މަހަކު 43 މިލިއަން ޚަރަދުކުރާ ޓްރީޓޮޕް ސަރުކާރަށް ދިނީ ހިލޭ

ޗަންޕާ ބްރަދާސްގެ ބޮޑު ޙިއްސާ އޮވެގެން ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް19 އާއި ގުޅިގެން އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ދީފައިވަނީ ސަރުކާރުން ބަދަލުގައި އެއްވެސް ޚަރަދެއް ދޭން ނުޖެހޭގޮތަށްކަން "ވަގުތު" އަށް ކަށަވަރުވެއްޖެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ބޯޑުން މިކަން ނިންމާފައިވާގޮތް އެނގޭ ފަރާތަކުން "ވަގުތު" އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙާލަތުގައި އެމަރޖެންސީގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ސަރުކާރުން އެދުމުން، ހޮސްޕިޓަލްގެ ބޯޑުން މިމަހު 25 ވަނަ ދުވަހު ނިންމާފައިވަނީ، ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ގާތްގަނޑަކަށް ހިނގާ ޚަރަދުކަމުގައިވާ 2.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ) ވެސް ހޮސްޕިޓަލުގެ އޯނަރުން މަހުންމަހަށް ކުރަމުންދާގޮތަށް ސަރުކާރުގެ ބޭނުންތަކަށް ހޮސްޕިޓަލް ދޫކުރާގޮތަށެވެ.
މިގޮތަށް ޓްރީޓޮޕްގެ ބޯޑުން މިކަން ހަމަޖެއްސުމުން، ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައިވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެކު ޖުމްލަ 400 ވަރަކަށް މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތައް ކުރާނީ ހޮސްޕިޓަލްގެ އޯނަރުންނެވެ. މި 400 މުވައްޒަފުންގެ ތެރޭގައި 38 ޑޮކްޓަރުންނާ، 21 މެޑިކަލް އޮފިސަރުންނާ، 121 ނަރުހުން ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ހޮސްޕިޓަލް ހިންގުމުގައި ބޭނުންވާނެ އަސާސީ ހުރިހާކަމެއްވެސް ކޮށްދޭނީ ޓްރީޓޮޕްގެ އޯނަރުންގެ ފަރާތުންނެވެ. ހޮސްޕިޓަލްގެ ބޯޑުގެ މުޅި ނިންމުމަކީ، ކޮވިޑް19 ގެ ނުރައްކާތެރި ޙާލަތުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލް ދިވެހި ސަރުކާރާ ޙަވާލުކޮށްގެން ހިނގާ ހުރިހާ ޚަރަދެއް ހޮސްޕިޓަލްގެ އޯނަރުންގެ ފަރާތުން ކޮށްދިނުމެވެ.
ކޮރޯނާ-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުން
ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ކުއްލި ޙާލަތުގައި މަސައްކަތްކުރަމުންދާ މިޙާލަތުގައި، އަމިއްލަ ބޮޑު ހަސްފަތާލެއް މުވައްޒަފުންނާ، ޕްރޮފެޝަނަލް ޑޮކްޓަރުންނާ، ހުރިހާ ވަސީލަތްތަކާ ހިންގުމުގެ ޚަރަދުތަކާވެސް އެކު ޤައުމެއްގެ ސަރުކާރާ ޙަވާލުކުރަން ނިންމުން މިއީ ރާއްޖޭގައި ހިނގި ވަރަށް ޚާއްޞަ ކަމެއްކަން ފާހަގަކުރެވެއެވެ.
ހޮސްޕިޓަލްގެ ހުރިހާ ވަސީލަތްތައް އެއްވެސް އަގެއް ނެގުމަކާނުލައި ސަރުކާރަށް ދިނުމުގެ އިތުރަށް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރާ ރައްކައުތެރި 150 ހެދުން އެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ސަރުކާރަށް ހަދިޔާކޮށްފައެވެ. އަދި އިތުރު 2000 ހެދުން ސަރުކާރަށް ހަދިޔާކުރުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލްއިން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަށް މި ނިންމި ދީލަތި ނިންމުމާއެކު، އެ ހޮސްޕިޓަލަށް ޞިއްހީ އެމަރޖެންސީ ޙާލަތުގެ ކަންކަން ރާއްޖޭގައި ބަލަހައްޓާ ޓާސްކް ފޯހުން ޒިޔާރަތްކޮށް، ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކޮށް، ސަރުކާރުން ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައި ކަންކަން ގެންދާނެގޮތް މިހާރުވަނީ އިންތިޒާމުކޮށްފައެވެ.
ޞިއްޙީ އިމަރޖެންސީ ޙާލަތާ ގުޅިގެން ސަރުކާރުން ސިލްސިލާކޮށް ބާއްވަވާ ނޫސްވެރީންގެ ބައްދަލުވުންތަކުގައި، އަމިއްލަ ބައެއް ފަރާތްތަކުން ދޭ އެހީތެރިކަމުގެ ވާހަކަ ފާހަގަކުރެއްވި ކަމުގައި ވީނަމަވެސް، ރާއްޖޭގައި ހިނގަމުންދާ އެންމެ ބޮޑު އެއް އަމިއްލަ ހަސްފަތާލު ޓްރީޓޮޕް ހޮސްޕިޓަލް އިން، މަހަކު 43 މިލިއަން ރުފިޔާގެ ހިންގުމުގެ ޚަރަދާ، ބޭސްފަރުވާ ކުރުމުގައި ހިނގާނެ އިތުރު ޚަރަދުތައްވެސް ހޮސްޕިޓަލުގެ އޯނަރުންގެ ފަރާތުން ކޮށްދޭގޮތަށް، އެމަރޖެންސީ ޙާލަތުގައި މުޅި ހޮސްޕިޓަލް ހުރިހާ މުވައްޒަފުންނާ ވަސީލަތްތަކާއެކު ސަރުކާރާ ޙަވާލުކުރަން ނިންމިކަން މިހާތަނަށް ފާހަގަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ