ހިތަދޫ މެދު ދާއިރާގެ ނަރުދަމާ އެޅުމުގެ މަސައްކަތް ފެނަކައާ ހަވާލު ކޮށްފި

ހިތަދޫ މެދު ދާއިރާގައި އަޅަން ފަށާފައިވާ، އެކަމަކު ނުނިމި އޮތް ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނަށް މިއަދު ހަވާލު ކޮށްފި އެވެ.
12 މިލިޔަން ރުފިޔާގެ މި ޕްރޮޖެކްޓް ފެނަކައާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މީޑިޔާއަށް މަޢޫލޫމާތު ދެއްވަމުން، އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ މި މަސައްކަތަކީ މީގެ 3 އަހަރު ދުވަސް ކުރިން ފަށައި، ނަމަވެސް ހުއްޓިފައިވާ މަސައްކަތެއް ކަމަށެވެ.
އެގޮތުން، މި ޕްރޮޖެކްޓުގެ 70% މަސައްކަތް މިހާރު ނިމިފައިވާ ކަމަަށާއި، ދެން އޮތީ ނަރުދަމާގެ ހޮޅިތައް ގޭގެއަށް ގުޅުން ފަދަ ކަންކަން ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ދަނީ ހޮޅި ގުޅުމުގެ ޑިޒއިން މަސައްކަތް ނިމިފައި ކަމަށާއި، މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައި ވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ ފެނާއި ނަރުދަމާގެ ކަންކަމާ ހަވާލުވެ ހުންނަވާ ބޭފުޅާ ވިދާޅުވީ، މި ޕްރޮޖެކްޓް ފަށާފައި ވަނީ 2010 ވަނަ އަހަރު ކަމަށާއި، ނަމަވެސް ބަޖެޓުގެ ތާށިކަމެއް ދިމާވެގެން މި މަސައްކަތް ކުރިޔަށް ނުދިޔައި ކަމަށެވެ.
އެހެން ނަމަވެސް، 2010 ވަނަ އަހަރުން ފަށައިގެން ހަމަނުޖެހި ހުރި ފައިސާތައް ފެނަކައިގެ ފަރާތުން, އެ މަސައްކަތް އޭރު ހަވާލު ކުރެވިފައިވާ ބައިވޯޓަރ އިންވެސްޓްމެންޓްއަށް ވަނީ އަދާކޮށް، މި މަސައްކަތް މި އަހަރު އަލުން ފެށޭ ވަރު ކޮށްފަ އެވެ.
މިއަދގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ