ފަލަސްތީނުގެ ދިދައާއިއެކު މިއަދު ހަވީރު 4 ޖަހާއިރު ބެލްކަންޏަށް!

އިޒްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން މި ވަގުތު ހާލުގައި ޖެހިފައިވާ ފަލަސްތީނާ އެކު ދިވެހިރާއްޖެ ތިބި ކަން ރަމްޒުކޮށް ދިނުމަށް ބާއްވާ ހާއްސަ ހަރަކާތެއް މިއަދު 4 ޖަހާއިރު ފަށަން ތައްޔާރު ވެއްޖެއެވެ.
ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ބާއްވާ މި ހަރަކާތާއި ބެހޭ ގޮތުން ހަރަކާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެމުން އެ ޓީމްގެ މެންބަރެއް ބުނީ، މި ކަން ފެށުނީ ޓްވިޓާގައި 4 ވަރަކަށް މެންބަރުންގެ ގްރޫޕެއް ހަދައި ގައްޒާގެ ހާލާ މެދު ހަމްދަރުދީ އުފެދި ޝެއާ ކުރި ޓްވީޓްތަކަކާ ހިސާބުން ކަމަށެވެ. އަދި ޓީމްގެ މެންބަރުން މިހާރު އިތުރުވެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށް އޭނާ ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތަށް ބަލައި މި ހަރާކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގޭގެ ބެލްކަނި އަދި ދޮރު މައްޗަށް ނުކުމެ ފަލަސްތީންގެ ދިދަ އާއި ދިވެހި ރާއްޖޭގެ ދިދަ ވިހުރާލާ ގޮތަށެވެ.
މީގެ އިތުރުން ކާފިއު ވަގުތު ފެށުމުގެ ކުރިންވެސް މިއަދު ކާރުތަކާއި ޓެކްސީ އަދި ޕިކަޕުތަކުގައި ވެސް ދިދަ ހަރުކޮށްގެން ދުވަން ހަމަޖެހިފައިވާކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
މި ހަރަކާތަށް އެހީތެރިވުމުގެ ގޮތުން ގިނަ ބަޔަކު ދިދަ ޕްރިންޓްކޮށް، އަދި ފަހައިދީފައިވާ ކަމަށާއި މިހާތަނަށް ލިބުނު ގިނަ ދިދަތައް މީހުންނަށް ބަހާފައި ވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ.
މި އިވެންޓް ކުރިއަށް ދާނީ މާލެއާއި ހުޅުމާލޭގައި މިއަދު ހަވީރު 4:00 އިން 6:00 އާ ދެމެދެވެ. މި ވަގުތުގައި ހުރިހާ ގެއެއްގެ ބެލްކަނިތަކުން ބޭރަށް ނުކުމެ ފަލަސްޓީންގެ ދިދަ ހޫރާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓްގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިވެންޓް އޯގަނައިޒް ކުރި ޓީމުން އެދެއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިވެންޓްތައް ކުރިއަށް ގެންދިއުމަށް އެ ޓީމުން ނިންމާފައިވާ ކަމަށާއި މިއީ އަދި ފެށުން ކަމަށް ވެސް އެ ޓީމުން ބުނެއެވެ.
މި ހަރަކާތް ވައިގާ ހިފާ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ރާއްޖޭގެ މަޝްހޫރު އެކި ފަރާތްތަކުންވެސް އަންނަނީ މި ހަރަކާތުގައި ބައިވެރިވާނެކަން ހާމަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ