ހައްޖުގެ ކަންކަން މަޑުޖައްސާލަން ސައުދީން އިލްތިމާސްކޮށްފި

ކޮވިޑް-19ގެ ބަލިމަޑުކަން ހަމަޔަކަށް އެޅެންދެން ހައްޖުގެ ކަންތައް މަޑުޖައްސާލުމަށް ހައްޖަން ދާން ރާވަމުންދާ ފަރާތްތަކަށް ސަޢުދީ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ މިނިސްޓަރ ޑރ.މުހައްމަދު ސާލިހް ބެންތެން އެގައުމުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަމަށް އެގައުމަށްދާ ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ސައުދީން އޮތީ ތައްޔާރަށްކަމަށެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން މިވަގުތު އެންމެ އިސްކަންދެނީ ސައުދީ ރައްޔިތުންނާއި ދުނިޔޭގެ ހުރިހާ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ހައްޖުގެ ކަންކަން މަޑުޖައްސާލުމަށް ސައުދީ ސަރުކާރުން އިލްތިމާސްކުރައްވާފައިވާއިރު މީގެ ކުރިން ދުނިޔޭގައި ހަލުވިކަމާއެކު މެލޭރިޔާ ފެތުރުނު ދުވަސްވަރު 632 ހައްޖާޖީން މަރުވެފައިވެއެވެ. އަދި 1821 ވަނަ އަހަރު ކޮލެރާ ފެތުރުނު ދުވަސްވަރު 20،000 ހައްޖާޖީން މަރުވެފައިވެއެވެ.
ކޯވިޑް-19 ސައުދީ އަރަބިއްޔާއިން ފެނުމާއި ގުޅިގެން އެގައުމުން ވަނީ އުމްރާގެ ޢަޅުކަން މަޑުޖައްސާލާ އެގައުމަށް އެހެން ގައުމުތަކުގެ ފްލައިޓްތައް ދިއުން ހުއްޓާލާފައެވެ. އަދި އެ ގައުމުގައި ވަނީ ވަކި ވަގުތުތަކެއްގައި ކާފިއު އިއުލާންކޮށް އާންމުން ބޭރަށް ނިކުތުން މަނާކޮށްފައެވެ.
ސައުދީ އަރަބިއްޔާގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,563 އަށް އަރާފައެވެ. އަދި ފާއިތުވި ސައުވީސް ގަޑިއިރުވެސް އެގައުމުން ވަނީ އަލަށް 110 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަން މީހުން މައްކާއާއި މަދީނާއަށް ޒިޔާރަތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ