ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު އަމީން މިގޮތަށް ވިދާޅުވީ، ފުވަމުއްލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ތަފްސީލު - މެންބަރު އިބްރާހީމް ހުސައިން ކަންބޮޑުވުން ފާޅުކުރެއްވީ އޭނާ ނިސްބަވްވެވަޑައިގަންނަވާ ފުވައްމުލަކާއި މާލެއާ ދެމެދު މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓް އަގު، "ރައްޔިތުން އަތްފޯރާ އަގަށް" ނުދާ ކަމަށެވެ. އަދި އެކަން ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަ ކުރަން [ޓިކެޓް އަގު ކުޑަ ކުރަން] މިހާރު ހުރިހާ ހަރަދެއް ވެސް ވަރަށް ބޮޑުވެފައިވާ ވަގުތަކަށްވެފައި އަދި ޓިކެޓްގެ ހަރަދު ވެސް ބޮޑުވެފައި މިހާރު ނެތް. އެކަމަކު ޓިކެޓްގެ އަގު މިހާރަށް ވުރެ ވެސް ކުޑަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން،" އޭގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި އަމީން ވިދާޅުވި އެވެ.
މެންބަރު ހުސައިން ކުރެއްވި ދެވަނަ ސުވާލަކީ، ފުވައްމުލަކަށް އިތުރު އެއާލައިނަކުން އުދުހުމަށް ހުއްދަ އެދިފައިވޭތޯ އާއި ހުއްދައަށް އެދިފައިވާ ނަމަ، އެ ހުއްދަ ނުދެވިގެން އުޅެނީ ކީއްވެގެންތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ހުށަހެޅުމެއް މިއަދާ ހަމައަށް އައިސްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ތިން ވަނަ ސުވާލަކަށް މެންބަރު އެއްސެވީ ފުވައްމުލަކު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުންނެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި، އެއާޕޯޓެއްގެ ނަމުގައި އެ ރަށުގައި އޮތީ "ހަރުގެއެއް" އަޅާފަ އެވެ. އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
"މި އެއާޕޯޓު ޒަމަނީކޮށް ބަދަލު ކުރެވިގެން ދާނީ ކޮން އިރަކުތޯ؟ އެ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ؟ އެ ޕްލޭނެއް އެބަ އޮތްތޯ؟،" ވަރަށް ހަރުކަށިކަމާ އެކު ސުވާލު ކުރައްވަމުން މެންބަރު އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، އެއާޕޯޓުގެ ރަންވޭ އެންމެ ދިގުކޮށް ތަރައްގީކުރެވޭނެ މިންވަރަށް އޮތީ ހަދާފައި ކަމަށެވެ. ރަންވޭ އިތުރަށް ދިގު ކުރުމުގެ ބޭނުމެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރާ ބޯޓުތަކަށް ބަލާއިރު، މިވަގުތު ނެތް ރަންވޭ ބޮޑުކުރުމުގެ ބޭނުމެއް. ނަމަވެސް ރަންވޭއާ ގުޅިފައި ހުރި އެހެން ހިދުމަތްތައް ތަރައްގީކުރުމުގެ ޕްލޭންތަކެއް މިހާރު ހެދިގެން އެބަދޭ،" އަމީން ވިދާޅުވި އެވެ.
މާ ލަސްތަކެއް ނުވެ އެ ރޭވުންތައް ތަންފީޒު ކުރުމުގެ މަރުހަލާ ފެށޭނެ ކަމުގެ އުންމީދު އަމީން ދެއްވި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަ ކުރަން މަސައްކަތް އެބަ ކުރަން: އަމީންް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ