ސުޕްރީމް ކޯޓުގެ ނިޔާ: ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގެ ގަވައިދުގެ 171ގެ (ވ) އަށް އަމަލު ކުރާކަށް ނުޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 (ވ) ގައި ބުނާ އިޖުރާއަތްތަކަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ފަހަނައަޅައިދާ އިޖުރާއަތްތަކެއް ކަމަށް ވާތީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ގަވައިދުގެ 171ގެ (ވ) އަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.މިރޭ ނިންމެވި މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގަތެވެ. ރައުޔު ތަފާތުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ހުކުމުގައި ބުނަނީ ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރެވޭ ފަރާތްތަކަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ 171 ވަނަ މާއްދާގެ (ވ) އަށް އަމަލު ކުރުމަށް ގާނޫނީ ގޮތުން ހުރަސް އަޅާ ސަބަބެއް ނެތް ކަމަށާއި ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171ގެ (ވ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން  ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރުތައް ފާހަނަޅައިދާ އިޖުރާއާތުތަކެއް ކަމަށެވެ.ދައުލަތުގެ ދައުވާ އަކީ މަޖިލީހުގެ ގަވައިދުގެ 171ގެ (ވ) ގާނޫނު އަސާސީއާ ތައާރުޒުވާތީ އެ މާއްދާ އުވާލުން ކަމަށް ވާއިރު ހަ ފަނޑިޔާރުން އިއްތިފާގުވެފައި ވަނީ ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަންކަމުގަ އާއި ލަފާދޭންޖެހޭ ކަންކަމުގައި އަދި މަޝްވަރާ ދޭންޖެހޭ ކަންކަމުގައި މަޖިލީހުގެ ގަވައިދުގެ 171ގެ (ވ)ގައިވާ ގޮތަށް އަމަލު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަން އެނގޭކަމަށެވެ. ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި ގޮތަކަށް ބުނެފައިވާ ކަމެއްގައި މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) ގައިވާ ގޮތުގެ މައްޗަށް އަމަލު ކުރެވެން ނެތުމަކީ ވަކި ގޮތަކަށް ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއްގައި ބަޔާންކޮށްފައި ނުވާނަމަ އެ އަކުރާ އެއްގޮތަށް އަމަލު ކުރުން ގާނޫނު އަސާސީ ހުރަސް އަޅާ ކަމަކަށް ނުވާތީ މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) އޭގެ ޒާތުގައި ގާނޫނު އަސާސީއާ ތައާރުޒު ނުވާ ކަމަށެވެ.ހަ ފަނޑިޔާރުން އިއްތިފާގުވެފައިވާ ގޮތުން ވަޒީރުން މަގާމަށް އައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ރުހުން ބޭނުންވި ކަމުގައި ވިޔަސް އެ މަގާމުތަކަކީ ސިޔާސީ މަގާމުތަކެކެވެ. އެ މަގާމުތަކަށް މީހުން އައްޔަން ކުރުމަށްފަހު ރައްޔިތުން މަޖިލީހުން ދޭންޖެހޭ ރުހުން ދިނުމުގައި މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) އަށް އަމަލު ކުރުމަކީ ސެޕަރޭޝަން އޮފް ޕަވާސްގެ ދުސްތޫރީ އުސޫލާ ވަޒީރުންގެ މަޖިލިސް އެކުލަވައިލުމުގައި ރައީސުލް ޖުމްހުރިއްޔާއަށް ލިބިދީފައިވާ ބާރާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ބަޔާންވެފައިވާ ދުސްތޫރީ އުސޫލާ ތައާރުޒުވާ އިޖުރާއާތު ތަކެކެވެ.މި މައްސަލައިގައި ރައުޔު ތަފާތުވެވަޑައިގެންނެވި ފަނޑިޔާރު މުއުތަސިމްގެ ރައުޔުގައި ބުނަނީ "... މި މައްސަލައަށް ގާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު އަހުރެންގެ ރައުޔަކީ ވަޒީރުންގެ މަޖިލީހަށް މިފަހުން އިސް ކުރެވުނު މެންބަރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް ނިންމުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ފިޔަވައި އެހެން ބާރެއް އެ މަޖިލީހުން ހަދާ ގަވައިދަކުން ލިބި ނުގަނުގަނެވޭނެ ކަމާއި މިފަހުން ވަޒީރުންގެ މަޖިލީހަށް އިސްކުރެވުނު މެންބަރުން ވަޒީރުންގެ މަޖިލީހުން ވަކި ކުރެވޭނެ ހަމައެކެނި ގޮތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބުނާ ގޮތްތަކުން ކުރެ ގޮތެއްގެ މަތިން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރެވޭނެ އަދި ވަކިވާނެ ގޮތް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދެއް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފުވެގެން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޒިންމާ އުފުލަން ޖެހޭ އެހެން ސަބަބަކާ ހުރެ ތަންފީޒު ނުކުރެވުމުގެ ސަބަބުން ނުކުންނަ ނަތީޖާގެ ޒިންމާ އުފުލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން" ކަމަށެވެ.ދައުލަތުން ހުށަހެޅި މައްސަލައަށް މިރޭ ސުޕްރީމް ކޯޓުން ނިމުން ގެނައުމުން ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު ވިދާޅުވީ ވަޒީރުންނަށް ރުހުން ހޯދުމުގައި މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) އަށް އަމަލު ކުރަން ނުޖެހޭކަން ދައުލަތުން ބުނަމުން އައި ގޮތަށް ސާފުކޮށް ސުޕްރީމްކޯޓުގެ ހުކުމުން ވަރަށް އޮޅުންފިލައިފި ކަމަށާއި މިއީ ޑިމޮކްރަސީއަށާއި ރާއްޖޭގެ ގާނޫނީ ހަޔާތަށާއި މުޅި ލީގަލް ކޮމިއުނިޓީއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ވިދާޅުވީ ބާރުތައް ވަކިވެފައިވާ ދުސްތޫރީ އިންތައް ސާފުވެގެން ދިޔައީ ހުކުމެއް ކަމަށާއި މައްސަލަ ނިމިގެން ދިޔައީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.މި މައްސަލައިގެ ތެރެއަށް ތަދުއްހުލުވި ޕީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ރޫލިން އަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި ސަރުކާރުން ބޭނުންވި ގޮތަށް މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) އަކީ ބާތިލު އަކުރެއް ކަމަށް ނިމިގެން ނުދިޔަ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހަމަޖެގެންދިޔަ ގޮތުން މަޖިލީހަށް މަނާވެގެން ދިޔައީ ވަޒީރުންނަށް ރުހުން ދިނުމުގައި އިންޓަވިއު ކުރުމުގެ ބައި ކަމަށެވެ."މި ހުކުމާ އެކު ދެން މަޖިލިސް ކުރިޔަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.މި މައްސަލައިގައި ތަދުއްހުލުވި ޕީއޭ އަދި ޑީއާރްޕީގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމެވުމަކީ ރަނގަޅު "ޖަޖްމެންޓެއް" ކަމަށެވެ.މައްސަލައިގައި އިތިފާގުވެވަޑައިގެންވި ހަ ފަނޑިޔާރުން ފާހަގަ ކުރައްވާފައިވާ މުހިއްމު ނުކުތާކުގައި ބުނަނީ ވަކި ގޮތަކަށް އަމަލު ކުރުމަށް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަންކަމުގަ އާއި ލަފާ ދޭންޖެހޭ ކަންކަމުގަ އާއި މަޝްވަރާ ދޭންޖެހޭ ކަންކަމުގައި އަމަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 171 ވަނަ މާއްދާގާގައި ބުނެފައިވާ ގޮތުގެމަތިން ކަމަށް އެމާއްދާގައި ބަޔާންވެ، އެމާއްދާގެ (ވ) ގައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ މައްސަލައަކީ ވަކި މަގާމަކަށް މީހަކު އައްޔަން ކުރުމާ ގުޅޭ މައްސަލައަކަށްވާނަމަ  އެ މަގާމަކަށް އެމީހަކު ގާބިލުކަން ނުވަތަ ނޫންކަން އެ ދާއިރާއާ ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން އެ ދާއިރާ ކުރިއެރުވުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާ ބެހޭ ގޮތުން ކޮމެޓީ މަރުހަލާގައި އޭނާއާ ސުވާލުކުރަން ވާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން އެ މީހެއްގެ ޒާތީ މައުލުމާތާއި އިލްމީ މައުލޫމާތާއި ފަންނީ މައުލޫމާތު ހޯދުމުގެ އިތުރުން ކަމަށް ބަޔާންވެފައިވާ އިބާރާތަށާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ އެކިއެކި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަންޖެހޭ ތަފާތު ދުސްތޫރީ އުސޫލުތަކެއް ގާނޫނު އަސާސީގައި ވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން މެނުވީ މީހުން އައްޔަން ނުކުރެވޭނެ މަގާމުތައް ގާނޫނު އަސާސީގައި ބަޔާންވެފައި ހުރި ކަމަށާއި މަގާމަށް މީހަކު އައްޔަން ކުރުމަށްފަހު ރުހުން ހޯދަންޖެހޭ މަގާމުތައް ހުރިކަމަށާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ބައެއް މަގާމުތަކަކީ އެ މަގާމުތަކަށް އައްޔަން ކުރުމުގައި ހަމައެކެނި މަގާމު އަދާކުރުމުގެ އަހުލުވެރިކަމާއި ފަންނީ ގާބިލުކަން ހުރި މިންވަރު ބަލާ ވަޒަން ކުރުމަށް ފަހު ރުހުންދެވިދާނެ މަގާމުތަކަކަށްވާއިރު އަނެއްބައި މަގާމުތަކަކީ އެ މަގާމުތަކަށް ރުހުން ދިނުމުގައި ދުސްތޫރީ ވަކި އުސޫލުތަކަކަށް ތަބާވާވުން ލާޒިމް ވާ ގޮތަށް ހުރި މަގާމުތަކެއް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. 21:36 ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ 129 ވަނަ މާއްދާގެ ރ. ގައި ބުނަނީ، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މީހުންގެ ނަންތައް، އެ މީހުން އައްޔަން ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ޓަކައި ފޮނުވަން ޖެހޭނެ ކަމަށެވެ.  21:24 ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ހަވައިދުގެ 171 ވަނަ މާއްދާގެ ވ. ގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ޖެހޭ މައްސަލައަކީ، ވަކި މަގާމަކަށް މީހަކު އައްޔަން ކުރުމާ ގުޅޭ މައްސަލައެއް ކަމަށްވާނަމަ، އެ މަގާމަކަށް އެމީހަކު ޤާބިލުކަން ނުވަތަ ނޫން ކަން، އެ މަޤާމަކާ ގުޅޭ މަޢުލޫމާތު އެމީހަކަށް ލިބިގެންވާ ކަން ނުވަތަ ނޫންކަން، އެ ދާއިރާއާ ގުޅޭ ގޮތުން އެއްވެސް ތަޖުރިބާ އެއް ހުރިކަން ނުވަތަ ނޫންކަން، އެ ދާއިރާ ކުރިއެރުވުމަށްޓަކައި، އެ ދާއިރާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާ ބެހޭގޮތުން، ކޮމެޓީގެ މަރުހަލާގައި އޭނާއާ ސުވާލުކުރަންވާނެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ކަނޑައަޅާ އުސޫލު ތަކުގެ މަތީން އެމީހެއްގެ ޒާތީ މަޢުލޫމާތާއި އިލްމީ މަޢުލޫމާތާއި ފަންނީ މަޢުލޫމާތު ހޯދުމުގެ އިތުރުންނެވެ." ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު މިރޭ ވިދާޅުވީ ކޯޓުގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި އެ ނިންމެވުގެ ސަބަބުން މަޖިލީސް ކުރިއަށް ގެންދެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކޯޓުގެ ހުކުމުން މަނާކުރެއްވީ ވަޒީރުންނާ ކޮމެޓީގައި އިންޓަވިއު ކުރުން ކަމަށެވެ. އެ ހުކުމަށް ތާއީދު ނުކުރައްވަނީ މުއްތަސިމު އަދުނާނު އެކަންޏެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދަށް އެއްވެސް ފަރާތަކަށް ގޮތް ނުކިޔޭނެ ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުގެ ގަވާއިދުގެ ވ. އަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ނަމަވެސް 171 ވަނަ މާއްދާގެ ވ. ގަވައިދުން އުނިކުރަން ވެސް ނުޖެހޭނެ ކަމަށެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރަކު ތާއީދުކުރައްވާފައިވެ އެވެ. ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ ވ. އުވާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ