ރަށު ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ، މަންދޫ ރައްޔިތުން ނުކުމެ އެރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފި އެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެ ކައުންސިލުގެ ރައީސާއެކު އިތުރު މެންބަރަކު ޗުއްޓީގައި ހުރި އިރު، ނައިބް ރައީސް އުޅުއްވަނީ ބަލިވެ ކަމަށެވެ. އަދި އޮފީހަށް އަންނަނީ ބާކީ ތިބި ދެ މެންބަރުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، ރަށު ކައުންސިލުގެ އޮފީސް މިއަދު ހެނދުނު ބަންދުކުރަންޖެހުނީ އެތަނުން ހިދުމަތްދޭނެ މީހަކު ނެތިގެން ކަމަށެވެ.
"މިހާރު ރަށު އޮފީހުން ހިދުމަތް ނުލިބޭތާ ދެ ހަފްތާ ވަރު ވެދާނެ. އެތަނުން ލިޔުމަކާ ހަވާލުވާނެ މީހަކު ނުވޭ. ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ވިއްކާ ކާއްޓެއްވެސް ނުވިއްކާ. އެހެން ވެގެން މިއަދު ހެނދުނު އޮފީހަށް މީހުން އައުމުގެ ކުރިން އޮފީސް ކުރިމަތީގައި ޖޯލި ބަހައްޓައިގެން ތިބީ،" އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ނަމަވެސް މަންދޫ ކައުންސިލުގެ ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް އަސާސީ ހިދުމަތެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ، މަންދޫ ކައުންސިލް އިދާރާ ބަންދުވާ ގޮތަށް ބަޔަކު މަސައްކަތްކުރި ކަމުގެ ޝަކުވާއެއް މިއަދު ހެނދުނު ފުލުހުންނަށް ހުށަހެޅުމުން، އެއަތޮޅުގެ އެހެން ރަށަކުން ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ހިދުމަތް ނުލިބޭ ކަމަށްބުނެ، ރައްޔިތުން ނުކުމެ މަންދޫ ކައުންސިލް އިދާރާ ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ