ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ކުރިމައްޗެއް ނުލައްވާނެ: ރައީސް ނަޝީދު

މިއަދު ސިޔާސީ މަސްރަހު ފެންނަ ގޮތުގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީންގެ ކެމްޕެއިން ދެ ޖަގަހަ އެއް މިރޭ ހުޅުވާދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ފެންނަ ގޮތުން އެމްޑީޕީއަށް ވަރަށް އުފާލާކަމަށާއި އެހެންނަމަވެސް "ބާޣީން"ގެ އަހުލުވެރިންނަށް މިއަދު ފެންނަނީ ވަރަށް ބަނަކޮށް ކަމަށެވެ. އެގޮތުން ރައީސް ވަހީދުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވާން ނިންމާފައިވާތީއާއި ރައީސް ވަހީދުގެ ކޯލިޝަނުގައި ދެންތިއްބެވި ޕާޓީތައްވެސް ރައީސް ވަހީދުއާއެކު ވަޑައިގަންނަވާނެ ކަމާމެދު ރައީސް ނަޝީދުވަނީ ސުވާލު އުފައްދަވާފައެވެ.
"މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަސްރަހް އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް. އެހެންނަމަވެސް ބާޣީންގެ އަހުލުވެރިންނަށް މިއަދު ފެންނަނީ ވަރަށް ބަނަކޮށް. އަދާލަތު ޕާޓީ އަޅުގަނޑުގެ ކުރީގެ ނާއިބު ރައީސްއާ ވަކިވެ ހިނގައްޖެ. އަބަދުވެސް އަބަދުވެސް ގަބޫލުފުޅުކުރައްވާ، ބޭވަފާތެރިކަމަކީ ހަމަ އެއްވެސް ހާލެއްގައި ކާމިޔާބެއް ހޯދޭނެ ކަމެއްނޫން. ތިމަންނާގެ ކިބައިގާ އަގު، އެންމެބޮޑަށް ގަދަރާއި އިއްޒަތް އެންމެ ބޮޑަށް ގެއްލި ވެއްޓިދާ އެއްކަމަކީ ހަގީގަތުގައި ބޭވަފާތެރިކަން، ތިމަންނާގެ އަމިއްލަ ސިފައެއްގެ ގޮތުގައި ފާހަގަވެގެންދިޔައީމަ. އަޅުގަނޑަށް ފެންނަ ތަނުގާ އަޅުގަނޑުގެ ކުރީގެ ނާއިބު ރައީސް (ޑރ.ވަހީދު)ގެ ގާތު އަދި އެހެންޕާޓީތައްވެސް ދުރަށްޖެހޭނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެބޭފުޅާގާތުގައި ތިއްބެވި އެހެން ބޭފުޅުންވެސް ދުރަށްޖެހިވަޑައިގަންނަވާނެ. އަޅުގަނޑަށް ފެންނަގޮތުގައި ޑރ.މުހައްމަދު ވަހީދު ރިޔާސީ އިންތިހާބަށް ކުރިމައްޗެއް ނުލައްވާނެ." އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ފާއިތުވެ ދިޔަ ހަފްތާގައި ދައުލަތަށް ގިނަދުވަހު ހިދުމަތް ކޮށްދެއްވި އޮނަރަބްލް އިލްޔާސް އިބްރާހިމް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަމަށާއި ރައީސް މައުމޫން އާއި އިލްޔާސް އަށް ރުހޭ (ތާއީދު) ކުރައްވާ ހަރު ދޮށީ އުމުރުގެ ގިނަ ބޭފުޅުން މިއަދު ތިއްބެވީ އެމްޑިޕީއާއެކު ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"އަޅުގަޑުމެންނަށް އަހައެއާއެކު ފެނުނީ އިލްޔާސް އިބްރާހީމް (ދައުލަތަށް ގިނަދުވަހު ހިދްމަތްކޮށްދެއްވި އިއްޒަތްތެރިއެއް) ޕީޕީއެމް ދޫކުރައްވާ ވަޑައިގެންނެވިތައް. އަދި އެކަމާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެބޭފުޅާއަށް ކޮށްދެއްވި ހުރިހާކަމަކަށް ޝުކުރު އަދާކުރެއްވި. އަޅުގަނޑުމެންނަށް ދައްކާހުރިތަނެއް ދައްކަވާފަ އަޅުގަނޑުމެން ނެތިދާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެކޭގޮތުގައި ރައީސް މައުމޫންއަށް ތާއީދުކުރެއްވި ހުރިހާ ބޭފުޅުން އަދި އޮނަރަބްލް އިލްޔާސް އިބްރާހީމްއަށް ރުހޭ ވަރަށް ގިނަ ބޭފުޅުންވެސް މިއަދު ތިއްބެވީ އެމްޑީޕީއާއެކީގާ. އެހެންވެގެން އަޅުގަނޑުމެން އެއްބުރުން ކާމިޔާބު މިކުރަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ ރައީސް މައުމޫންގެ ސަރުކާރު އުފެދިގެންއައީ އިލްޔާސް އިބްރާހިމްގެ ވަރަށް ބޮޑު އެހީފުޅަކާ އެހީތެރިކަމާއެކު ކަމަށާއި އަދި އެވެރިކަމަކީ ވަރަށް ބޮޑަށް އިލްޔާސް އިބްރާހިމްގެ ވެރިކަމެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާ ވެރިކަމެއް ކަމަށެވެ.
"ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ އިލްޔާސްގެ ވަރަށްބޮޑު އެހީފުޅާއެކީގަ. އަޅުގަނޑު ހިތުން އެއީ އެވިދާޅުވާ ހުރިހާކަމަކަށް ދަންނަވާ ޝުކުރަކީ. އިލްޔާސް އިބްރާހިމްއަށް އެހީތެރިވެދިނުމުގައި ވަރަށް އަވަދިނެތި މިއަދުގެ ހަމަ މިމާލޭގެވެސް ހަރުއުމުރުގެ އަދި ދޮށީ އުމުރުގެ އެތައް ބޭފުޅުންނެއް އުޅުއްވި. ރައީސް މައުމޫންގެ ސިޔާސީ ހަޔާތް އެބޭފުޅާ ނިންމަވާލައްވާ އިލްޔާސް އިބްރާހިމްއަށް ޝުކުރު ދައްނަވާފަ ވަޑައިގަންނަވާއިރު، މިއަދު މިދެންނެވި ބޭފުޅުންވެސް ވަނީ ރައީސް މައުމޫން ކުރިމަތި ނުލައްވާތީވެ، އެބޭފުޅުންގެ ދަރިންގެ ސިޔާސީ ހަޔާތް އެދަރީން އަމިއްލައަށް ނިންމަން ދޫކޮށްލާފަ. އެދަރިން ނިންމާފާ އޮތީ އެމްޑީޕީއާ ބައިވެރިވާން. އެހެންވެގެން އަޅުގަނޑުމެން އެއްބުރުން ކާމިޔާބު ކުރަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ