އައްޑޫ ސިޓީ "ކަރަންޓް" ޖެހިފައި

ސިޓީއެއްގެ ދަރަޖަ އައްޑުއަތޮޅަށް ދިނުމުން އެކަމާ އުފާކޮށްގެން ތިބި އައްޑޫ ރައްޔިތުން އިއްޔެ ރޭ އުޅެން ޖެހުނީ ކަނު އަނދިރީގަ އެވެ. ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ދިރިއުޅުން އޮތީ "ވޭނަކަށް"ވެ އެކޮޅުކޮޅުން ޖެހިފަ އެވެ.
އައްޑު އަތޮޅުގެ މަރުކަޒީ އިންޖީނު ގޭގެ ހައިވޯލްޓޭޖް ކޭބަލްތައް އަނދައި ސިޓީގެ، ގުޅިފައިވާ ފަސް ރަށް، ރެއިން ފެށިގެން "ކަރަންޓަށްޖެހިފައި" ވާއިރު މި ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތަކަށް އަންނާނެ އިރެއް އަދިވެސް ބުނާކަށް ނޭނގެ އެވެ. ކަރަންޓާ ގުޅިގެން ލިބޭ ގެއްލުންތައް ދަނީ ބޮޑުވަމުން އިތުރުވަމުންނެވެ.
" ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވަނީ ބުރޫ އަރާފައި. ގިނަ ގޭގޭގައި ކައްކަނީ ވެސް ކަރަންޓުން. އަދި މޯޓަރުން ފެންނަގާ ގޮތަށް ހަދާފައި ވަޅުވެސް މިހުންނަނީ ބިމުގެ އަޑިއަށް ލާފަ. އެހެންވެ ފެން ވެސް ބޭނުމެއް ނުކުރެވޭ،" އައްޑޫ ސިޓީގެ މޭޔަރު ޢަބުދުﷲ ސޯދިގު ( ސޯބެ) ވިދާޅުވި އެވެ.
އައްޑޫގެ ގިނަ ގޭގެއަކީ މިޒަމާނުގެ ފެންވަރަށް ހަދައި އޭސީކޮށްފައިވާ ގޭގެއަށް ވާތީ ދުވާލުގެ ވަގުތުތަކުގައި ވެސް ގެތަކުގައި ކަރަންޓަށް ބާރު ބޮޑެވެ. ދިރިއުޅުމުގެ ގިނަކަންކަން ބިނާވެފައި ވަނީ ކަރަންޓަށެވެ.
މޭޔާ ވިދާޅުވީ ކަރަންޓްގެ މައްސަލަ ޖެހުމުގެ ސަބަބުން ގިނަ ގޭގޭގެ އައިސް އަލަމާރީގައި ރޯމަހާއި އެ ނޫންވެސް އެ ފަދަ ފަސޭހައިން ހަލާކުވާ ޒާތުގެ ކާބޯތަކެތި ހަލާކުވެގެން ގޮނޑަށް ގެންގޮސްފައިވާ ކަމަށެވެ. އެނޫނަސް ދިރިއުޅުމާއި ވިޔަފާރިއާ ގުޅިފައިވާ އެތައް ކަމަކަށް މާލީ ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ކުއްލިއަކަށް ކަރަންޓް ދިއުމުން ގޭގޭގައި ހުރި ބައެއް އަގ ުބޮޑު ތަކެތި ވަނީ ހަލާކުވެފައި. ކޮމްޕިއުޓަރު ފަދަ އަގުބޮޑު ތަކެތި. މީގެ އިތުރުން ފިހާރަތަކުގައި ހުރި ގިނަ އަދަދެއްގެ ކާބޯތަކެތިވެސް ހަލާކުވި،" ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުން ކިޔައި ދެއްވަމުން ސޯބެ ވިދާޅުވި އެވެ.
ސިޓީގެ ގިނަ ގޭގޭގައި ކުދި ބޮޑު އެންމެން ރޭ ވެސް މިއަދު ވެސް ތިބީ ނުނިދަ އެވެ. ހުރިހާ ސްކޫލްތަކަކަށް އަދިވެސް ކަރަންޓް ނުލިބޭތީ ސްކޫލްތައް ވަނީ ހުއްޓިފަ އެވެ. ސިނާއީ މަސައްކަތްތަކާއި ވިޔަފާރި ފަދަ މުއާމަލާތްތަކަށް ބުރޫރައި ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
"ހުރިހާ ސްކޫލަކަށް ކަރަންޓެއް ނުލިބޭ. އެހެން ނޫނަސް ގިނަ ކުދިން ރެއިން ފެށިގެން އެތިބީ ނުނިދާ. އެހެންވެ މިއަދު ސްކޫލްތައް ނުހުޅުވީ،" ސޯބެ ވިދާޅުވި އެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ފަހުގައި ވެސް ރައްޔިތުން ކެތްތެރިކަމާ އެކުގައި ތިބި ކަމަށް މޭޔަރު ވިދާޅުވި ނަމަވެސް އެރަށުގެ ބައެއް ރައްޔިތުން އިއްޔެ ވަނީ ކަރަންޓްގެ މައްސަލައިގައި ހިތްހަމަ ނުޖެހިފަ އެވެ. ބައެއް ފަރާތްތަކުން އެމީހުންގެ ޝުއޫރު ފާޅުކުރުމަށް ކޮންމެވެސް ވަރަކަށް އެއްވެފައިވެސް ވެއެވެ.
"ރެއިން ފެށިގެން އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގައި. ގިނަ ގޭގޭގައި ފާހާނާ ކުރެވޭކަށްނެތް. ރޭ ގިނަ ގޭގޭގެ މީހުން ހޭދަކުރީ ކަނު އަނދިރީގައި. ވަކި ހިސާބަކުން ރަށްތަކުން އުއްބައްތި ހުސްވެއްޖެ." ކުރިން އެނގުމަކާ ނުލައި ކަރަންޓް ކެނޑުމުން ކުރިމަތިވި ދަތިކަން ކިޔައިދެމުން އައްޑޫ ސިޓީގެ ރައްޔިތެއްކަމަށްވާ ޝަރަފު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު ގިނަ މީހުން ފެންވަރަން ފެން ނަގަމުންދަނީ ދާނިން ފެންނެގޭ ގޮތަށް ހުރި މަދު ގޭގެއަށް ގޮސް ބާލިދީތަކުގައި ފެން ހޯދައިގެނެވެ. ބައެއް މީހުން ފެންވަރަން މިނެރަލް ވޯޓާ ވެސް ބޭނުން ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ކަރަންޓް ދިއުމުން ކުރިމަތިވި ދަތީގެ އިތުރުން ބޮޑު ބިރުވެރިކަމަކާ ވެސް ރައްޔިތުންނަށް ވަނީ ކުރިމަތިވެފަ އެވެ.
"ރޭ އެތައް ފިހާރައެއް ފަޅާލާ ގިނަ އަދަދެއްގެ މުދާ ވަގަށް ގެންދިޔަ. އެހެންވެ ބިރުން އެންމެން ތިބީ ފާރަޔަށް،" ޝަރަފު ބުންޏެވެ.
ގުޅިފައިވާ ރަށްތަކުގެ ކަރަންޓްގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެން ދާނެކަމަށް ޔޫޓިލިޓީސް ކުންފުނިން ބުނި ނަމަވެސް ނޫހަށް ވާހަކަ ދެއްކި ގިނަ ބަޔަކު ބުނީ ކަރަންޓްގެ މައްސަލަ އަވަހާ ހައްލުވާން ނެތް ކަމަށާއި "މިތިބީ ކަރަންޓްގައި ރަނގަޅަށް ޖެހިފައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ