ކޮވިޑް-19: ކަރަންޓު ބިލް ދައްކައިދީ، މަގޫދޫ ކައުންސިލުން ބޮޑެތި އެހީތަކެއް!

ކޮވިޑް-19އާ ހެދި ރަށުގެ ގިނަ ބައެއްގެ އަތްމަތި ދަތިވެފައިވާތީ، ކުރިއަށް އޮތް ރޯދަ މަހު، ފ. މަގޫދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލާ އެ ރަށު ކައުންސިލުން ހަވާލުވެއްޖެ އެވެ.
މަސްވެރި އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު މިރޭ ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން، ރަށުގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެހީތެރިވުމުގެ ގޮތުން ރޯދަ މަހު ހުރިހާ ގެއެއްގެ ބިލް ދައްކައިދީ، އެހެން އެހީތައް ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަށް ސަތޭކައަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށުގައި މިދިޔަ އަހަރު ވެސް، ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުން ކައުންސިލުން ވަނީ ހުރިހާ ގެއެއްގެ ކަރަންޓު ބިލްގެ 50 ޕަސެންޓް ދައްކައިދީފަ އެވެ.
"މި ފަހަރު އަޅުގަނޑުމެން މި ނިންމީ އެ ހަރަދުގައި ކައުންސިލުން އެއްކޮށް ހިފަން. ލަފާކުރެވޭ ގޮތުން ދެ ލައްކައަށް ވުރެ ބޮޑު ހަރަދެއް އެކަމަށް ދާނެ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ ހާލަތަށް ބަދަލެއް ނާންނަ ނަމަ، އަންނަ މަހު ވެސް ކަރަންޓު ބިލް ދައްކައިދީ، ރައްޔިތުންގެ ޒަރޫރީ ހުރިހާ ބޭނުންތަކެއް، އެ ކައުންސިލުން ހިލޭ ކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން، ދަނޑުވެރިކަން ކުރުމުގެ ގޮތުން ބޭނުން ކޮންމެ މީހަކަށް އެ ރަށުން 40 އަކަފޫޓުގެ ބިމެއް ހިލޭ ދޭން ނިންމާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކޮވިޑް-19އާ ހެދި، ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ރަށުގައި ވިޔަފާރި ހިންގާ މީހުންނަށް ވެސް ލުޔެއް ދިނުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެގޮތުން އާއްމު ބިންތަކުގައި ހޮޓާ/ރެސްޓޯރަންޓް ހިންގާ ފަރާތްތަކުގެ ކުލި ތިން މަހަށް މާފުކޮށްދީފައިވާ އިރު، ގެސްޓްހައުސްތަކުގެ ކުލީގެ 40 ޕަސެންޓް ވަނީ ކުރިއަށް އޮތް ހަ މަހަށް ކުޑަކޮށްދީފަ އެވެ. އަދި އެހެން ބައެއް ބިންތަކުގެ ކުލި ވެސް ވަނީ ފަސްކޮށްދީފަ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކައުންސިލްގައި މާލީ ތަނަވަސްކަން އެބަހުރި. އެހެންވެ، ބޭނުންވީ މި ދަނޑިވަޅުގައި ރައްޔިތުންނަށް އެހީތެރިވާން،" ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ