ރާއްޖެޓީވީގެ މައްޗަށް ކޮށްފައިވާ ދެ މިލިޔަން ރުފިޔާގެ ޖޫރިމަނާ މީރާ އަށް ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.
އެ ކޮމިޝަނުން އިއްޔެ ރާއްޖެ ޓީވީ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މީރާ އަށް ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް އެ ކޮމިޝަނަށް ހުށަހެޅުމަށެވެ.
ރާއްޖެ ޓީވީ އިން ޖޫރިމަނާ ފައިސާ މީރާއަށް ދައްކަން ޖެހޭނީ އަންނަ އާދިއްތަ ދުވަހުގެ ކުރިންނެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ގެނެސްދީފައިވާތީއެވެ.
ޖޫރިމަނާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮށިތަކެއް ހުޅުވާފައިވާއިރު އެ ސްޓޭޝަނުން ވަނީ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޓީއެއް ދާދިފަހުން ފޮނުވާފައެވެ. ނަމަވެސް އެ ކޮމިޝަނުން ރާއްޖެ ޓީވީ އަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އަންގާފައެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ.
އެގޮތުން ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ 250،000 ރުފިޔާ އިންނެވެ. އަދި އޭގެފަހުން އެއް މިލިއަން ރުފިޔާ އިން ވެސް އެ ސްޓޭޝަން ޖޫރިމަނާކޮށްފައިވެއެވެ.
ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ރާއްޖެ ޓީވީން ފަންޑު ފޮށްޓެއް ހުޅުވައި، އެއަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކައެވެ.
ރާއްޖެޓީވީގެ ޖޫރިމަނާ ފައިސާ މީރާ އަށް ދައްކަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ