ލަންޑަން (މާޗް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޗެލްސީ ބަލިކޮށް އާސެނަލުން މުހިންމު މޮޅެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، އާސެނަލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު 12 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލިވަޕޫލް، ލީގުގެ އެއް ވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 29 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 29 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 29 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 20 ވަނަ މިނިޓްގަ އެވެ. ކޯނަރެއްގައި އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ނެގި ބޯޅައެއް ޗެލްސީ ޑިފެންޑަރުންގެ ކުރިއަށް ޖެހިލައި، މެރީނޯ ބޮލުން ޖައްސާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް އަތްމަތިން ގޮހެވެ.
އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ، ޓެސްޓްކޮށްލެވޭނެ ވަރުގެ ރަނގަޅު އެޓޭކްތަކެއް މި މެޗުގައި ޗެލްސީގެ ފަރާތުން ނުފެނެ އެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ ތަރި ކޯލް ޕާމާ މި މެޗުގައި ނުކުޅެ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި އާސެނަލަށް ދެ ވަނަ ގޯލެއް ޖަހައިދޭން ވެސް އެންމެ ރަނގަޅު އެޓޭކެއް ކުރީ މެރީނޯ އެވެ. އެކަމަކު، އޭރިއާތެރެއިން ވޮލީ އަކުން މެރީނޯ ފޮނުވާލި ބޯޅަ ޗެލްސީ ކީޕަރު ސަންޗޭޒް ވަނީ މަތަކޮށްފަ އެެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ތަރި ޕާމާ ނެތުމުން އެޓޭކުގައި އެތަން ދެއްކި ކަމަށެެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުގައި އެ ޓީމު އަތުން ފުލަމް ވަނީ 2-0 އިން މޮޅުވެފަ އެވެ. ފުލަމް އޮތީ 29 މެޗުން 45 ޕޮއިންޓާ އެކު، ލީގުގެ އަށް ވަނައިގަ އެވެ.
މެރީނޯގެ ގޯލުން އާސެނަލުން ޗެލްސީ ބަލިކޮށްފި މެރީނޯގެ ގޯލުން އާސެނަލުން ޗެލްސީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ