ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ރައްޔިތުން ނުކުމެ މި ސަރުކާރަށް ހުކުމް ކުރާނެ ދުވަސް ކަމަށް އިދުކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ރަތަފަންދޫއަށް ވަޑައިގަތް ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބުގައި މި ސަރުކާރަށް ރައްޔިތުން އިއްވާ ހުކުމް ވަގުތުން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.
އެ ހުކުމް ތަންފީޒު ވެގެންދާއިރު ޤާނޫނު ތަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތައް ކޮށްފަވާ ފަރާތްތައް ޖަވާބުދާރީ ވެގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހުވަދު އަތޮޅުގެ ރައްޔިތުންގެ އެހީއާާއެކު ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު ބަލިކުރެވިގެންދާނެ ކަމަށެވެ.
"އިންތިހާބު އޮންނަ ދުވަހަކީ ރައްޔިތުން ހުކުމް ކުރާ ދުވަސް. ރަތްޔިތުންގެ ހުކުމް އިއްވުމާއެކު އެހުކުމް ތަންފީޒް ކުރެވިގެންދާނެ. އެއަކަށް ނޫނެކޭ ބުނާނެ މުއައްސަސާއެއް އިދާރާއެއް ނުހުންނާނެ".އިބޫ ވިދާޅުވިއެވެ.
ރަތަފަންދޫގައި އިތުރަށް ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ގުޅިފައިވާ ކޯލިޝަނުން އިންސާފުގެ މަގަށް ކުރަމުންދާ ދަތުރަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރާނެ ދަތުރެއް ކަމަށެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، މިގައުމު އަނބުރާ ރައްޔިިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.
ގުޅިފައިވާ އިއްތިހާދުގެ ސަރުކާރުގައި ހިދުމަތްތައް ފަށާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަކުރައްވާ އިދިކޮޅުގެ ވެރިކަމެއްގައި ރަތަފަންދޫއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިބޫ މިއަދު އިއުލާން ކުރެއްވިއެވެ. އެގޮތުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރަށުގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އަދި އެރަށުގައި ހުރި ސްކޫލު ތައުލީމްދެވޭ ޒަމާނީ ސުކޫލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.
އަދި ރަތަފަންދޫއަކީ މަސްދޯނި ފަހަރު ގިނަ ރަށެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ ތަފާތު ސާމާނު ރަށުގައި ތިބެގެން ލިބެންޖެހޭ ކަމަށެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި އެ ހިދުމަތްތައް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ގދ ރަތަފަންދޫގައި މިއަދު އިބޫ ވާހަކަފުޅު ދައްކަވަމުން ދަނިކޮށް އެރަށުން ކަރަންޓް ކެނޑިގެންދިޔައެވެ. އަދި އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ބުނެ ބައެއް މީހުން ވާހަކަދެއްކިއިރު، މައިކްގެ އަޑުވެސް ކެނޑިގެން ދިއުމުން އިބޫ ވާހަކަފުޅު ކުރިއަށް ގެންގޮސްފައިވަނީ މެގަފޯނެއް ބޭނުން ކުރައްވައިގެންނެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިބޫ ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގއ. ރަތަފަންދޫގެ އިތުރުން އެ އަތޮޅު ނަޑެއްލާ އަށާއި ހޯޑެއްދޫއަށް ވަނީ ވަޑައިގެންފައެވެ. އަދި ރޭ ގއ. ވިލިނގިއްޔަށް ވަޑައިގެން، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިބޫ ބުރަކޮށް އުޅުއްވާއިރު، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގެންފައެވެ.
ފައިސަލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި ދިވެހިން އުޅޭ ގެތަކަށް ޒިޔާރަތް ކުރައްވާ ދިވެހި އާއިލާތަކާ ބައްދަލު ކުރެއްވިއިރު، އިއްޔެ ވަނީ އެގައުމުގައި އިއްތިހާދުގެ ޖަލްސާއެއް ވެސް ބާއްވައިފައެވެ.
އިންތިހާބު އޮންނަ ދުވަހު ރައްޔިތުން ނުކުމެ ހުކުމް ކުރާނެ - އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ