ދަރިންނަށް ވެކްސިންތައް ފުރިހަމަކުރުމަށްވުރެ މާބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކަށް އެބަ ސަމާލުކަން ދެންހެއްޔެވެ؟

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ދުޅަހެޔޮ ޞިއްޙަތެކެވެ. އެހެންވެ ބަލިތަކުން ސަލާމަތްވެ ހުރުމަށް ކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ޑޮކްޓަރުންނަށް ދައްކައެވެ. ޤަވާއިދުން މެޑިކަލް ޗެކަޕްތައް ހަދައެވެ. ދަރިންނަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރެއެވެ.
އަހުރެންގެ ވިސްނުމުގައި އެއަށްވުރެ މާމުހިންމު ކަމެއް އެބައޮތެވެ. އެއީ ތިމާގެ އީމާންކަން ވަރުގަދަކުރަން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި ޢިލްމްވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރަން ޖެހެއެވެ. އެކަން ނުކުރެވޭ މީހުން ޢިލްމްވެރިން ދެއްވާ ދަރުސްތައް އަޑުއަހަން ޖެހެއެވެ. އެކަންކަން އެބަކުރެވޭ ހެއްޔެވެ؟
ދަރިންނަށް ވެކްސިންޖަހާ ވާހަކަ ފާހަގަ މިކުރީ ވަރަށް ބޮޑު މަޤްޞަދެއްގައެވެ. ބަލިތަކުން ދަރިފުޅު ސަލާމަތްކުރުމަށްޓަކައި ވެކްސިން ޖެހުމަށްވުރެ އަހުރެންނަށް މުހިންމުކަން ބޮޑީ އެދަރިފުޅު ބޮޑުވަމުން އަންނަނީ އިސްލާމީ ޢަޤީދާގެ މަތީގައިކަން ޔަޤީންކުރުމެވެ. ހަމައެއާއިއެކު އެކުދިންނަކީ ނަމާދުކޮށް ޤުރްއާން އުނގެނޭ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެކުދިންނަކީ ކީރިތި ޤުރްޢާނުގެ ޢިލްމް ލިބި، އަދި ޢަމަލުކުރާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ.
ލޮބުވެތި އެކުވެރިންނޭވެ! މީސްތަކުން ﷲ ތަޢާލާގެ މަގާއި ދުރުހެލިވާނަމަ އެކިބާވަތުގެ މުޞީބާތްތައް ކުރިމަތިކުރައްވަވާނެތެވެ. މުޞީބާތެއް ކުރިމަތިވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އަޅުކަންކުރުން ގިނަކޮށް އަދި ދުޢަކުރުންވެސް ގިނަކުރެއެވެ. ނަމަވެސް އެކަމަކުން ސަލާމަތްވެވުމާއިއެކު މިއޮންނަނީ ހަނދާން ނެތިފައެވެ. ހިތަށް އެރިހައި ކަމެއް ކުރަން ފެށިފައެވެ.
އެގޮތަށް ކަންކަން ތިއަކުރަނީ އިތުރު މުޞީބާތެއް ނުޖައްސަވާނެ ކަމުގެ ޔަޤީންކަން އޮންނާތީހެއްޔެވެ؟ އެހެންކަމަށްވާނަމަ އެޔަޤީންކަން ދިނީ ކާކުހެއްޔެވެ؟ އެމީހެއްގެ ގާތަށްގޮސް އަހުރެންވެސް އެޔަޤިންކަން ލިބިގަންނަން ބޭނުމެވެ. އެކަމަކު އެއީ އެއްވެސް މީހަކަށް ދެވޭނެ ޔަޤީންކަމެއް ނޫނެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް!:
ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އެއް އައިސް މުޅި ދުނިޔެ ހުއްޓުވައިލީ ދާދި މިދާކަށް ދުވަހުއެވެ. މުޅި ދުނިޔެ ލޮކްޑައުންގެ ޙާލަތަކަށް ދާންޖެހޭނެކަން އެއީ އެއްވެސް މީހަކު ކުރިންވިސްނި ކަމެއް ނޫނެވެ. ނަމަވެސް އެކަންވެސް ވިއެވެ. ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞޯދުތައް ފުނޑިގެންދިއައެވެ. ދުނިޔެ ބަނޑަށް ޖެހުނެވެ. މަރުވާ މީހުންގެ ޢަދަދު ގިނަވެ ބިރުން ތެޅިފޮޅުނެވެ.
އެކަންކަމާއި ގުޅިގެން އިސްލާމް ދީނަށް ބޮޑެތި ނަޞްރުތަކެއްވެސް ލިބިގެންދިއައެވެ. ބަންގީގެ އަޑު އިވުނަނުދީ އެތައް ސަތޭކަ އަހަރުތަކެއް ވެގެންގޮސްފައިވާ ސަރަޙައްދުތަކުން ބަންގީގެ އަޑު ގުގުމައިލިއެވެ. އިސްލާމް ދީނުގެ ޝިއާރުތަކުން ބޮޑެތި ބިލްބޯޑުތައް ހަދައި އެމެރިކާފަދަ ޤައުމުތަކުގެ މަގުތަކުގައި ބެހެއްޓިއެވެ. މިފަދަ އެތައް ކަމެއް ހިނގިއެވެ.
ކޮންމެއަކަސް އެކަމުގެ ވަޤުތުޖެހުމުން ﷲ ތަޢާލާ ޙާލަތު ބަދަލުކޮށްދެއްވެވިއެވެ. އެހިސާބުން ކަންކަން ހަނދާން ނެތެމުން އައިސް އަނެއްކާވެސް ދުނިޔެއަށް މިވަނީ ޖާހިލުކަން ފެތުރި ޢާންމުވެފައެވެ. ކޮރޯނާއޭ ކިޔުނު އެކުޑަކުޑަ ވައިރަސްމަތިން މިހާރު ހަނދާންހުރީވެސް މަދުމީހެކެވެ. ވީމާ ބުނެލަން އޮތީ ތިއަ ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ކިޔާނެ ނަމެއް ކިޔާށެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ދެން ވެއްޓިގެންދާނީ މާފުން އަނދަވަޅަކަށް ކަމުގައިވުމަކަށް އެއްވެސް ހުރަހެއް ނެތެވެ! ރާއްޖޭގެ އިޤްޠިޞޯދުގެ މައިނާރުކަމަށްވާ ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. އެއާޕޯޓް ބަންދުކުރެވުނެވެ. ރިޒޯޓުތަކުގައި ދަނޑުވެރިކަން ކުރަން ފެށުނެވެ. ޙާލަތު ބަދަލުވެ އަލުން ފަތުރުވެރިކަން ފެށުމުން ޝުކުރުވެރިނުވެވުނުތަނުގައި ޣާފިލުކަން ދިއައީ ބޮޑުވެގެންނެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި މުސްލިމުންނަށް އުޅެން ދަތިވާ ޙާލަތަށް ކަންކަން މިވަނީ ގެންގޮސްފައެވެ.
މިހާރު ދިމާކޮށްލާފައިވަނީ ދަރިވަރުން އަޢުރަ ނިވާކުރަން ހުރަސް އެޅުމަށެވެ. މިހިސާބަށް ކަންކަން ދިއުމުން އެދުވަސްވަރު ކަންކަން ވެގެންދިއަ ގޮތް ކުރުގޮތަކަށް އެއިރުގެ ލިޔުމަކުން ހާމަކޮށްލާނަމެވެ. ވައިޓް ހައުސްއަށް ބުރުގާ ވަންގޮތުގެ ވާހަކައަކީ ހަނދާންކޮށްލުން މުހިންމު ވާހަކައެކެވެ.
ކޮރޯނާ އެމެރިކާއަށް ދަތުރުކުރުމާއިއެކު ވަދެގަންނަން އެންމެ އަވަސްކުރި އެއް ތަނަކީ އެންމެ ވަރަގަދައަށް ސެކިޔުރިޓީކޮށް ދޮރުތައް ތާށިކޮށްފައިވާ ޕެންޓެގަނެވެ. އެމެރިކާގެ މައި ދިފާއީ އިދާރާއެވެ. މަރުކަޒެވެ. އަމުރުތައް ނެރޭތަނެވެ.
ޕެންޓެގަން އަޅާފައިވާ 1100 އޭކަރުގެ ބިމަކީ ކޮންފެޑެރޭޓް ޖެނެރަލް ރޮބަރޓް އީ. ލީގެ އަތުން ފޭރިގެންފައިވާ ބިމެއް ނަމަވެސް އެމެރިކާއިން ބުނަމުން ގެންދަނީ ޕެންޓެގަނަކީ ދުނިޔެއަށް އެމެރިކާގެ ބާރު ދައިކައިދޭ މަރުކަޒުކަމަށެވެ. އެއީ ތެދެކެވެ. ޕެންޓެގަން ބޭނުންވުމުން ބޭނުން ބައެއްގެ ބޮލަށް އެބަ ބޮން އެޅެއެވެ.
އެބާރުގަދަ ޕެންޓެގަން ސިއްސުވައިލީ ލޮލަށް ނުފެންނަ ކުޑަކުޑަ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ކޮރޯނާ އެތަނަށް ވަދެގަނެ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑުގެ ތެރެއަށް ވައިރަސްދެމިގަތުމުންނެވެ. އެއަށްފަހު ފެނުނީ މުޅި ދުނިޔެއަށް އަމުރުނެރޭ ވައިޓް ހައުސްތެރެއަށް ހަމ އެ ކޮރޯނާ ވައިރަސްވަދެގަތްތަނެވެ.
މާރިޗްމަހު ފެނިގެންދިއައީ ވެސް ދުނިޔެ ސިއްސުވައިލި މަންޒަރެކެވެ. މިހައިތަނަށް މުސްލިމުންނަށް ފުރައްސާރަކޮށް ޖެއްސުންކޮށް ނިކަމެތިކުރުމުގެ ބަސްތައް ބުނަމުން ގެންދިއަ އެ ވައިޓްހައުސްތެރޭގައި ހަމަ އެޕޯޑިއަމްގައި އެމެރިކާ އެންމެ ބޮޑަށް ރުޅިއަންނަ މުސްލިމް ޙިޖާބް ރަސްމީ އިއްޒަތާއި ޝަރަފުގައި ޙަރަކާޔްޔެރިވާތަނެވެ.
އެޝަރަފު މުސްލިމުންނަށް ލިބިގެންދިއައީ އިކޮނޮމިކް މިނިސްޓްރީގެ ނައިބް ސަމީރާ ފަޒީލީގެ ސަބަބުންނެވެ! ބުއްދި ސަލާމަތުން ނެތް މީހުންނަށް އެމީހުންނަކީ މާބާރުގަދަ ބައެއް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް ﷲ ތައާލާ ފިޔަވައި ޙާލަތުގެ މައްޗަށް ބާރެއް ހިންގޭނެ އެއްވެސް ފަރާތެއް ނުވެއެވެ!
މިކަންކަމަކީ ވިސްނައި ފިކުރުކުރަންޖެހޭ ކަންކަމެވެ. ވިސްނައި ފިކުރުކުރުން ޢިބްރަތް ޙާޞިލުކުރެވޭނެ ކަންކަމެވެ! ރާއްޖޭގެ "ވައިޓްހައުސް" އިން ވެސް ގިނަގިނައިން ޙިޖާބް ފެންނާނެ ގޮތް މިންވަރުކުރެއްވެވުން އެދި ދުޢާކުރައްވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ