އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ގދ.ތިނަދޫއަށް ވަޑައިގަތުމުން އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް ރައްޔިތުން ދަންނަވައިފިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ހުވަދުއަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅު ފެއްޓެވީ މިއަދު ހެނދުނެވެ. މިގޮތުން ގދ.ވާދޫއާއި، ގދ. ފަރެސްމާތޮޑާާއާއި، ގދ. ފިޔޯރީއަށް ވަޑައިގަތުމަށްފަހު ތިނަދޫއަށް ވަޑައިގަތީ މިއަދުގެ ފަހު މަންޒިލެއްގެ ގޮތުންނެވެ. މިހުރިހާ ރަށަކުން ވެސް އިބްރާހީމް މުހައްމަދު ސޯލިހަށް ބޮޑު ތާއީދެއް ރައްޔިތުން ދައްކާފައިވާއިރު ތިނަދޫން ވަނީ އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމަނިކުފާނާ ސަލާމް ކުރުމަށް ލޮލުކޮޅަށް ނުފެންނަވަރުގެ ދިގު ކިޔޫއެއް އޮތެވެ.
ތިނަދޫން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު ތިނަދޫއަކީ އަބަދުވެސް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ތަމްސީލް ކުރުމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ދެ މެންބަރުން ކަަމަށްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ހުސްވެފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، މަޖިލީހުގައި ތިނަދޫ ރައްޔިތުންގެ އަޑުއިއްވޭނެ ގޮތެއް ނެތުމުން ވެސް ސަރުކާރާ މެދު ތިނަދޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެދެމެމްބަރުން ވެސް މިދަތުރުފުޅުގައި އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ހުވަދުއަތޮޅަށް މިދަތުރުފުޅު ކުރައްވާއިރު އިއްތިހާދުގެ ޒުވާނުންގެ ޓީމުން ވެސް ދަނީ އެއަތޮޅުގައި ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ދޮރުންދޮރަށް ހިނގުމާއި ޒުވާނުންގެ ފޯރަމްތައް ބާއްވައި މިއަހަރު އަލަށް ވޯޓުލެވޭ ޒުވާނުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަކެއް ހިންގާފައި ވެއެވެ.
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރިއަށް ކުރައްވާ މިދަތުރުފުޅުގައި 18 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ހުވަދޫއަށް ދަތުރުފުޅު ފެއްޓެވީ މިދަތުރުފުޅުގައި ގއ.ކޮލަމާފުއްޓަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވީނަމަވެސް އެރަށަށް ވަޑައިނުގަތުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވަނިކޮށެވެ.
ކޮލަމާފުއްޓަށް ކުރައްވާ ދަތުރުފުޅު މިވަގުތު ނުކުރެއްވުމަށް ފުލުހުން ދެންނެވީ ކޮލަމާފުށީގައި އިއްޔެ ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ 18 މީހަކު އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެރަށުގައި އަމާން މާހައުލެއް މިވަގުތު އޮތް ކަމަށް ފުލުހުންނަށް ނުފެންނާތީ ކަމަށް ބުނެއެވެ. ނަމަވެސް އެމަނިކުފާނު ކޮލަމާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ތާރީޚުގައި ވަޑައިގަންނަވާނެ ކަަމަށް ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ. އިބްރާހީމް މުހައްމަދު ސޯލިހު ކޮލަމާފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ މިދަތުރުފުޅުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި ޕާޓީތަކުގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މިދަތުރުގެ ތެރެއިން މިރޭ ގުޅިފައިވާ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިނަދޫ ރައްޔިތުން ތިބި ގޮތް ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ