ކަލާމްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫނު ސޮއިކުރައްވައިފި

އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ ޢަބުދުލް ކަލާމަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމް މިއަދު ސޮއިކުރައްވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ވަޒީރުން ސޮއިކުރައްވައި ނިންމެވި ފަހުން ވަޑައިގެން އެ ދަފުތަރުގައި މައުމޫނު ލިއުއްވި ލިއުއްވުމުގައި ވިދާޅުވެފައި ވަނީ ކަލާމް އަވަހާރަވުމަކީ އިންޑިއާއަށާއި މުޅި އިންސާނިއްތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ޑރ. ކަލާމްއާ ބައްދަލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގެ ހަނދާން އާކުރައްވަމުން ރައީސް މައުމޫނު ލިއުއްވާފައި ވަނީ ކަލާމްގެ ހިކުމަތްފުޅުން ވަރަށް ބޮޑު މަންފާއެއް ލިބިވަޑައިގެންނެވި ކަމަށެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ. އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެ މަސައްކަތްތަކުގެ ސަބުން "މިސައިލް މޭން"ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ. އިންޑިއާ އިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ