ޑަކުދިންގެ ސިފަހަވީރު ނަމުގައި ސިފައިން ބޭއްވި ޢާއިލީ ހަވީރު ނިންމާލައިފި

1437 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި "ކުޑަކުދިންގެ ސިފަހަވީރު" ނަމުގައި އެމްއެންޑީއެފުން ބޭއްވި ޢާއިލީ ހަވީރު ނިންމައިލައިފިއެވެ.
"ކުޑަކުދިންގެ ސިފަހަވީރު" ހުޅުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި މި ޢާއިލީ ހަވީރު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މަހާރަނި ފާތިމަތު އިބްރާހީމްއެވެ.
މިމަހު 11 ވަނަ ދުވަހުން 13 ވަނަ ދުވަހަށް އެމްއެންޑިއެފުން އިންތިޒާމުކޮށްގެން ޖުމްހޫރީ މައިދާނުގައި ބޭއްވި މި ޢާއިލީ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތަކާއި، ރެޕަލް ކުރުމާއި، ކޯސްޓްގާޑް ޝިޕް ބަލާލުމާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯނެގުންފަދަ ހަރަކާތްތަކުގެ އިތުރުން ބަޑި ޖެހުމުގެ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުޑަކުދިންގެ ހިތްތަކުގައި ޤައުމިއްޔަތާއި، ޤައުމީލޯބި ދިރުވައިއާލާކޮށް، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބޭއްވި މި ޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގޭމްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޢާއިލީ ހަވީރަށް އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާނަށް ޒިޔާރަތްކޮށް މިހަވީރަށް ވަރަށްބޮޑު ތަރުޙީބެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ