ރައީސްގެ ދަރިކަލުންގެ ދިފާއުގައި ރައީސް ވަހީދު: ކުޑަކުދީންގެ ކަރާމާތަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ

ކުޑަކުދިން ސިޔާސީ ކޯޅުންތަކުގެ ތެރެއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ އެކަން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދޮގު ވާހަކަތަކެއް ދެއްކުމާއި ސިޔާސީ ބޭނުމުގައި އެ ވާހަކަތައް ދިފާއުކޮށް އިދިކޮޅުގެ ބައެއް ސަޕޯޓަރުންނާއި ވެރީން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
2012 އިން 2013 އަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ވަހީދު ވިދާޅުވީ ސިޔާސީ މީހުންގެ އާއިލާތަކަށް މިފަދަ އިން ހަމަލާދިނުމަކީ ސިޔާސީ ސަގާފަތުގެ ބަޔަކަށް ވެފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި މިއީ އެކަން ހުއްޓުވަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
Advertisement
އެމަނިކުފާނު ވަނީ ރައީސް މުއިއްޒުގެ ދަރިކަލުންނަށް އަމާޒު ކުރައްވާ އިދިކޮޅުން ދެއްކި ވާހަކަތައް ކުށްވެރި ކުރައްވާފަ އެވެ.
ރައީސް ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތީ ދައުރުގެ މެދުތެރެއިން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފާނު ފަހުން ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރު ކުރައްވައިގެން ކަމަށެވެ. އެކަމުގެ އަޑީގައި ހުންނެވީ ރައީސް ވަހީދު ކަމަށް ވިދާޅުވެ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ވަރަށް ގިނަ ސިޔާސީ ރޭވުންތައް ރާވާ ދިމާކޮށްލެއްވި އެވެ. ވަރަށް ހުތުރު ބަސްތައް ބޭނުން ކޮށް އެމަނިކުފާނަށް ތަކުރާރުކޮށް ފުރައްސާރަ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ