ރިޔާދު، ސައުދީ އަރަބިއްޔާ (މާޗް 17) - ސައުދީ އަރަބިއްޔާ އިން އިސްވެ، 500 މިލިއަން ޑޮލަރުގެ އަގުހުރި ޓީ20 ކްރިކެޓް ލީގެއް ބޭއްވުމުގެ ޕްލޭނެއްގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ، ސައުދީން ދުނިޔޭގެ އެކިއެކި ކުޅިވަރުތަކުގެ ތެރެއިން އެ ޓީމުގެ ނުފޫޒު ވަރުގަދަ ކުރުމުގެ ގޮތުން، ކްރިކެޓް ތެރެއަށް ވަނުމަށް ފަށާ ކަމެކެވެ.
ސައުދީން މިދިޔަ ދެތިން އަހަރުތެރޭ ކުރި އިންވެސްޓްމަންޓްތަކާ އެކު، އެ ގައުމުގެ ފުޓްބޯޅަ ލީގު ވަނީ ދުނިޔޭގެ ފުޓްބޯޅައިގައި ނުފޫޒުގަދަ މުބާރާތަކަށްވެފަ އެވެ. ފުޓްބޯޅައިގެ، އިތުރުން ފޯމިއުލާ ވަން އާއި ގޮލްފްގެ މުބާރާތްތައް ވެސް ސައުދީން ވަނީ ބާއްވަން ފަށައިފަ އެެވެ. އެންމެ ބޮޑު މޮޅެއްގެ ގޮތުގައި، ސައުދީން ފާހަގަކުރަނީ، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އެ ގައުމަށް ލިބިގެންދިއުމެވެ.
ސައުދީން ޕްލޭން ކުރަމުން އަންނަ ޓީ20 ކްރިކެޓް ލީގު ކުރިއަށްދާނީ، ޓެނިހުގެ ގްރޭންޑްސްލޭމް މުބާރާތް ރޭވިފައި ވާ ކަހަލަ ގޮތަކަށެވެ. ޖުމްލަ ހަތަރު ބަޔަކަށް ކުރިއަށްދާ މި މުބާރާތް ދުނިޔޭގެ ހަތަރު ސަރަހައްދެއްގައި ކުޅުމަށް ފަހު، ފައިނަލް ބުރު ސައުދީ އަރަބިއްޔާގައި ކުޅޭ ގޮތަށެވެ.
އެ ގޮތުން، މި ޓީ20 ލީގު ކުރިއަށްގެންދާނީ، ކްރިކެޓްގެ ފްރެންޗައިސް ޓީ20 ބޮޑެތި ލީގުތައް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އާއި އޮސްޓްރޭލިއާގެ ބިގް ބޭޝް ލީގު ފަދަ މުބާރާތްތަކުގެ ޝެޑިއުލަށް ބުރޫ ނާރާ ގޮތަށެވެ. އަދި، ސައުދީގެ ވިސްނުމަކީ، އަށް ޓީމަކާ އެކު އެންމެ ފުރަތަމަ ޓީ20 ލީގު ފެށުމެވެ.
ސައުދީގެ މި ޕްލޭން ކުރިއަށްދާނީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ރުހުން ލިބިގެންނެވެ. އައިސީސީގެ އެންމެ އިސް ފަރާތަކަށް މި ވަގުތު ހުރީ އިންޑިއާގެ ޖޭ ޝާހު އެވެ. އިންޑިއާގެ ކްރިކެޓް ބޯޑުން ހަދާފައިވާ ގަވާއިދަކަށް ބަލާއިރު، އެ ގައުމުން ބޭރުގައި ބާއްވާ އެއްވެސް ޓީ20 ލީގެއްގައި އިންޑިއާގެ ކުޅުންތެރިން ކުޅުން މަނަލެވެ.
ސައުދީން 500 މިލިއަން ޑޮލަރުގެ ޓީ20 ލީގެއް ބޭއްވުމުގެ ޕްލޭނެއް ސައުދީން 500 މިލިއަން ޑޮލަރުގެ ޓީ20 ލީގެއް ބޭއްވުމުގެ ޕްލޭނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ