ދެމަފިރިންގެ ރާއްޖެ: ސާޖިދާގެ ބޮޑު ޅިޔަނަށްވީތީ ޑޮކްޓްރޭޓްކަން

އަންތަރީސް ވާވަރުގެ ކަމެކެވެ. އެތައްބަޔަކު އެކިވައްތަރުގެ ހިދުމަތްދޭން ހުޅުމާލޭން ބިންހޯދަން އެދިއެދިތިއްބާ ހުޅުމާލެން ބޮޑު ބިމެއް ނަގައިގެން މެޑަމް ސާޖިދާގެ ބޮޑު ޅިޔަނުގެ ނަމުގައި މިސްކިތެއް އަޅަން ނިންމާ ރަސްމީ އިއްޒަތުގައި އިހަށް ދުވަހު ބިންގާ އެޅައިފިއެވެ. މިހާރު އެދިނީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ހަމަ އެ އިސްމާއީލް މުހައްމަދަށް އޮނަރަރީ ޑޮކްޓްރޭޓްކަމެވެ.
ސާޖިދާ ކުޑައިރު ޖަނާބު މުހައްމަދު އިބްރާހީމް ސާޖިދާގެ މައިމީހާ ވަރިކޮށްލުމުން ސާޖިދާއަށް މއ. ފީރޯޒުވާދީން ހިޔާވަހިކަންދީ ބަލާ ބޮޑުކޮށް ކިޔަވާ ދިން މީހުނަށް ގައުމުން މަތީ ޝަރަފާއި ހައިބަތާއި މަގާމާ އިއްޒަތް ދޭންޖެހޭ ހެއްޔެވެ. ރާއްޖޭގެ ތައުލީމަށާއި ދީނަށް ހިދުމަތްކުރުމުގައި މުޅިއުމުރު ހޭދަކުރި އެތައް ބަޔަކު ތިއްބާ މެޑަމް ސާޖިދާގެ ބޮޑު ޅިޔަނު އިސްމާީލް މުހައްމަދަށް ރާއްޖޭގެ އިސްލަމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓްރޭޓްގެ ލަގަބު ދިނީކީ އެނޫން ކަމެއް ވެގެނެއްނޫނެވެ. 
ޖަނާބު މުހައްމަދު އިބްރާހީމާއި އިސްމާއީލު މުހައްމަދުމެންގެ މުޅި ހަޔާތް ހޭދަކުރީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ނަގާލާ މަޒުހަބީ ހިލާފުތައް ފެތުރުމުގައިކަމަށް ދެކޭމީހުން ރާއްޖޭގައި މަދެއްނޫނެވެ. އިސްމާއީލް މުހައްމަދަކީ ހަޔާތުގެ ބޮޑު ބައިގައި އަމިއްލައަށް އަރުވާލެވިގެން ރާއްޖޭން ބޭރުގައި އުޅުނު މީހެކެވެ. ބައެއް މީހުން ދެކެގޮތުގައި ދީނީ ގޮތުން އެމީހުން ގަބޫލުކުރާ މަޒްހަބަށް ނޫޅޭހާ ބަޔަކީ ލާދީނީ މީހުންގެ ގޮތުގައި ސިފަކުރަމުން ރާއްޖޭގައި ދީނީ ބައިބައިވުމަށް މަގުފަހި ކުރުމުގެ މުގުލުގައިހުރި އެކަކީ އިސްމާއީލް މުހައްމަދެވެ. 
ސާޖިދާ ރާއްޖޭގެ މަހާ ރެހެންދިޔަށް ވުމުން ބޮޑު ބޭބެ ޝޭހު ލަތީފަށް މިނިސްޓަރ ފެންވަރުގައި އިމާމްކަންދީ، ބޮޑު ޅިޔަނު އިސްމާއީލް މުހައްމަދަށް އިސްލާމިކް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓްރޭޓްކަން ދޭން ރާއްޖެއަކީ ސާޖިދާގެ މައިފުށު ތަރިކަ ހެއްޔެވެ. މުޅި އުމުރުގައި އިސްލާމީ އިލްމު ރާއްޖޭގައި ފެތުރުމާއި ހޭލުންތެރިކޮށް އުގަންނާދެއްވުމުގައި އުޅުއްވި ޝޭހު އުސްމާން އަބްދުއްލާ ފަދަ ބޭފުޅުންނަށް ނުދިން އޮނަރަރީ ޑޮކްޓްރޭޓް ކަމެއް ރާއްޖޭގެ އިސްލަމިކް ޔުނިވަރސިޓީން އިސްމާއީލް މުހައްމަދަށް ދިނީ އޭނާއަކީ މެޑަމް ސާޖިދާއަށް ހިދުމަތްކުރި ބޮޑު ޅިޔަންވީމައެވެ.
މުއިއްޒު ދެމަފިރިންގެ ޝާނާއި ޝައުކަތަށްޓަކައި ރާއްޖޭގެ އިލްމީ ބިނާތަކުގެ އިތުބާރާއި ހައިބަތުވެސް ނަގާލަނީއެވެ. މިހާވަރުން ދަންޏާ ޔުނިވަރސިޓީތަކުން ދޭ ސަނަދުތަކަކީވެސް މުއިއްޒުގެ ދެމަފިރިންގެ ހިރިޔާފާތުރައިގެ ދަށުން ދޭއެއްޗަކަށް ވެދާނެއެވެ. ޑިގްރީގެލިޔުމުގައިވެސް ހުންނާނީ މުއިއްޒުގެ ދެމަފިރިންގެ ފޮޓެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ