން އުފެއްދުމަށާއި ޗެސް ދިރުވާ އާލާ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތް ކޮންމެ އަހަރަކުވެސް ބާއްވަން ނިންމާފައި ވާކަމަށް ވެސް ނޫހު ވިދާޅުވި އެވެ.
ސްކޫލް އޮފް ޗެސްގެ ނަމުގައި މާދަމާ ރޭ އޮންނަ ހަރަކާތުގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 22 އިން 30 އަށް ބޭއްވި ނެޝަނަލް އީ އެލް އޯ ރޭޠިން ޗެސް ޓޯނަމަންޓުން ވަނަ ވަނަ ހޯދި ފަރާތްތަކަށް މެޑަލް އާއި ތަށި ދިނުމަށް ވަނީ ހަމަޖެހިފައި ކަަމަށް ޗެސް ފެޑެރޭޝަނުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ކާމިޔާބު ކުޅިވަރަކަށް ޗެސް ހެދުމަށްޓަކައި ޗެސް ފެޑަރޭޝަނުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، ހުވި ޑިސެމްބަރު މަހު ލަންކާގައި ބޭއްވި ފަސް ވަނަ އޭޝިއަން ސީނިއާ އެންޑް އެމޭޗާ ޗެސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ކުޅުންތެރިން ވަނީ ދެ ރިހި މެޑަލް އާއި ދެ ލޯ މެޑަލް ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ