މައުމޫން އަވަހާރަކޮށްލަން އުޅުނުކަމަށް ސަންދާނު ލުތުފީ ވިދާޅުވެއްޖެ
އިޞްލާޙީ ހަރަކާތުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން ރޭއްވެވި ކަމަށް ސަންދާނު ލުތުފީ ރޭ ވިދާޅުވެއްޖެއެވެ.ލުތުފީ މިހެން ވިދާޅުވީ ރޭ އޮތް ޕީޕީއެމްގެ “ނަޝީދަށް ނޫނެކޭ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލުތުފީ ވިދާޅުވި ގޮތުގައި 1990ގެ އަހަރުތަކުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ޚިޔާލުތަފާތުވެ، ރައީސް މައުމޫނުގެ ވެރިކަމުގައި ދުވަހަކުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނުލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ.“އާދެ 1990ގެ އަހަރުތަކުގެ ތެރޭގައި ދުލާއި ގަލަމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތުގައި ޚިޔާލު ތަފާތުވުމުން އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކައިރީ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ތިމަންނާމެންނަށް ދުވަހަކު ވެސް ދުލާއި ގަލަމުގެ މިނިވަންކަން ނުލިބޭނޭ. ދެން އެމަނިކުފާނު ބޭނުންފުޅުވީ މި އިންނެވި ދިވެހިރާއްޖެ އަށް ދުލާއި ގަލަމުގެ މިނިވަންކަން ގެނެސްދެއްވި ދިވެހި ގައުމަށް އަގު ނުކުރެވޭ ވަރުގެ އެތަކެއް ޚިދުމަތްތަކެއް ކުރެއްވި މަނިކުފާނުގެ ފުރާނަ ފުޅަށް ނުރައްކާވާ ކަންތައްތައް ކުރަން،” ރައީސް ނަޝިދު ކުރައްވަން ގަސްތު ކުރެއްވި ކަންތައް ތަކަށް އިޝާރާތް ކޮށް ލުތުފީ ވިދާޅުވި އެވެ.އަދިވެސް އިތުރަށް، މައުމޫނުގެ އަރިސް ބޭފުޅަކު ވިދާޅުވިކަމަށް އިޝާރާތްކޮށް ލުތުފީ ވަނީ މައުމޫނު އަވަހާރަކޮށްލަން އެބޭފުޅުން ރޭއްވެވި ގޮތެއް ތަފްސީލް ކޮށްދެއްވާފައެވެ.“އަދިވެސް މީގެ އެއްހާދިސާ ދަންނަވާނަން. ދެހާސް ހަތަރު ވަނަ އަހަރުގައި ބަޣާވާތަކުން ރައީސް މައުމޫންގެ ވެރިކަން ނިންމާލުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވުމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ރައީސް މައުމޫން ކައިރީ އިންނަވައިގެން ފޯނު ކުރައްވާފައި ވިދާޅުވީ ލުތުފީއޭ ފުރައިގެން އިންޑިއާ އަށް ދާށޭ. މިކަމެއް ނުވާނޭ. މިއީ ހަމަ ވިދާޅުވި ބަސް. ހިޓްމޭންއަކު ހޯދައިގެން މައުމޫން އަވަހާރަކޮށްލައިގެން ނޫނީ އަޅުގަނޑުމެންނަށް މިގައުމު ބަދަލެއް ނުކުރެވޭނޭ. އެދުވަހު ވެސް އަޅުގަނޑު ދެންނެވީ ތިކަމާ އެއްބަހެއް ނުވާނަމޭ. އަޅުގަނޑު އެއްބަހެއް ނުވަން. އެއީ އަޅުގަނޑުގެ މިޒާޖެއް ނޫން. މި ގައުމުގައި ލޭ އޮހޮރުވުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން،” ލުތުފީ ވިދާޅުވި އެވެ.ސަންދާނު ލުތުފީ އަކީ ރާއްޖެއަށް އިޞްލާޙީ ބަދަލު ގެނައުމަށް އީމެއިލްގެ ޒަރީޢާއިން “ސަންދާނު” ނޫސް ނެރުއްވުމުގައި އިސްކޮށް ޙަރަކާތްތެރިވި ބޭފުޅެކެވެ. ރައީސް ނަޝިދުގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ދީނީ ކަންކަމުގައި ރައީސް ނަޝީދާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ އެމަނިކުފާނާއި ވަކިވެ ވަޑައިގެން ރައީސް ނަޝީދާ ދެކޮޅަށް ވަރަށް ފާޅުގައި މަސައްކަތް ކުރައްވާތީ ފެންނަ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ