ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހައުސިން ޔުނިޓުތަކަށް ކަރަންޓު ހިދުމަތްދޭން ގެނައި ކޭބަލްތައް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެޗްޑީސީއިން ބުނީ އެ ކޭބަލްތައް ވަގަށް ނެގިކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. "މި ކޭބަލްތައް ގެއްލިފައިވާކަން މި ކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއެކު މިހާރު ދަނީ މި ކުންފުނީގެ އިންޓާނަލް އޮޑިޓަރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ތަހުގީގު ކުރަމުން،" އެޗްޑީސީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިފަދަ ކަމެއް ދިމާވުމަކީ އެ މަޝްރޫއު ހިންގަން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. މިކަމުގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ބައިވެރިވެފައިވާނަމަ، އެ މުވައްޒަފަކާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. ހަމައެއާއެކު ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ގާއިމުކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް، ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ