ނުވަވަނަ ބަޔާ ގުޅޭ
ނަދާލް ދިޔުމުންވެސް އައިލީންއަށް އެތައް އިރަކު އެނދުގައި ވިސްނަން އިނދެވުނެވެ. ނަދާލްގެ އަމަލުތަކުން އޭނާއަށް ލޯތްބާއި އަޅާލުން އިހުސާސްވިޔަސް ނަދާލްގެ ދުލުން އެފަދަ ކަމަށް އިއުތިރާފު ނުވަނީ ކީއްވެ ހެއްޔެވެ؟
އެދުވަހުގެ ބާކީބައި ހޭދަވެ ލާންޗާ ހަމައަށް އައިލީން ގެނެސްދިން އިރުވެސް ނަދާލް ހުރީ ނެގިމަޑުވެފައިކަން އައިލީންއަށް ފާހަގަކުރެވުނެވެ. އެހެންޏާ ފެންނަ އަނގަގަދަކަމާއި އުފާވެރިކަމެއް ނަދާލްގެ ފަރާތަކުން ނުފެނެ އެވެ. އައިލީންއަށް ފެންނަމުންދިޔައީ މި ދެތިންދުވަހެއްގެ ތެރޭގައި އޭނާއަށް ދަސްވި ނަދާލްއާ މުޅިން ބީރައްޓެހި ނަދާލްއެކެވެ. ނަދާލްގެ މިޒާޖަށް އެހާބޮޑު ބަދަލެއް އައުމުގެ ސަބަބާމެދު ވިސްނައި ވިސްނައި ބޯ ގޮވާ ހިސާބަށް ދިޔުމުން އައިލީން އެކަމާ ގުޅިގެން ނަދާލްއާ ސުވާލުކުރި އެވެ. އޭރު އެމީހުން ތިބީ އައިލީން ފުރަން ހަމަޖެހިފައިވާ ލާންޗާ ދިމާލުން ފާލަންމަތީގައި މަޑުކޮށްލައިގެނެވެ.
"މަޑުންތަ މި ހުރެވެނީ؟ ވެދާނެ ލޫނާ ފުރާތީ މާ ދެރަވެފަ ހުރެވެނީކަމަށް. ރަށަށް ދެވޭހާއިރު ކޮށްފަ އަހަރެން ގުޅާނަން އެނގޭ. ހޭވް އަ ސޭފް ޓްރިޕް" އާދައިގެމަތިން ނަދާލްގެ ޖަވާބު އައީ އައިލީން ހިތް އުފާވާނޭފަދަ ގޮތަކަށެވެ. ވަދާއީ ސަލާމެއްގެ ގޮތުން ނަދާލްގެ ގައިގައި ބައްދައިލުމަށްފަހު އައިލީން ލާންޗަށް އެރި އެވެ.
-----
ހޮސްޕިޓަލުގައި މާ ދަންވަންދެން އުޅެފައި އައުމުން މައިރާއަށް ހޭލެވުނީ އެހެން ދުވަސްދުވަހަށްވުރެން ލަހުންނެވެ. އިވާން އޭނާގާތު އަވަހަށް ގެއަށްދާން ބުނި ނަމަވެސް އޭރު އާޒިމާ ދޫކޮށްލާ ވާހަކަ ދައްކަމުންދިޔައީތީ އޭނާ އެމީހުންނާއެކު އަންނަން މަޑުކުރީއެވެ. މިހާރު މައިރާއަށް އެކަމުގެ މޮޔަހީވާން ފަށައިފިއެވެ. ފެންވަރައިގެން އޭނާއަށް ކޮޓަރިން ނުކުމެވުނު އިރު ހަމަ ރަނގަޅަށްވެސް މެންދުރު ބާރަ ޖަހަނީ އެވެ. ހަމައެވަގުތު ޖެހިގެންހުރި ކޮޓަރިން އިވާން ނުކުތްތަންފެނި މައިރާގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ހައިރާންކަމަށް ބަދަލުވި އެވެ. އަޅިކުލައިގެ ގަޔަށްދޫ ޓީޝާޓަކާއި ޑެނިމް ޖީންސެއްގައި ހުރި އިވާންގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ. މޫނުމަތީގައިވެސް ވަނީ ތާޒާކަމެވެ. މައިރާއަށް އިވާން ފެންނަމުން ދިޔައީ އާންމުކޮށް މިގަޑީގައި ނުފެންނަހާ ނުރަސްމީކޮށެވެ.
"މިއީ.. މާމަ ބަލިވީމަ އޮފެއް ނެގީ." މައިރާގެ މޫނުމަތީގައިވި ސުވާލަށް އިވާން ޖަވާބުދިނެވެ. މައިރާ ވަކި އެއްޗެކޭ ނުބުނެ ބޯ ޖަހައިލުމަށްފަހު ސިޑިން ފޭބި އެވެ. އެންމެ ފަހު ހަރުފަތާ ހިސާބުން ކުރިއަށް ހިނގައިގަންނަން ނޭނގިފައި ހުރެވުނީ ގޭތެރެއިން އޭނާއަށް މުޅިން ބީރައްޓެހި މޫނެއް ފެނުމުންނެވެ. އެމީހަކު ފެނުމާއެކު އޭނާގެ ފަސްފަހަތުން ސިޑިން ފޭބި އިވާން ފުންނޭވާއެއް ދޫކޮށްލިކަން މައިރާއަށް އިހުސާސްވި އެވެ. އިވާންގެ އެ ނުތަނަވަސްކަމުން އެކަނިވެސް ކަންތައްތައް ވާން މިއުޅެނީ ރަނގަޅަށް ނޫންކަން މައިރާއަށް އެނގުނެވެ.
"އެގޭ ގަހުން ކުރީރޭ ފޭރެއް ވަގަށް ނެގިކަން ފަޅާއެރީ ކަންނޭނގެ. މައި އަވަހަށް ސޮރީ ބުނޭ" އިވާން ވައިއަޑުން މައިރާގެ ކަންފަތްދޮށުގައި ބުނި ވާހަކައިން މައިރާގެ ހާސްކަން އިތުރުވެ ދެއަތް ދެއަތާ މޮޑެން ފެށުނެވެ.
"މިއައީ ދޯ ދެކުދިން. އާދެބަލަ ކޮއެފުޅާ މިކޮޅަށް. އާދެބަލަ. އިވާންވެސް އާދެބަލަ" އާޒިމާގާތު ސޯފާގައި އިށީނދެލައިގެން އިން މެދުއުމުރުގެ އަންހެނާ ގޮވައިލުމުން މައިރާ ޖެހިލުންވެފައި ހުރެވެސް އިވާންއާއެކު އެދިމާލަށް ހިނގައިގަތެވެ.
"އިވާން.. ދަރިފުޅު މިހާރު ހަލީމާއްތަމެން ގެއަށް ނުވެސް ވަދެލާ ދޯ. މިއީ ދެ ގެ އެއް އިމަކަށް ހުންނަ އިރުވެސް ވާ ވަރަކީ" އިވާންގެ ކޮނޑުގައި ފިރުމައިލަމުން ހަލީމާ ޝަކުވާކުރި އެވެ.
"މިއީ ހަމަ.. ބިޒީކަމުން ހަލީމާއްތާ" އިވާން ބޯ ކަހައިލި އެވެ.
"ދެން ދެކުދިން ކޮން އިރަކުން ކައިވެނި ކުރަނީ؟ ދައްތައަށް އިވާން މީހަކާ އިންނަން އުޅޭކަންވެސް އެނގުނީ އިއްޔެ މިއުޅޭ ހަދީޖާ އައިސް ބުނީމަ. އާޒިމާ ހޮސްޕިޓަލުގެ ބާއްވައިގެން އެބަ އުޅެޔޯ. އަހަރެން އާޒިމާގާތަށް ދާން އުޅެނިކޮށް އޭނަ ބުނެފި އިވާން އިންނަން އުޅޭ މަންޖެ އެބަ އިނޭ އެތާނގަ. ބުނީމަ ހިތަށްއެރީ ދެން ގެއަށް ދޫކޮށްލީމައޭ އަންނާނީ" ހަލީމާގެ ވާހަކައިން އިވާންއާއި މައިރާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު އެކަކު އަނެކަކަށް ބަލައިލި އެވެ.
"ހަލީމާއްތާ. އަސްލު އަޅުގަނޑު ނޫޅެމޭ މައިރާއާ މެރީކުރާކަށް" އިވާން ބުންޏެވެ.
"ދަރިފުޅާ އިވާން ދެން ތިއީ ކޮންގޮތެއް؟ ދައްތައަށް އެނގޭ މިޒަމާނުގެ ކުދިން އަވަހަށް ކައިވެނި ކުރާކަށް ބޭނުމެއް ނުވާނެކަން.. އެކަމަކު މިހާރުވެސް ދެކުދިން ތިއުޅެނީ އެއްކޮށް. ތިހެން އުޅެނިކޮށް ފަހަނައަޅައި ދާން ނުޖެހޭ އިންތައްވެސް ގިނަފަހަރު ފަހަނައަޅައި ދާތަން ފެންނަނީ. މިހާރުވެސް އެ ހަދީޖާ މިރަށު މީހުން ކައިރި ފާޑުފާޑުގެ ވާހަކަ އެބަ ފަތުރާ. އެގޭ އާސިމް ބަންދުކުރިފަހުން އޭނަ ހުންނަނީ އިވާންއާ ޖައްސާލާފަކަން ދަރިފުޅަށް އެނގޭނެ. ދައްތަގެ ވާހަކައަކީ ދެން އަވަހަށް ކައިވެނި ކުރަން އުޅޭށޭ" ހަލީމާއަށް އިވާންގެ ވާހަކަ ނެގުނީ މުޅިން ގޯސްކޮށެވެ.
"ދައްތާ އެކަމަކު އަސްލު—އަޅެ މާމާ ކިޔައިދީބަލަ" އިވާންއަށް އެ ކަން ތަފްސީލު ކޮށްދޭނެ އިތުރުގޮތެއް ނޭނގިގެން އާޒިމާގެ އެހީއަށް އެދުނެވެ. އާޒިމާ ހިނިގަނޑަކުން ފުއްދައިލީ އެވެ.
"ކޮން ނަމެއްތަ ކިޔަނީ ދަރިފުޅަށް؟" މިފަހަރު ހަލީމާ ވާހަކަދެއްކީ މައިރާއާ އެވެ.
"މައިރާ ކިޔަނީ" މައިރާ އިސްޖަހައިލައިގެން އިނދެ ބުންޏެވެ.
"މައިރާ.. އަންހެންކުދިން ޖެހޭނެ ފިރިހެން ކުދިންނަށްވުރެން ވިސްނައިގެން އުޅެން.. މިހެން މިބުނަނީކީ އެއްގޮތަކަށްވެސް އިވާންއަކީ ގޯސް ކުއްޖަކަށް ވާތީކީ ނޫން. މިރަށު އެންމެނަށްވެސް އެނގޭނެ އިވާންއަކީ ކިހާ ހެޔޮލަފާ ރަނގަޅު ކުއްޖެއްކަން. ހަރުދަނާ ވަޒީފާއެއްގަ އުޅެނީ.. ފަރުޟު ފަސްނަމާދު ވަގުތު މިސްކިތުން ނޫން ތަނަކުން ނުފެންނާނެ" ހަލީމާގެ ދުލުން އިވާންއަށް ކުރަމުންދިޔަ ތައުރީފުތައް އިވި މައިރާ ލޮލުގެ ހިމަކޮޅުން އިވާންއަށް ބަލައިލިއިރު އިވާން ރަކިވެފައި އިނދެ ބޮލުގައި އަތްފުނާ އަޅައިލިތަން ފެނުނެވެ. 'އެކަމަކު ކުށްވެސް ކުރެވޭނީ އިންސާނުންނަށް. މިއަދު ދައްތައަށް މި ފެނުނީ ދެކުދިން އެއްކޮށް ނިދާ ހޭލައިގެން އައި ތަންވެސް. މާދަން ފެންނާނީ އެހެން މީހަކަށް. އެހެން ނޫޅޭ ދަރިފުޅާ.. ދެކުދިން އިނދެލައިގެން ތިބީމަކާ އިތުރު މީހަކަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ" ހަލީމާ ނަސޭހަތްތެރިވި އެވެ.
"ދައްތާ.. ދައްތައަށް އަދި ތި ހީވީ ގޯސްކޮށް. އަހަރެންނާ އިވާންއާ ދެމެދަކު ތި ހީކުރާކަހަލަ ގުޅުމެއް ނޯވެޔޭ" މައިރާ ބުންޏެވެ. އެހެނަސް ހަލީމާގެ މޫނުމަތިން އެކަން ގަބޫލު ނުކުރާކަން ފެންނަން ހުއްޓެވެ. އާޒިމާގާތު ފަހުން އަންނާނަން ކަމުގައި ބުނެފައި އޭނާ ހިނގައިގަތީ އެގެއިން ނުކުތުމަށެވެ. އެވަގުތު އިވާން މައިރާއަށް ލޮލުން އިޝާރާތެއް ކޮށްލުމުން މައިރާ ކަމެއް ހަނދާންވިފަދައިން ދުވެފައިގޮސް ހަލީމާ ހުއްޓުވި އެވެ.
"ދައްތާ މިއީ.. މިއީ ކުރީ ރޭ އަޅުގަނޑު ފޭރު ކާހިތުން.. ދައްތަމެން ގޭގެ ގަހުން ފޭރެއް ބިނިން. މިއީ.. ސޮރީ.. އަޅުގަނޑު ކިހާވަރެއް ދޭންވީ.. ފޭރުގެ އަގަށް" މައިރާގެ ވާހަކައިން ހަލީމާގެ ގާތަށް ހިނިއައެވެ.
"އެއީ އެހާވަރު ކަމެއްނޫން. އިވާން ނުބުނޭތަ؟ ދައްތަ އޮންނާނީ އިވާންގާތު ބުނެފަ އިވާން ބޭނުން އިރަކު ދައްތަމެންގޭ ގަސްގަހުގަ ހުރި އެއްޗަކިއްޔާ ބިނދެގެން ބޭނުންކުރާށޭ.. ފޭރަކަސް އަނބަކަސް.. މާގިނަ މީހުނެއް އުޅެނީކީ ނޫންވިއްޔާ ދައްތަމެން ގެއަކުވެސް" ހަލީމާގެ ވާހަކައިވި މައިރާއަށް ދުރުގައި އިން އިވާންއާ ދިމާލަށް ލޯ އަޅައިލެވުނެވެ. އޭރު އިވާން އިނީ ހިނިގަނޑު ހިފަހައްޓައިލައިގެނެވެ. މިއީ ހަމަ ގަސްތުގައި އިވާން އޭނާ ދިން ލަނޑެކޭ މައިރާގެ ހިތަށް އެރިއެވެ. އޭނާ ކުރި ކަންތައް ހަލީމާއަށް ނުވެސް އެނގި ހުއްޓާ އަމިއްލަ އަނގައިން ފަޅާއަރުވާލީ އެވެ. ހިތާހިތުން އިވާންއަށް ކުދިކިޔަމުން އައިސް ސޯފާގައި އިށީންވަގުތު އާޒިމާގެ އުނގުގައި އޮތް ބޭރު ނުފެންނަ ހުދުކުލައިގެ ކޮތަޅެއް މައިރާއަށް ދިއްކޮށްލި އެވެ.
"ދަރިފުޅަށް މިއީ"
މައިރާ ލަސްނުކޮށް ކޮތަޅު ހުޅުވައިލި އެވެ. އެއީ ފޭރު ކޮތަޅެކެވެ. މައިރާގެ މޫނު އުޖާލާވެގެން ދިޔަތަންފެނި އިވާންގެ ހިތުގައިވެސް އެ ކޮތަޅުގެ އެތެރެ ބަލައިލުމުގެ ޝައުގުވެރިކަމެއް އުފެދުނެވެ. އޭނާ އެ ކޮތަޅުގައި އަތްޖައްސައިލުމާއެކު މައިރާ އަވަސް އަވަހަށް އެ ކޮތަޅުގެ ތުން ބަނދެލި އެވެ. ނަމަވެސް އޭރު އިވާންއަށް އެ ކޮތަޅުގައި ހުރި އެއްޗެއް ފެނިއްޖެ އެވެ. ފޭރަކީ އިވާންއަށް އެންމެ ކަމުދާ މޭވާކަން އާޒިމާގެ އިތުރުން ހަލީމާއަށްވެސް އޮޅިފައެއް ނޯންނާނެ އެވެ. ވީއިރު ހަލީމާ އެ ކޮތަޅު ގެނެސްދިނީ އޭނާއަށްކަން އިވާންއަށް ޔަގީންކުރެވެ އެވެ.
"އަހަރެންނަށް ގެނެސްދިން ކޮތަޅެއް ދޯ މާމަ މައިރާއަށް ތި ދިނީ. ދެޓްސް ޓޫ އަންފެއަރ މާމާ" އިވާން ބުންޏެވެ. މާމައަށް އޭނާއަށްވުރެން މުހިއްމު މިވީ މައިރާތާ އެވެ. އެހެނަސް އިވާންގެ ހިތުގައި އެކަމާމެދު ޝަކުވާއެއް ނުއުފެދުނެވެ.
"ގެނޭ ތިއީ މަގޭ އެއްޗެކޭ" އިވާން ދެވަނަ ފަހަރަށް ކޮތަޅާދިމާލަށް އަތް ދިއްކޮށްލުމުން މައިރާ އެ ހިފައިގެން ދުއްވައިގަތެވެ. ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތައް ގިރާކޮށްލާފައިގޮސް އެމީހުންގެ ލޯމަތިން ގެއްލުނެވެ.
މައިރާގެ ފަހަތުން ދިޔުމުގެ ބަދަލުގައި އިވާން ގެއިން ނުކުތީ މެންދުރު ނަމާދު ވަގުތު ޖެހިފައިވާތީ މިސްކިތަށް ދިޔުމަށެވެ. އޭނާ ނަމާދުން ފައިބައިގެން ގެއަށް އައި އިރުވެސް ގޭތެރެއިން މައިރާ ފެންނާކަށް ނެތެވެ. މިއަދު މައިރާ އުޅުނު ސިޔާސަ ގޮތްގަނޑު ހަނދާންވުމުން މައިރާއަށް އިތުރު ޖެއްސުމެއް ނުވަތަ ސަމާސާއެއް ކޮށްލުމަށް އިވާންގެ ހިތް އެދެން ފެށިއެވެ. އެހެންކަމުން ކާންދާން އުޅެފައިވެސް އެ ހިޔާލު އެވަގުތަށް ދޫކޮށްލުމަށްފަހު އޭނާ ދުއްވައިގަތީ ސިޑިން މައްޗަށެވެ. މައިރާ އުޅޭނީ ކޮޓަރީގައިކަން ޔަގީންކުރަމުން އޭނާ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލުމަށްފަހު ދޮރުފަތުގެ ކަނީގައި އަތް އަޅުވައިލި އެވެ. ނަމަވެސް ކޮޓަރީގެ ދޮރު ހުޅުވައިލި އައިލީން ފެނި އިވާން ސިއްސައިގެންގޮސް ދޮރުކަނިން އަތް ކައްސާލައިގެން ނުވެއްޓުނީ ކިރިޔާ އެވެ.
"ލީ.. ލީން؟ ކޮންއިރަކު އައީ" އިވާންއަށް ވާހަކަދެއްކުނީވެސް އުނދަގުލުންނެވެ.
"ލީންއޭ ކިޔާނެ ކަމެއްނެތް. މާމަ ބަލިވީމަ ގުޅާފަ އަންގާލަން ރަނގަޅެއްނު" އައިލީން މޭމަތިން ދެއަތް ހުރަސްކޮށްލަމުން ބުންޏެވެ.
"އާން މިއީ.. އުޅުނީމޭ ގުޅަން.. އުޅެނިކޮށް މައި ބުނެފި ލީން މިއަދު އަންނަ ވާހަކަ. އެހެންވެ އަޅާނުލީ. ކިހިނެއްތަ ދިޔައީ ޓްރިޕް؟" އިވާން މައުޟޫއު ބަދަލުކުރެވޭތޯ މަސައްކަތްކުރި އެވެ.
"ޓްރިޕް ކިހިނެއްހޭ އަދި އެބަ އަހައެއްނު؟ އިވާންބެއަށް އެނގޭނެ މާމަ ބަލިކަން އިނގުނުނަމަ ލީން ކަނޑުފަތާފަވިޔަސް އަންނާނެކަން" އައިލީން ހުރީ އަދިވެސް ހިތްހަމަނުޖެހިފަ އެވެ.
"އެހެންވެއޭ ނުބުނީވެސް. ތިއެއްނޫނޭ. ކިހިނެއް ގެއަށް އައީ؟ ކީއްވެ ލާންޗު ދޮށަށް ދާން ނުގުޅީ؟" އިވާން އަހައިލި އެވެ.
"ޝޯންއަށް ގުޅައިގެން އައީ" އައިލީން ޖަވާބުދިނެވެ.
"ޝޯންއޭ.. މިހާރު ތިދެމީހުން ހާދަ ގާތޭ ދޯ.. އަހަރެންނަށްވުރެވެސް ޝޯންއާ މާ ގާތް ލީން.." އިވާން ދިމާކޮށްލި އެވެ.
"އެއްކަލަ އިވާންބެ. ދެން ބުނެބަލަ. ކާކަށް ދައްކަން މިތާ ދޮރުމަތީގަހުރެ ތި މޮޑެލް ކުރަނީކީ؟" މީގެ އިރުކޮޅެއްކުރިން ކޮޓަރީގެ ދޮރު ހުޅުވައިލިއިރު އިވާން ހުރިގޮތަށް ބަލައި އައިލީން ބުންޏެވެ.
"މޮޑެލްއޭ؟ ލީން ދައްކާ ވާހަކަ. ކާން ގޮވަންވެގެން މިއައީ… މައި ގާތުވެސް ބުނޭ ކާން އަންނާށޭ" އިވާން ބުންޏެވެ. ރައްދުގައި އައިލީން "އެންމެ ރަނގަޅޭ" ބުނެ އިވާންގެ މޫނުމައްޗަށް ދޮރުލެއްޕުމުން އިވާންއަށް ޖެހުނީ މާޔޫސްކަމާއެކު އެތަނުން ދުރަށް ހިނގައިގަންނާށެވެ. އިވާންގެ ހިތުގައި މިފަހަކަށް އައިސް އުފެދެމުންދިޔަ ޖަވާބުނުލިބޭ ސުވާލުތަކުގެ ބޮޅުފައްޗަށް އިތުރު ބޮޅެއް އަމުނާ ލެވިއްޖެ އެވެ. މައިރާ ނުފެނުމުން އޭނާ މިހާ މާޔޫސްވާންވީ ކީއްވެ ހެއްޔެވެ؟
------
ހުކުރު ދުވަހުގެ މެންދުރުކެއުމަށް ހ.ފްލޮރެންސްގެ ހުރިހާ ފަންގިފިލާއެއްގައި އުޅޭ އާއިލާގެ މެންބަރުން އެގޭގެ ޓެރަހަށް ޖަމާވަމުންދިޔަ އެވެ. ޓެރަހުގައިވާ މާގަސްތައް ފޭކޮށް ޖާގަހަދައިލުމަށްފަހު ބަހައްޓާފައިވާ ދިގުއަކައެއްގެ ބައްޓަމަށްހުރި ބޮޑު ކާމޭޒުގެ ދޮށުގައި އެންމެން އިށީންނަމުން ދިޔައިރު ކޮންމެ އެޕަރޓްމަންޓަކުން ގެންނަ ކާއެއްޗެހިން ސުފުރާމަތި ފަޅު ފިލަމުންދިޔަ އެވެ. އެކަމަކީ ކޮންމެ މީލާދީ މަހެއްގެވެސް ފުރަތަމަ ހުކުރުގައި އާއިލީ ގުޅުން ބަދަހިކުރުމަށް މުސްތަފާގެ އިރުޝާދާއެކު ކުރަމުންދިޔަ ކަމެކެވެ. މިއަދު މުސްތަފާ އެމީހުންނާ ވަކިވެގެން ގޮސްފައި ވިއެއްކަމަކު އެ އާއިލީ ސަގާފަތް އަދިވެސް ދިރި އެބަ އޮތެވެ.
"ނުސްރާއްތަ ކޯއްޗެއްތަ ހެދީ؟ އަހަރެން ހުންނާނެ ނަދާލްއަށް މީރުވާނެހެން އެއްކަލަ ފަލޫދާ ގިރާފަ" ހުދުކުލައިގެ މަތިޖެހި ކޮންޓެއިނަރެއް ހިފައިގެން މޭޒާ ގާތްވެލި ނުސްރާގާތު މާޒިޔާ އަހައިލި އެވެ.
"މިއީ ހަމަ ރީނދޫ ބަތްކޮޅެއް. މާޒިއަށް ނޭނގޭތަ. ނަދާލް ނެތޭ މާލެއަކު. މަލަކް ކޮބާތަ؟ އަޅެ މިއަދުވެސް ނުނިކުންނަނީތަ؟" ނުސްރާއަށް ދެރަވެފައި އަހައިލެވުނެވެ.
"އާން. ކިހިނެއް ގެންނާނީވެސް. ކޮޓަރިން ބޭރަށް ނެރެން އުޅުނަސް އެހެރަ ރޯލާ ރުއިމެއް. މަގޭ ލަގޮނޑިއަށް ކެތްވާނެތަ؟" މާޒިޔާގެ އަޑުގައިވީ ހިތްދަތިކަމެވެ.
"ދެން ގަދަކަމުން ނެރެން ނޫޅޭ ކުޑާއްތާ.. މަލްއަށް ދިމާވީ އާދައިގެކަމެއް ނޫނެއްނު" ނުސްރާ ހިތްވަރުދިނެވެ. އޭރު މޭޒުދޮށުގައި އިށީނދެތިބި ފިރިހެންވެރިންގެ މެދުގައިވެސް ދެކެވެމުން ދިޔައީ ދަރީންގެ ވާހަކަތަކެވެ.
"ކޮބާ ނަދާލް އަންނާކަށް ނޫޅޭތަ؟" މޭޒުމަތީގައިހުރި ކުކުޅު އެތިން ކާންހުރި ތައްޓަށް ކުކުޅުމަސް އަޅަމުން މުރުޝިދު ވާހަކަދެއްކީ އޭނާގެ ބޭބެއާ އެވެ.
"އާން ބުނެފިން މިހާރު އަންނަން އުޅޭށޭ. އެންމެފަހުން ގުޅި ދުވަހު ބުނީ މައިރާގެ ކޮންމެވެސް ކަމެއްގައޭ ލަސްވަނީ. ބައްޕަ ނިޔާވިތާ ސާޅީސްވުމުގެ ކުރިން ނަދާލް ގެނެވޭތޯ މި ބަލަނީ.. ކޮންމެއަކަސް ކުންފުންޏަށްވެސް ނަދާލް ވަރަށް މުހިއްމު. ކަލިނަރީ ސްކޫލްގެ ކަންތައްވެސް މިހާރު އޮތީ ނަދާލް ނައިސްގެން ހުއްޓިފަ. އަނެއްކާ އަހަރެން ނުވިސްނަން ދެން މާ ގިނަދުވަހު.. ވެރިއެއްގެ ގޮތުގަ ހުންނާކަށް" މާޖިދުގެ ފަހު ޖުމްލައާއެކު މުރުޝިދާއި ޒީނިޔާއަށް ކެއުން ހުއްޓައިލުމަށްފަހު އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"މިއީ.. ދޮންބެ ރިޓަޔަރ ވަނީތަ؟" މުރުޝިދު އަހައިލިއެވެ. "އާން ދެން މުރުޝިދު.. މިހާރު އަހަރުމެންގެ ދުވަސްވެސް މި ނިމުނީ.. ދެން އޮތީ ދަރިންނަށް ފުރުސަތު ދޭންވި ވަގުތު" މާޖިދު ބުންޏެވެ. ޒީނިޔާ ސިއްރުސިއްރުން މުރުޝިދުގެ އަތުގައި ކޮށްޓައިލުމުން މުރުޝިދުގެ މޫނުމައްޗަށް ހަމަޖެހޭ ކުލަވަރު ގެނަ އެވެ. އަދި މާޖިދާ ދައްކަން ހިތުލައިގެންހުރި ވާހަކަ ފެށި އެވެ.
"ދޮންބެ ރިޓަޔަރ ކުރައްވަންޏާ އަހަރެންވެސް އެބައޮތް ވާހަކައެއް ދައްކާލަން ޖެހިފަ" މުރުޝިދުގެ އަޑުގައި ޖެހިލުވުމުގެ އަސަރު ހުއްޓެވެ. "މައިޝާންގެ ވާހަކަ.. މައިޝާންވެސް ބޭނުންވޭ ކުންފުނީގެ އިސްމަގާމެއް ފުރަން.. އަބަދުވެސް އަހަރެންނާ ދައްކާ ވާހަކައެއް އެއީ" މުރުޝިދު ބުންޏެވެ.
"ތިކަމުގަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ކުންފުނި ފަށައިގަތްއިރު ދޮށީ ދަރިފުޅުގެ ހައިސިއްޔަތުން ބައްޕައަށް އަތްގާތްކޮށްދެން އުޅެވުނަސް އަހަރެން ގަބޫލުކުރަން… މި ކުންފުންޏަކީ ސަތޭކަ އިންސައްތަ ބައްޕަގެ ކުންފުންޏެއް ކަމަށް. އެހެންވީމާ.. މިއަދު އަހަރެން އަދި ސީ.އީ.އޯއަކަށް ހުއްޓެއްކަމަކު.. އަހަރެންނަށް އޮންނަ ހައްގެއް މުރުޝިދަށްވެސް އަދި މުރުޝިދުގެ ދަރީންނަށްވެސް އޮންނާނެ. މައިޝާންގެ އެ ގާބިލުކަން ހުރިކަން މުރުޝިދަށް ޔަގީން ކުރެވެންޏާ ހަމަ މަގޭ ނަދާލްއާ އެއް ފުރުސަތުތަކެއް އޭނައަށްވެސް އޮންނާނެ" މާޖިދުގެ ވާހަކައިން މުރުޝިދާއި ޒީނިޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"އެކަމަކު.. މައިޝާން އަދި އުޅެނީކީ ރަނގަޅަށްހެން ދޮންބެއަކަށް ހިއެއްނުވޭ. މިއީ އަނެއްހެން މުރުޝިދު ދެރަކުރަން ދޮންބެ ދައްކާ ވާހަކައެއް ކަމަށް ނުބަލައްޗޭ. މައިޝާން ނުކިޔަވާ ހުއްޓަސް ދޮންބެއަކަށް އަސްލު މައްސަލައެއް ނެތް. ކިޔަވައިގެން ތިބޭ މީހުންނަކީ ގިނަ ފަހަރަށް އެންމެ ގާބިލު މީހުނޭވެސް ބުނެވޭކަށް ނެތް. އެކަމަކު މައިޝާންގެ ދިރިއުޅުމުން އަދި ބޭބެއަކަށް އެއްވެސް ހަރުދަނާކަމެއް ނުފެނޭ" މާޖިދުގެ ހިޔާލު ފާޅުކުރި އެވެ. "ކުންފުނީގަ މަސައްކަތް ކުރަންޏާ މައިޝާންވެސް ބޭނުންވާނެ ދެވެން އޮތް އެންމެ އުހަށް ދާން. އެހެންވީމާ މައިޝާންގާތު ބުނޭ މައިޝާންވެސް މިހާރު އެ އުޅޭ ތާކުންތާކު ނުޖެހޭ މަންޖެ ދޫކޮށްލާފަ ރަނގަޅު ދިރިއުޅުމެއް ފަށައި ޒިންމާދާރު މީހަކަށް ވާށޭ. މިފަދަ ކަމަކަށް ކުރިމަތިލާއިރު މައިޝާންގެވެސް ރަނގަޅު އަންބަކު ހުރުން ވަރަށް މުހިއްމު. ވިޔާނުދާ އަންހެނަކާ ޖެހުނިއްޔާ އެއީ އެމީހެއްގެ ހަލާކު. އަހަރެން އެހެންވެ ނަދާލްވެސް އަވަހަށް ކައިވެންޏެއް ކުރުވަން މިއުޅެނީ"
މާޖިދުގެ ނަސޭހަތް މުރުޝިދަށް ގަބޫލު ކުރެވުނެވެ. އޭނާގެ ކައިރީގައި އިން ޒީނިޔާއަށް ބަލައިލީ އެވާހަލަ މައިޝާންއާ ދެއްކުމަށް އިޝާރާތްކުރާ ފަދައަކުންނެވެ.
------
"މައި. ބަލާބަލަ! މީތި ރީތިތަ؟ ނޫން މީތިދޯ ލާންވީ؟" ކޮނޑުގައި އަޅުވާފައި އޮތް ފިޔާތޮށިކުލައިގެ ދެހެދުން މައިރާއަށް ދައްކައިލަމުން އައިލީން އެއްސެވެ. އެމީހުން ތައްޔާރުވަމުންދިޔައީ ރަށުގެ މުއައްސަސާތަކުގެ މެދުގައި ބޭއްވޭ ފުޓްސަލް މުބާރާތުގެ ފައިނަލްމެޗު ބެލުމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މެޗު އެތައް ފަހަރެއްގެ މަތިން ކެންސަލް ކުރުމަށްފަހު އެދުވަހު ކޮންމެހެންވެސް މެޗު ބާއްވަން ނިންމީ އެވެ.
"މީތި ރީތީ" އައިލީންގެ ކަނާތުން ހިފަހައްޓާލައިގެންހުރި ހެދުމަށް އިޝާރާތްކޮށް މައިރާ ބުންޏެވެ. "އަހަރެން ކޯއްޗެއް ލާނީ؟" މައިރާހުރީ ފޮށި ހުޅުވާލައިގެނެވެ.
"ބްލޫ.. ބްލޫއެއް ނެތްތަ؟ އިވާންމެންގެ ޓީމް އެއީ ބްލޫ އޭ" އައިލީން ބުންޏެވެ.
"އޯހް.. ބްލޫ ޓޮޕް ދޮންނަންލާފަ ވީ. ބަލާލަން ޖެހޭނީ ނިމުނުތޯ. މަޑުކުރައްޗޭ.. ވެއިޓް ވެއިޓް. އިވާންމެން ޓީމް ބްލޫވިއްޔާ ލީން ކީއްވެ ޕިންކް ތި ލަނީ؟" ކޮޓަރިން ނުކުންނަން ގޮސްފައި މައިރާ އަހައިލި އެވެ.
"މިއީ އަނެއްކޮޅުން ކުޅޭ ޓީމް…އެމީހުން ކުޅެނީ ގްރީންގަ.. ޝޯންގެ ބޭބެ ހުންނާނެ އެ ޓީމްގަ. ކުރީ މެޗުގަ އިވާންމެނަށް ސަޕޯޓުކުރީމަ އަހަރެންގާތު ބުނެފަ އޮތީ މި މެޗުގަ އެމީހުންނަށް ކުރަން.. ދެން ވަކި ބަޔަކަށް ނުކުރާކަމަށް ވާންވެގެން އެއްވެސް ޓީމެއްގެ ކުލައެއް ނުލާ މި ދަނީ" އައިލީން ޖަވާބުދިނެވެ.
"އޯހް. ލީންއަށް ހާދަ ޑިމާންޑް ބޮޑޭ. ހަހަހަހަ. ސަޕޯރޓަރުންގެ އެމް.ވީ.ޕީ ދޯ؟ އޯކޭ އެބަ އަންނަން ހެދުން ހިފައިގެން"
މައިރާ ކޮޓަރިން ނުކުތުމުން އައިލީންގެ ތުންފަތަށް ވެރިކޮށްލައިގެންހުރި މަސްނޫއީ ހިނިތުންވުން ފޮހެލި އެވެ. އޭނާގެ އަތުގައިހުރި ހެދުންތަކާއެކު އެނދުމަތީގައި އިށީނެވެ. ބާލީސްދަށުން ފޯނު ނަގައި ބަލައިލީ ހަމަ އެންމެ މީހެއްގެ ފަރާތުން ލިބުމަށް އެދެވޭ ކޯލެއް ނުވަތަ މެސެޖެއްގެ އިންތިޒާރުގަ އެވެ. މާޔޫސްވެފައި އިނދެ އައިލީން ނަދާލްގެ ޗެޓު ހުޅުވައިލި އެވެ. އޭނާ ރަށަށް އައި ދުވަހު ބަލައިގެން އުޅެއްޗޭބުނެ ކޮށްފައިވާ މެސެޖަށްފަހު އެންމެ މެސެޖެއްވެސް ލިބިފައެއްނުވެ އެވެ. މިހާރު ރަށަށް އައިތާ ދެ ދުވަސް ފާއިތުވެ ގޮސްފައިވާއިރު އައިލީން ކޮންމެ ދުވަހަކުވެސް އެއްފަހަރު ނަދާލްއަށް ގުޅޭތޯ މަސައްކަތްކުރެ އެވެ. އެކަން ކާމިޔާބުނުވުމުން ފޯނު ބާއްވަނީ ނަދާލް ފަހުން ގުޅާނެކަމުގެ އުއްމީދުގަ އެވެ. އެހެނަސް މިއަދާ ހަމައަށްވެސް އެ އުއްމީދު އޮތީ ހަމަ އުއްމީދެއްގެ ގޮތުގަ އެވެ.
ރޯނުގައި ހިއްކަން އަޅާފައި އޮތް ނޫކުލައިގެ ހެދުން ހިފައިގެން މައިރާ ސިޑިން މައްޗަށް ދުއްވައިގަތީ މެޗަށްދާން އޮތް ވަގުތު ކުޑަތަންވަމުން ދާތީ އެވެ. އަދި އޭނާ ޖެހޭނީ ހެދުން އިސްތިރިވެސް ކުރާށެވެ. ހެދުމަށް ބަލަހައްޓައިގެންހުރެ ސިޑިމަތިން ދުވަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގައި ޖެހިފައި އޭނާ ފަހަތައް ވެއްޓެންދިޔަ އެވެ. ސިޑީގެ އަތްގަނޑުގައި ހިފެހެއްޓުމަށްޓަކައި އޭނާ އެއްލި އަތުގައި އެހެން މީހަކު ހިފިކަން މައިރާއަށް އެނގުނެވެ. ރަނގަޅަށް އެސްފިޔަ ޖަހާނުލެވެންދެން އެ އަތުގެވެރިޔާ ކުއްލިއެއްޖަހައި އޭނާގެ އަތަށް ދަމައިގަތުމަށްފަހު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލި އެވެ. ލޯ ހުޅުވައިލެވުނުއިރު މައިރާއަށް ހުރެވުނީ އެމީހެއްގެ ހިތުގެ ވިންދު އިހުސާސްވާހާ ގާތުގަ އެވެ.
"އިވާން.." އިސް އުފުލައިލުމަކާނުލައިވެސް މައިރާއަށް އެ ބާރުގަދަ އަތުގެ ވެރިއަކީ ކާކުކަން އެނގުނެވެ.
"ތަންކޮޅެއް ބަލާލައިގެން އުޅެންވެއްޖެ އެއްނު. ސައިކަލަށް އެރިޔަސް، ކަނޑުމައްޗަށް އެރިޔަސް، ފުރާޅަށް އެރިޔަސް، ހޮސްޕިޓަލަށް ދިޔަސް، ސިޑިއަށް އެރިޔަސް… އަހަރެން އަބަދު މި ޖެހެނީ މައިގެ ރެސްކިޔުއަށް އަންނަން" އިވާންގެ އަޑުގައިވަނީ ސަމާސާގެ އަސަރެވެ. މައިރާއަށް އެކަމުން ހައިރާންކަމެއް ލިބުނެވެ. އިވާންއަކީ އާންމުގޮތެއްގައި އަބަދުވެސް ސީރިއަސް މިޒާޖެއްގައި ހުންނަ މީހެކެވެ. އިވާންގެ ބުރަކަމާހުރެ މާގިނައިން ފެނިދެނިވެ ނޫޅެވުނަސް ދުވާލާއި ރޭގަނޑުގެ އެކި ވަގުތު ބަދަލުކުރެވެމުންދާ މެސެޖުތަކުގެ ސަބަބުން އިވާންއާއި މައިރާގެ ދެމެދުގައި އޮތް ބީރައްޓެހިކަމުގެ ގުޅުމުގައިވެސް މިހާރު ވަނީ އެކުވެރިކަމުގެ ކުރިލާން ފަށައިފަ އެވެ. އެހެންކަމުން މައިރާއަށްވެސް ކޮންމެވެސް ވަރަކަށް އިވާންގެ މިޒާޖު ދަސްވާން ފަށައިފި އެވެ.
"މިއީ.. ލީން ބުނެގެން ތަންކޮޅެއް އަވަހަށް ދާން އުޅެނިކޮށް.. ބައިދަވޭ.. ގުޑް ލަކް" އިވާންގެ ދެލޯ ނޫން އެހެން ހުރިހާ ތަނަކަށް މައިރާގެ ކަޅި އުކަމުންދިޔަ އެވެ. ފޯނުގެ ސްކްރީނުގެ ނިވަލުގައި ފިލައި އިނދެ އިވާންއާ ވާހަކަދެއްކުމަކީ ފަސޭހަ ކަމަކަށްވިޔަސް އިވާންގެ ކުރިމަތީގައި އަދިވެސް މައިރާގެ އަތްފައި ފިނިވެ ދުލުގައި ގޮށް ޖެހެނީ އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްފަދައިންނެވެ.
"ތޭންކްސް. ވިލް ޔޫ ބީ ދެއަރ؟" މިފަހަރު އިވާންކުރި ސުވާލުން މައިރާއަށް އިވާންއާ ހަތަރުކަޅި ހަމަކުރަން މަޖުބޫރުވި އެވެ.
"މިއީ.. ވަރަށް ވަރުބަލިކޮށް މި އުޅެނީވެސް މިއަދު" މައިރާ ބޭނުންވީ އިވާންގެ މޫނަށް އަރާ ކުލަވަރު ދެކިލުމަށެވެ. އޭނާ އެތަނަށް ދިޔުމަކީ އިވާން އެދޭ ގޮތްތޯ ޔަގީން ކުރުމަށެވެ.
"އޯހް.. އައި.. އައި ވޯޒް ހޯޕިންގް.. ނެވަރ މައިންޑް" އިވާންގެ މޫނުމަތީގައިވި އުޖާލާކަން އޮއްސި މައިރާއާ ދުރަށް ޖެހިލެވުނެވެ. މި ހުރިހާއިރު އޭނާއަށް ހުރެވުނީ އިވާންއާ ކިހާ ގާތުގައިކަންވެސް މައިރާއަށް ރޭކައިލީ އިވާން ސިޑިން ތިރިއަށްދާން ހަރުފަތެއް ގިރާކޮށްލުމުންނެވެ. "އިވާން؟"
"ޔެސް" މައިރާ ގޮވައިލުމުން އިވާން ފަސްއެނބުރި މައިރާއަށް ގޮވައިލި އެވެ.
"ޑޫ ޔޫ ވޯންޓް މީ ޓު ބީ ދެއަރ؟ އިވާން ބޭނުންތަ އަހަރެން ދާން؟ ވިލް އައި މޭކް އަ ޑިފަރެންސް" އިވާން ހުރި ހަރުފަތަށް ތިރިވެލަމުން މައިރާ ސުވާލުކޮށްލީ ސީދާ އިވާންގެ ދެލޮލާ ކަހަލަ އެވެ.
"ޔޫ މައިޓް ބީ ދަ އޮންލީ ވަން ދެޓް ވިލް" އިވާންގެ ދުލުން އެފަދަ ރައްދެއް މައިރާއަށް ދެވުނީ ކީއްވެކަމެއް ނޭނގުނެވެ. އެންމެ ފުރަތަމަ ފެނިލި ހިނދުވެސް އެ ދެލޮލެއްގެ ޖާދޫގައި އޭނާ ޖެހުނު މައިރާގެ ސިހުރުވެރި ދެލޯ މިފަހަރުވެސް އޭނާގެ ސިކުނޑިއާ ކުޅެލީ އެވެ. ބުނެވުނު އެއްޗެއް ރޭކައިލުމާއެކު އިވާން އިތުރަށް އެތާ މަޑުކުރަން ނަހަދައި އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެންގޮސް ގެއިން ނުކުތެވެ. އޭނާ އެންމެ ފަހަރަކު ފަސްއެނބުރި ބަލައިލި ނަމަވެސް އެ ލަފްޒުތަކުން މައިރާއަށް ލިބުނު އުފާވެރިކަން އެ މޫނުން އޭނާއަށް ފެނުނީހެވެ.
ހެވިފައިހުރެ މައިރާގޮސް ކޮޓަރިއަށްވަތް އިރު އައިލީން އަދިވެސް އިނީ އެނދުގައި އިށީނދެލައިގެނެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު އެ މޫނުމަތީގައިވި ހިތާމައިގެ ކުލަވަރުން މައިރާއަށް ބަހެއްނުބުނެ ހުރެވުނެވެ.
"ލީން.. ހާދަ ދެރަވެފަ؟ ކަމެއް ގޯސްވީތަ؟" އައިލީންގެ ގާތުގައި އިށީންނަމުން މައިރާ އައިލީންގެ ކޮނޑުގައި އަތްއަޅައިލި އެވެ. އައިލީން ކުޑަކޮށް ސިއްސައިގެންދިޔަ ނަމަވެސް ހުށިޔާރުކަމާއެކު މޫނުމަތީގެ ކުލަވަރު އޮމާންކޮށްލި އެވެ.
"މައި.. މިއީ އަނެއްހެން ކަމެއްނުވޭ.. ރައްޓެހިކުއްޖަކާ ވާހަކަދައްކާލީ" މައިރާއަކަށް އައިލީންގެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ދެންމެ އައިލީން ފޯނަށް ބަލަހައްޓައިގެން ފެންކަޅިވެފައި އިން މަންޒަރު އޭނާ ރަނގަޅަށް ދުށްޓެވެ. މައިރާގެ ހިތުގައި އައިލީންއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. އައިލީންފަދަ އުފާވެރި މިޒާޖެއްގެ ކުއްޖެއް އެހާ ހިތްދަތިވެފައި އިން ސަބަބަކާމެދު ވިސްނެން ފެށިއެވެ. އެހެނެއްކަމަކު އައިލީން ކިޔައިދޭން ބޭނުން ނުވާހާ ހިނދަކު މައިރާއަށް ގަދަކަމުން ވާހަކަ ނުހޯދޭނެކަން އެނގި އޭނާ ދޫދިނެވެ.
"އޯކޭ.. ލީން.. ކަމެއްވިއްޔާ ބުނައްޗޭ އެނގޭ.. އަހަރެންނަކީ މާމައެއްވެސް ނޫން. އިވާންއެއްވެސް ނޫން. ލީންއަށް ހެޔޮއެދޭ އެކުވެރިއެއް. ސޯ ފެމިލީއާ ޝެއަރ ނުކުރެވޭވަރު ކަމެއް އޮތަސް.. އަހަރެންނާ އަބަދުވެސް ހިއްސާ ކުރެވޭނެ. އެންޑް މައި ލިޕްސް އާރ އޯލްވޭޒް ސީލްޑް" މައިރާ ދެ އިނގިލިން އަނގައިގައި ޒިބެއް އަޅުވައިލާ ފަދައިން އޭނާގެ އަތް ތުންމަތިން ހުރަސްކޮށްލި އެވެ. ބަދަލުގައި އައިލީން ބޯ ޖަހައިލުމުން މައިރާ ލޯތްބާއެކު އައިލީންގެ ބޮލުގައި ފިރުމައިލީ އޭނާގެ ކުރިމަތީގައި މިހިރީ ހަމަ މަލަކްއޭ ހީކުރަމުންނެވެ. މަލަކްގެ ހަނދާންވުމުނަ ޖަޒުބާތުގައި ޖެހެވިދާނެކަމުގެ ބިރުގައި މައިރާ ދުރަށް ހިނގައިގަތްވަގުތު އައިލީން މައިރާގެ އަތުގައި ހިފެހެއްޓި އެވެ.
"މައި.. އަހަރެން.. އަހަރެން އެއްޗެއް އަހާލަންތަ؟" އައިލީން ބަސްތަކަށް އިތުބާރު ކުރަންފެށި އެވެ. "މައި.. ޑޫ ޔޫ ބިލީވް އިން ލަވް؟ މައި ގަބޫލު ކުރަންތަ އިޝްގީ ލޯތްބަކީ އޮންނަ އެއްޗެއްކަން؟" އައިލީންގެ ސުވާލުން މައިރާއަށް ލިބުނީ ސިހުމެކެވެ. އެހެނަސް އޭނާ އެ ސުވާލަށް އެންމެ ފުރިހަމަ ގޮތުގައި ޖަވާބުދޭން މަސައްކަތްކުރި އެވެ.
"ހްމްމް. ލޯބި..." މައިރާ ނުފަރިތަ ގޮތަކަށް އެ ލަފްޒު ކިޔައިލިއެވެ. "ކީކޭ ތިކަމާ ބުނާނީ.. އަހަރެންގެ ލައިފްއާވެސް ވަރަށް ބީރަށްޓެހި އެއްޗެއްގެ ވާހަކަ ލީން ތި ދައްކަނީ.. އެކަމަކު.. ކީއްވެ ގަބޫލު ނުކުރަންވީ؟ ބަޔަކު މާވަރަކަށް އެކަމެއްގެ ވާހަކަ ދައްކަންޏާ އެކަމެއްގެ ހަގީގަތެއް އޮންނާނޭ ބުނެއެއްނު. ކުޑައިރުއްސުރެން އިވެނީ އަބަދުވެސް ކޮންމެވެސް މީހަކަށް މީހަކުދެކެ ލޯބިވެވިގެން އުޅޭ ވާހަކަ ދޯ. ލަވައަކުން…ވާހަކައަކުން.. ފިލްމަކުން…ލޯތްބަށްޓަކާ މީހުން ޖާނާއި މާލުން ގުރުބާންވާކަމުގެ ވާހަކަތަކާ.. ތާޖް މަހަލާ.. މި ހުރިހާ ކަމެއް ގޮސް ލޯތްބޭ މިކިޔާ ކުޑަ ކުޑަ ލަފްޒަކާ ހިސާބަށް މި ނިމެނީ ކޮންމެވެސް ސަބަބަކާ ލައިގެން. އެހެންނު؟" މައިރާއަށް ވިސްނޭ ގޮތް ހާމަކުރިއެވެ. "ކިހިނެއްވީ ލީން ކުއްލިއަކަށް އެކަހަލަ ވާހަކައެއް ތި ނެގީ.. ބައި އެނީ ޗާންސް އަރ ޔޫ..."
"ނޯ ނޯ ނޯ ނޯ. އަހަރެންގެ ކަމެއް ނޫން.. އަހަރެންގެ ފްރެންޑެއް ދެންމެ ދެއްކި ވާހަކައަކާ ގުޅުވާފަ އަހާލި އެއްޗެއް" އައިލީން އިންކާރު ކުރިއެވެ. "އަދި އޭނަ އެހިއޭ.. އުހޫން ދެން އަޅާނުލާ.. އެވާހަކަ ބާއްވާ" އައިލީންގެ ހިޔާލު ބަދަލުވީ ކަހަލައެވެ. އެކަމަކު އައިލީން ކިތަންމެ ސިއްރުކުރަން އުޅުނު ކަމަށްވިޔަސް އައިލީން މި ދައްކަނީ އަމިއްލަ ވާހަކަތަކެއްކަން މައިރާގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. އެކުވެރިއެއްގެ ބަހަނާގައި ވާހަކަތައް ހިއްސާކުރުމަކީ އެ އުމުރުގެ ކުދިންގެ ތެރޭގައި ގެންގުޅޭ މަގުބޫލު އުކުޅެއްކަން އޭނާ ދެނެހުއްޓެވެ.
"އަހާބަލަ އަހާބަލަ. ފަހަރެއްގާ އަހަރެންނަށްވެސް ތިބުނާ ފްރެންޑަކަށް ހެލްޕެއް ވެވިދާނެ ކަންނޭނގެ" އައިލީންގެ ވާހަކަ ގަބޫލުކުރާކަމަށް ހެދެމުން މައިރާ އައިލީންގާތު އިށީނެވެ.
"މައި.. ލީންމެންގެ އޭޖްގަ.. މިބުނީ ޓްވެންޓީ އިޔަރޒްގަ.. މީހެއްދެކެ ހަގީގީ ލޯބި ވެވިދާނެތަ؟" އައިލީން ވާހަކަދައްކަންފެށި މައުލޫގެ ގޮތުން މައިރާއަށް ކުޑަކޮށް ހެވުނެވެ. އައިލީންއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ މިއީތާ އެވެ.
"ވިހި އަހަރަކީ… ވަރަށް ގިނަ މީހުން އެމީހުންގެ ހަގީގީ ލޯބިވާ ބައިވެރިޔާ ހޯދައިގެން ކައިވެނިވެސް ކުރާ އުމުރެއްތާ ދޯ؟ އަދި އެ ކައިވެނިތަކުގަ އުމުރުދުވަހަށް ދެމިތިބޭ މީހުންވެސް ވަރަށްގިނަ. އެހެންވީމަ ތިސުވާލަށް ބުނެވެން އޮތީ އާނއެކޭ. ވިހި އަހަރުގަވެސް… ލޯބި ވެވިދާނެއޭ" މައިރާ ބުންޏެވެ.
"މައިއަށް ހީވޭތަ… ބައްދަލުވާތާ އެހާ ގިނަ ދުވަސްނުވެ މީހެއްދެކެ ލޯބިވުމަކީ ވެދާނެ ކަމެއްހެން؟" މައިރާގެ ވާހަކައާމެދު ވިސްނައިލުމަށްފަހު އައިލީން އިތުރު ސުވާލެއް ކުރި އެވެ.
"ވެވިދާނެ ދޯ. އެއީ ވަކި ވަގުތެއްގެ ތެރޭ ހިނގާ ކަންކަމެއް ނޫނެއްނު. އެއް އަހަރު. ދެތިންމަސް.. ނޫނީ އެއް މަހުންވެސް ހަމަ ހަގީގީ ލޯބި ވެވިދާނެ" މައިރާ ކުޑަކޮށް ވިސްނާލާފައި ބުންޏެވެ.
"މިސާލަކަށް އެއް ހަފްތާ.. ނޫނީ ދެތިން ދުވަހުންވެސްތަ؟" އައިލީންގެ ސުވާލުން މިފަހަރު މައިރާގެ ނިތަށް ރޫތަށް ގިނަވި އެވެ. އެ ސުވާލު އިވުމާއެކު އިވާންގެ ސޫރަ އޭނާއަށް ސިފަވީ ކީއްވެކަމެއް ނޭނގުނެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އޭނާއާ އިވާންއާ ދެމެދުގައި ރަހްމަތްތެރިކަމެއް އުފެދިފައިވިޔަސް އެއަށް އިތުރު ނަމެއް ދެވޭނެއެކޭ މައިރާގެ ހިތެއްނުބުނެ އެވެ. ވީއިރު އެފަދަ ސުވާލެއްގެ ތެރެއިން އިވާންއާމެދު ވިސްނެންޖެހޭ ސަބަބެއްވެސް އޭނާއަކަށް ނޭނގުނެވެ. އިވާން ނޫނަސް އޭނާގެ އެތަށް ބައިވަރު ދުވަސްވީ ފިރިހެން ރައްޓެހިން ތިބޭއިރު ހަމައެކަނި އިވާންއާމެދު އެވަގުތު ވިސްނެންވީ ކީއްވެހެއްޔެވެ؟
”ނޫން.. ނުވާނެ އެހެނެއް. ދެތިން ދުވަސްތެރޭ.. މީހެއްދެކެ ލޯބިވެވޭނީ ކިހިނެއް؟" އެއީ މައިރާ އައިލީންއަށް ދިން ޖަވާބަކަށްވުރެން ބޮޑަށް އޭނާގެ އަމިއްލަ ނަފްސަށް ދިން ޖަވާބެކެވެ. އޭރުވެސް އިވާންއާއެކު ގާތްގޯޅިކޮށް ހިއްސާކުރެވުނު ދެތިން ވަގުތުކޮޅެއް އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔަ އެވެ. ނަމަވެސް އެއީ އެއްވެސް މާނައެއްނެތް ގާތްގޯޅިވުން ތަކެކެވެ. އެކަމުން އޭނާގެ ހިތުގައި އިވާންއާމެދު އެއްވެސް އިހުސާސްތަކެއް އުފަންވާންޖެހޭ ސަބަބެއް ނެތެވެ. އިވާން ބުނި ފަދައިން އެއިން ކޮންމެ ފަހަރެއްވެސް އެއީ އިވާން އޭނާގެ ސަލާމަތަށް އައި ފަހަރެކެވެ. މައިރާއަށް ނޭނގޭ ކަމަކީ ކޮންމެ އިހުސާސެއްގެ ފަހަތުގައި ސަބަބެއް އޮތުން މަޖުބޫރެއް ނޫންކަމެވެ. އުފާވާކަށް، ދެރަވާކަށް އަދި ލޯބިވާކަށްވެސް ސަބަބެއް މުހިއްމެއް ނޫނެވެ. އެއިން ކޮންމެ އިހުސާސަކީވެސް ހިތާއި ސިކުނޑިންދޭ ސިގްނަލެއް ކަމެވެ.
"މައި.. މައި ގަބޫލުކުރަންތަ ފިޒިކަލް ރިލޭޝަންޝިޕްސްއަކީ ލޯބީގެ ބައެއްކަމަށް" އައިލީންގެ ސުވާލުން މައިރާ ހޭލައްވައިލި އެވެ. ސިކުނޑީގައިވި އެހެން ހުރިހާ ހިޔާލުތަކުން ދުރުވެ އައިލީންއަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެވުނެވެ.
"ފިޒިކަލް ރިލޭޝަންޝިޕްސްއޭ؟" މައިރާއަށް އައިލީންގެ ސުވާލު ތަކުރާރުކޮށްލެވުނު ހިނދު އައިލީން އާނއެކޭ ބުނާ ފަދައަކުން ބޯ ޖަހައިލި އެވެ.
"ތިހެން ބުނާކަށް ނޭނގޭ ލީން. އެއީވެސް އަސްލު ލޯބީގެ ވަރަށް މުހިއްމު ބައެއް ކަންނޭނގެ ދޯ. އެކަމަކު.. އަހަރެން ގަބޫލެއްނުކުރަން އަސްލު ލޯބިވަންޏާ ދެމީހަކު މާ ގިނަދުވަހު ކައިވެނި ނުކޮށް އުޅެދާނޭ.. އެހެންވީމަ ކައިވެންޏެއްގެ ކުރިން ސީދާ ފިޒިކަލް ރިލޭޝަންޝިޕެއް އޮންނަންވާނެ ކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. މިޒަމާނުގަ މީހުންނަށް އަދި މާބޮޑު ކަމަކަށްނުވިޔަސް.. އަސްލު ވަރަށް އިންޓިމޭޓް ކަމެއްގެ ވާހަކަތާ ދޯ މި ދެއްކެނީ؟ އަހަރެންމީ މިވާހަކަ ދައްކަން އެންމެ ރަނގަޅު މީހާކަމަށް ނުވެދާނެ އެކަމަކު... ދީނީގޮތުން ބެލިޔަސް.. އަސްލު ވަރަށް ގޯސް ކަމެއްދޯ އެއީ.. ދެން ދެމީހެއްގެ ދެމެދުގަ ކަމެއް ނުހިނގާނެއެކޭ ނުބުނާނަން.. އެހިސާބުން ޖެހޭނެ ކަންނޭނގެ މެރިއެޖް ޕްރިއޮރިޓައިޒް ކުރަން" މައިރާގެ ވާހަކައިން އައިލީންގެ ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. އޭނާ އުއްމީދުކުރީ މައިރާގެ ވިސްނުން އެއަށްވުރެން "ޒަމާނީ”ވެފައި އެކަމުގައި މައްސަލައެއްނެތޭ ބުނެދޭނެ ކަމަށެވެ. ނަމަވެސް މައިރާގެ ހިޔާލުވެސް މިހިރީ އޭނާއަށް ކުރެވުނީ ކުށެއްކަން ދޭހަވާފަދަ މޭރުމަކަށެވެ.
“ލީން. ޔަގީންދޯ އެއްވެސް ކަމެއް ނުވާކަން” އައިލީން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން މައިރާގެ ހިތް ގޯސްގޮތަކަށް ތެޅިލިއެވެ. އައިލީން އަވަސްއަވަހަށް ކަމެއްނުވެޔޭ ބުނެ ބޯޖަހައިލުމަށްފަހު ހެދުން ބަދަލުކުރުމުގެ ބަހަނާގައި ފާހަނައަށް ވަނެވެ.
އައިލީންއާމެދު ކަންބޮޑުވެފައިހުރެ މައިރާގޮސް މަޑުކޮށްލީ އިސްތިރިކުރާ މޭޒުދޮށުގަ އެވެ. މޭޒުމަތީގައި ފަތުރައިލި ހެދުމަށް އޭނާ ފަރުވާތެރިކަމާއެކު ބަލައިލި އެވެ. ކަކުލާ ހިސާބަށް އަންނަ އެ ހެދުމަކީ އޭނާ އާންމުގޮތެއްގައި އިތުރު ޖީންސަކާނުލައި ލައިއުޅޭ ހެދުމެއް ކަމަށްވިޔަސް މިފަހަރު މައިރާގެ ހިޔާލު ތަފާތުވި އެވެ. އިވާން އަބަދުމެ އޭނާއަށް ހަނދާންކޮށްދޭ ޖުމްލަ ސިކުނޑީގައި ތަކުރާރުވެލި އެވެ. އައިލީން ބުނާފަދައިން އިވާން އަދި މިހާތަނަށް އޭނާއަށް ގެއްލުމެއް ވާގޮތަށް ނަސޭހަތެއް ދީފައެއްނުވެ އެވެ. އެއީ އަމުރެއްގެ ސިފައިގައި ދޭ ނަސޭހަތެއް ވިޔަސްމެއެވެ. އިވާންގެ ބަސް ފިޔަވައިލުމަށްފަހު މަސްދަތުރު ދިޔަ ދުވަހުވެސް އޭނާއަށް ކުރިމަތިލާންޖެހުނު ނޭދެވޭ ބެލުންތަކުން އޭނާ ސަލާމަތްކޮށްދިނީ އިވާން އެވެ. އިވާން މަސައްކަތްކުރީ މާލެއާއި ރާއްޖެއިން ބޭރުގައި ހެދުން އަޅައިއުޅޭ ކޮންމެ ގޮތެއް އަތޮޅުތެރޭގެ ސަގާފަތަށް ނުފެތޭނެކަން މައިރާއަށް އަންގައިދިނުމަށެވެ. ރަށުމީހުންގެ އިހްތިރާމް މައިރާއަށް ހޯދައިދިނުމަށެވެ. މައިރާގެ ފޮށިން ނެގި ހުދުކުލައިގެ ޖީންސެއް އެ ނޫހެދުމުގެ ކައިރީގައި ބާއްވައިލި އެވެ.
-------
ރަށުގެ ކުދިބޮޑު އެންމެން ފުޓްސަލް ދަނޑުގެ ވަށައިގެން ޖަމާވެފައިވަނީ ރަށު ކައުންސިލާއި ފުލުސް އޮފީސް ވާދަކުރާ ފޯރިގަދަ ފައިނަލް މެޗު ބެލުމަށެވެ. ފުލުސް ޓީމުގެ ކެޕްޓަން ބޭންޑުގައި އިވާން ޓީމުގެ ކުރިއަށް ނުކުމެ ހުރިއިރު ސަޕޯރޓަރުންގެ އަޑުންވެސް އެންމެ ބާރަށް ގުގުމަމުންދިޔަ ނަމަކީ އިވާންގެ ނަމެވެ.
"ސާބަހޭ އިވާން. ދޫ ނުކުރާތި އިވާން ދޫނުކުރާތި. ފަހަތް ބަލާ ފަހަތް ބަލާ" ފުރަތަމަ ހާފް ނިމެން ގާތްވިއިރު ދެ ޓީމުންކުރެން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހޭތީ މެޗު ވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. އޭރު އައިލީންއަށް ދާގަނޑުން ބޭރުގައިވެސް ހުރެވެނީ ކިރިޔާ އެވެ. ހީވަނީ ދެންމެ ދެންމެ އެ ދާގަނޑު ފަޅައިލުމަށްފަހު ދަނޑަށް އަރައިފާނެހެނެވެ.
"ހެޔޮނުވާނެ ލީން ތި މަޑުން ހުރެބަލަ. ލީން މިތާހުރެ ތިހެން ކޯޗުކުރީމަ އިވާން އިތުރަށް ހާސްދޯ ވާނީ" އައިލީންގެ ކައިރީގައިހުރި ޝާވިން ނަސޭހަތްތެރިވި އެވެ.
"ހެވޭ. ޝޯންއަކަށް ނޭނގޭނެ. ޝޯންގެ ދޮންބެ ކައުންސިލަރަކަށް ހުރީމަ ތި އުޅެނީ ކައުންސިލް ޓީމު މޮޅުވޭތޯއެއްނު. ކީއްކުރަންތަ މިތާ އަހަރުމެން ކައިރި ތި ހުންނަނީ؟ ދޭބަލަ އެ ޓީމުގެ ސަޕޯރޓަރުން ކައިރިއަށް" އައިލީންއަށް ޝާވިންގެ ވާހަކަ ކަމަކުނުދިޔަ އެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ