އާރަށް ވިއްކައިގެން ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ނެންގެވި މައްސަލަ ޕީޖީ އަށް

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީކުރަން ހަވާލުކުރީ ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް ފަހުން އެ ރަށް ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ރަށް ވިއްކާލައިގެން، އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި ކަމަށެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެ މައްސަލައިގައި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. ފުއްގިރީގެ އިތުރުން އެހެން ރަށްރަށުގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގުތައްވެސް އެމަނިކުފާނުގެ މައްޗަށް ފުލުހުން އަދިވެސް ހިންގަމުންދެ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ސުވާލު ކުރަން އެމަނިކުފާނު ހާޒިރު ކުރެ އެވެ. މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައީސް ޔާމީން އަބްދުލްގައްޔޫމު ރޭ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ