ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކޮށް، ސިޔާސީ ބަޔަކު ލާން އުޅޭކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ޓަކައި، އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، ބަދަލުގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފާއި އިތުރު ސިޔާސީ ބަޔަކު އެ ތަނަށް ލާން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފިއެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށްފައެވެ. https://sun.mv/201688 އެ ބަޔާނުގައިވާ ގޮތުން ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، އެ މަގާމުތަކަށް ޕީޖީ އައްބާސް ހިމެނޭހެން އިތުރު ދެ ސިޔާސީ ބޭފުޅަކު އައްޔަނު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށް ޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަަޅެއްކަން ފާހަގަކޮށްފައިވެއެވެ. މި ތުހުމަތުތަކާ އެކު އެމްޑީޕީން ވަނި، އެ ކަން ވަގުތުން ހުއްޓައިލުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީން އަބަދު ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެންބަރު 20ވަނަ ދުވަހެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް މި މައްސަލަ ބަލަން ފަށާފައެއް ނުވެއެވެ. މި މައްސަލައަށް ތަދައްޚުލުވާން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ ނިންމައިފައެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ. އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ