އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރު، ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެށި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހުސައިން ނަސީރުގެ ކެންޑިޑަސީ ބަލައި ނުގަންނަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެއްވުމަށް ހުސައިން ނަސީރު ހުށަހެޅުއްވި ފޯމުގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމަށް ބުނެއެވެ.
އެގޮތުން ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހެޅި 1800 ސޮއި ގެ ތެރޭގައި ޞައްޙަ 1500 ސޮއި ހިމެނިފައި ނުވުމާއި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ފޯމުގެ 7 ވަނަ ނަންބަރުގައިވާ ކެންޑިޑޭޓްގެ ދާއިމީ އެޑްރެސް އަށް ބަދަލެއް އައިސްފައި ނެތްކަމަށް ހިމަނާފައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތު ކަމަށް އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ހުށަހަޅާ ފަރާތުގެ ކުށުގެ ރެކޯޑް ފޯމް ފުރިހަމަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން ހުސައިން ނަސީރުގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ އިންތިޚާބީ އެޖެންޓް ވިދާޅުވީ، ކެންޑިޑަސީ ބަލައި ނުގަތުމުން އިތުރު ފުރުޞަތު ދިނުމަށް އިލެކްޝަންސް ގެ މުވައްޒަފުންނާ ވާހަކަ ދެކެވުނު ކަމަށާއި، ނަމަވެސް އެވަގުތު އެތަނުގައި އީސީގެ އެއްވެސް ޤާނޫނީ ބޭފުޅަކު ނެތް ކަމަށާއި، އެހެންކަމުން ކެންޑިޑޭޓް އަދި ރަނިންމޭޓާ ދޭތެރޭގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ވަރަށް ދެރަ އަދި ނިކަމެތި ގޮތަކަށް ކަމަށްވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އެބޭފުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި ކެންޑިޑަސީގެ ޖަވާބު ނުދީ ފަސްކުރެއްވި ކަމަށެވެ. ނަސީރުގެ އިންތިޚާބީ އެޖެންޓް ވިދާޅުވީ، އެންމެ ފުރަތަމަ ފޯމްގެ ޖަވާބު ބަލައި އިލެކްޝަނަށް ދާން އެންގީ އިއްޔެ ހަވީރު 03:50 ހާއިރު ކަމަށާއި، އޭގެ ފަސް މިނެޓް ފަހުން ގުޅާ އިލެކްޝަނސް ކޮމިޝަނުން ދެންނެވީ ކޮމިޝަނުގެ އެއް މެންބަރަކު ސޮއި ނުކުރައްވާ އޮތުމުން ޖަވާބު ބަލައި މިއަދު ހެނދުނު ހާޒިރުވުމަށް ކަމަށެވެ. އެގޮތުން މިދެ ވަގުތުގެ ދޭތެރޭގައި މާގިނައިރު ހޭދަވެގެން ގޮސްފައިވަނީ ނުފޫޒެއްގެ ސަބަބުން ކަމަށް ނަސީރުގެ ރަނިންމޭޓްވެސް ފާހަގަކުރެއްވިއެވެ.
މިއަދު ހަވީރު 04:00 އާ ހަމައަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަލުން ފޯމު ހުށަހެޅުމަށް ފުރުޞަތުތައް ފަހިކޮށްދެއްވައި، އެހީތެރިވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ދެއްވާފައި ނުވާކަމަށްވެސް އިންތިޚާބީ އެޖެންޓް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލުމަކީ ދިވެހި ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްޤެއް ކަމަށާއި، ނަމަވެސް އެ ހައްޤު ހުސައިން ނަސީރުގެ ފަރާތުން ނިގުޅައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަނުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން އަލުން އައު ފޯމް ސެޓެއް ފުރަން ޖެހުންވެސް މައްސަލައެއްގެ ގޮތުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.
ހުސައިން ނަސީރުގެ ރަނިންމޭޓް ޝެއިޚް ނަސްރުﷲ ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލެއްވީ އެއްވެސް ފަރާތުން ބުނެގެން ނޫން ކަމަށާއި، މި މައްސަލަ ސްޕްރީމް ކޯޓަށް ވެއްދޭ އެންމެ އަވަހަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މި މައްސަލައިގެ ސަބަބުން އިންތިޚާބު ލަސްވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑަސީ ބަލައިގެންފައިވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް (އިބޫ) ގެ އެކަންޏެވެ. ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އިއްޔެ ހެނދުނު ހުށަހަޅުއްވާފައިވާއިރު، މިއަދު ހަވީރު ރައީސްޔަމީންގެ ކެންޑިޑެސީ ފޯމް ވަނީ އިލެކްޝަނުން ބަލައިގެންފައެވެ.
އަމިއްލަ ކެންޑިޑޭޓްގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ