އާސެނަލްގެ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ނިމެން ދިޔަ މެޗުގެ ފަހު މިނިޓާއި އިތުރު ވަގުތުގައި ދެ ލަނޑު ޖަހާ އެވަޓަން ބަލިކޮށް މިރޭ އާސެނަލް ހޯދި ކާމިޔާބީގައި އުމުރުން އެންމެ 16 އަހަރުގެ މެކްސް ޑޯމެން މުހިންމު ރޯލެއް ކުޅެފި އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި ކުޅެން ނުކުތް ޑޯމެންގެ ރީތި ކުޅުމާ އެކު ސަޕޯޓަރުންނަށް ދިރުން ލިބުނެވެ. އެ ސަޕޯޓަރުން ފުރަތަމަ ކައްކުވާލީ މެޗުގެ 89 ވަނަ މިނިޓްގައި އޭނާ ނަގައިދިން ހުރަހަކުން އާސެނަލްއަށް ލަނޑު ޖެހުމުންނެވެ. މި ލަނޑު ޖެހީ އެވަޓަންގެ ކީޕަރުގެ އަތުގައި ޖެހިފައި ވެއްޓުނު ބޯޅައިން ހުސްވި ފުރުސަތުގައި ފޯވަޑް ވިކްޓާ ޔޮކެރެސް އެވެ.
އެކަމަކު ފުރަތަމަ ލަނޑަށް ވުރެ ބޮޑަށް މުޅި ދަނޑު އުތުރިއަރައިގަތީ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެވަޓަންގެ ކީޕަރު ވެސް ނެތި ހުހަށް އޮތް ގޯލަށް ބޯޅަ ވައްދާލައިގެން ޑޯމެން ޖެހި ލަނޑުންނެވެ.
އެވަޓަންއަށް ލިބުނު ކޯނަރުގައި ގޮތެއް ހެދޭތޯ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވެސް ދިޔައީ އާސެނަލްގެ ގޯލު އޭރިޔާ ތެރެއަށެވެ. އެ ކޯނަރު ޔޮކްރެސް ބޮލުން ޖަހާ ދިފާއުކުރި ބޯޅަ ގެބްރީލް މާޓިނެއްލީ ބޮލުން ފޮނުވާލުމުން ލިބުނީ ހުހަށް ހުރި ޑޯމެންއަށެވެ. އޭނާ މެދު ރޮނގާ ހަމައިން އެވަޓަންގެ ދެ ކުޅުންތެރިން ކަޓުވާލައިފައި އެކަނިމާއެކަނި ގޮސް ލަނޑު ޖެހީ ހުހަށް އޮތް ގޯލަށެވެ.
ލީގުގެ ތާރީހުގައި ޑޯމެންގެ ނަން މިހާރު ލިއެވިފައި އެވަނީ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެެވެ. އެއީ އުމުރުން 16 އަހަރާއި 70 ދުވަހެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2005ގައި 16 އަހަރާއި 270 ވަނަ ދުވަހު ލަނޑު ޖެހި އެވަޓަންގެ ޖޭމްސް ވޯގަން އަތުގަ އެވެ.
މިއީ އާސެނަލްއަށް ވަރަށް މުހިންމު މޮޅެކެވެ. މި ކާމިޔާބީގެ ގަޑިއެއްހާ އިރު ފަހުން ވެސްޓް ހެމްއާ ދެކޮޅަށް ކުޅެ މެންޗެސްޓަ ސިޓީ 1-1 އިން އެއްވަރުވުމުން، ތާވަލްގެ އެއްވަނާގައި އާސެނަލްއަށް މިހާރު ވަނީ ނުވަ ޕޮއިންޓްގެ ކުރިއެއް ލިބިފަ އެވެ. އެކަމަކު އެއީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
އާސެނަލް، ކުޅުނު 31، ޕޮއިންޓް 70
މެންޗެސްޓަ ސިޓީ، ކުޅުނު 30، ޕޮއިންޓް 61
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 29، ޕޮއިންޓް 51
އެސްޓަން ވިލާ، ކުޅުނު 29، ޕޮއިންޓް 51
ޗެލްސީ، ކުޅުނު 30، ޕޮއިންޓް 48
ޕްރިމިއަ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާ އެކު ޑޯމެން ހޯދައިދިނީ އާސެނަލްއަށް މުހިންމު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ