ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ހައްސާސް ދަނޑިވަޅުގައި ސިއްހީ މާހިރުން ދެއްވާ ލަފާ ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ހާލަތުގައި ކަމާއި ބެހޭ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބައި، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުގޮސް ގޭގައި މަޑު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެ މީހަކުވެސް ހަމަ ގޭގައި މަޑު ކުރަން. ޒަރޫރީ ހާލަތެއްގަ ފިޔަވައި އެއްގޮތަކަށްވެސް ގެއިން ނުނިކުންނަން. އަދި ބޭރަށް ނުކުމެ އުޅޭއިރުވެސް ބަޔަކާ ދިމާވެއްޖެއްޔާ ފިޒިކަލް ޑިސްޓެންސް ހިފަހައްޓަވާ،" މައުމޫން ވިދާޅުވިއެވެ.
ބަލިން ސަލާމަތްވުމަށް ދިރިއުޅޭ ތަނާއި ލައިގެން ހުންނަ ތަކެތީގެ އިތުރުން އަތް ދޮވުމަކީ އިސްލާމް ދީނުގައިވެސް އަންގަވާފައިވާ ގޮތް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ގިނަ މީހުން އަމަލު ކޮށްފިނަމަ މާގިނަ ދުވަހެއް ނުވެ ބަލިން ސަލާމަތް ވެގެން ދާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަރަށްވެސް ހިފަހެއްޓިފައި އޮތީ ރަސްމީ ފަރާތުން އަޅުއްވާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމުން ކަމަށާއި އެގޮތަށް ފިޔަވަޅު ނޭޅި ނަމަ ރާއްޖޭގެ ހާލަތު މިހާރަށްވުރެ ވެސް ގޯސްވެގެން ދާނެ ކަމަށެވެ.
"ރާއްޖޭގެ ދަތުރުފަތުރުގެ ކަންތައްތަކާއި މިކަންތައްތައްވެސް މަނާ ކުރައްވައި ލޮކްޑައުން ކުރައްވައި އަދި އެންމެންނަށް މި ނަސޭހަތް ދުވާލު ކޮންމެ ދުވަހަކު ދެއްވާ، މިހެން ހެއްދެވީމަ އޭގެވެސް ވަބާއިން އަޅުގަނޑުމެންނަށް މިވަރަށްވެސް މިއޮތީ ހިފެހެއްޓިފައި. އެހެން ނޫންނަމަ މާ ބޮޑަށް ފެތުރިގެން ދިޔައީސް" މައުމޫން ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 67 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 40 އަށްވުރެ ގިނަ މީހުންނަކީ ވެރިކަން ކުރާ މާލެއިން ފައްސިވެފައިވާ މީހުންނެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ސިއްހީ މާހިރުން ދެއްވާ ލަފާ ގަބޫލުކުރަން ޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ