ބައެއް ފަހަރު ސާމްޕަލް ނަގަން ނުދެވި ލަސްވޭ، އެކަން ރަނގަޅު ކުރާނަން: އެންއީއޯސީ

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލްތައް ނެގުމުގައި ބައެއް ފަހަރު ލަސްވާކަން ގަބޫލު ކުރާ ކަމަށާއި، އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަަން ސެންޓަރު (އެންއީއޯސީ)އިން ބުނެފިއެވެ. ރާއްޖެއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެންޓުންގެ ސާމްޕަލްތައް ނަގަން އަންނާނެ ކަމަށް ބުނެފައި، ކަމާ ބެހޭ ފަރާތްތަކުން ސާމްޕަލް ނަގަން ނައިސް ގިނަ ދުވަސްތަކެއްވާ ކަމުގެ ޝަކުވާ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން ކުރެއެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީވް ވިދާޅުވީ، ސާމްޕަލް ނެގުމުގައި ލަސްތަކެއް އުޅޭކަން އެންއީއޯސީއިން ގަބޫލުކުރާ ކަމަށެވެ. "ބައެއް ފަހަރު ލަސްތައް އެބަ ހުރި އާދައާ ހިލާފަށް. އެކަންތައްތައް އަޅުގަނޑުމެން ބަލައިގަންނަން އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި. އެ މަސައްކަތް އެބަ ކުރޭ،" މަބްރޫކު ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވީ، ސާމްޕަލްތައް ނަގާއިރު، ޑައިރެކްޓު ކޮންޓެކްޓުންނާއި، ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލް ނަގަން މިހާރު އިސްކަންދޭ ކަމެވެ. "މިހާރު މިކަމުގެ އުސޫލު އޮތް ގޮތަކީ ޑައިރެކްޓު ކޮންޓެކްޓަށްވާ އެންމެންގެ ސާމްޕަލްތައް އެބަ ޖެހޭ ނަގަން. މިގޮތަށް ނަގާއިރުގައި ސިމްޕްޓޮމެޓިކްވާ މީހުން ޕްރައޯރަޓައިޒްކޮށްގެން ކުރިއަށްދާން ޖެހެނީ،" މަބްރޫކު ވިދާޅުވިއެވެ. ރެޕިޑް ރެސްޕޮންސް ޓީމުތައް ވަރުގަދަވެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އިތުރު މީހުން ލިބެމުންދާކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސާމްޕަލް ނެގުމުގެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ [ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ] ފަރުވާކުޑަކަމަކުން ނޫން. މި ކަމުގެ ބޮޑުކަމުން ދުވަސް އިތުރު ވަނީ ބައެއް ސާމްޕަލްތައް ނެގުމުގައި. އެކަމަކު އެކަމަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް. އެކަން ރަނގަޅު ކުރުމުގެ މަސައްކަތް އެންއީއޯސީގެ ފަރާތުން ކުރަމުން ދަނީ،" މަބްރޫކު ވިދާޅުވިއެވެ. ސާމްޕަލް ނުނެގި ކިތަންމެ ލަސް ވިޔަސް، ސާމްޕަލް ނެގެންދެން ގެއިން ބޭރަށް ނުނުކުމެ ތިބެން މިރޭ ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގަތެވެ. އެއީ ކޮންޓެކްޓުވެފައިވާ މީހަކު ބޭރަށް ނުކުމެއްޖެ ނަމަ އަނެއްކާވެސް ކޮންޓެކްޓް ޓްރޭސިންއަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ