ޤަޟާ ޤަދަރާއިމެދު މިކަންކަން ޤަބޫލުކުރާނަމަ ހިތާމަތަކާ ތަކްލީފްތަކުން އަރައިގަނެވޭނެ! އިން ޝާ ﷲ: ޝެއިޚް ބިލާލް އަސަދް

ޢާއިޝަތު ރަފާޙް ޢަލީ
 
މި ލެކްޗަރ ފެށެނީ އިސްލާމްދީނުގައި ޤަޟާ ޤަދަރު ގެ މަފްހޫމަށް އަލިއަޅުވާލައި، މުސްލިމުންނަށް ކެތްތެރިކަމާއި ސާބިތުކަމާއެކު ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލެވޭނެ ގޮތްތަކަށް އިޝާރާތްކުރަމުންނެވެ. ޤަޟާ ޤަދަރަށް އީމާންވުމަކީ އިސްލާމްދީނުގެ އީމާންކަމުގެ 6 ރުކުނުގެ ތެރެއިން އެއް ރުކުން ކަމުގައިވާތީ، އޭގެ މުހިންމުކަން ޝެއިޚް ބަޔާންކޮށްދެއްވައެވެ. 
•ޤަދަރަކީ ވުޖޫދުގައިވާ ހުރިހާ އެއްޗެއް - ހެޔޮ ނުވަތަ ނުބައި - الله ސުބުޙާނަހޫ ވަތަޢާލާ އިސްވެ ކަނޑައަޅުއްވާފައިވާ ކަމަށް ޤަބޫލުކުރުމެވެ. މީގެ ތެރޭގައި ޚަލްޤުކުރެއްވުމާއި، ފަނާކުރެއްވުމާއި، މުޅި ޢާލަމުގައި އަންނަ ހުރިހާ ބަދަލުތަކެއް ހިމެނެއެވެ. 
•ޤަޟާ އާއި ޤަދަރު މި ދެ ލަފުޒު ގިނަފަހަރު ބޭނުންކުރެވެނީ އެއް މާނައެއްގައި ނަމަވެސް، މި ދެ ލަފުޒުގެ މެދުގައި ކުދިކުދި ތަފާތުތަކެއް ވެއެވެ: 
oޤަޟާ އަކީ ކަމެއް ވުމާމެދު الله ގެ އެންމެ ފަހުގެ ނިންމެވުމަށް ނުވަތަ ޙުކުމްފުޅަށެވެ.
oޤަދަރަކީ މި ނިންމެވުންތައް މިންވަރުކުރެއްވުމަށް ނުވަތަ ތަންފީޒުކުރެއްވުމަށެވެ. 
ޤަދަރުގެ ޒާތު:
•ދުނިޔޭގައި ހިނގާ ކޮންމެ ކަމަކީ الله ގެ ނުހަނު ޢިލްމުފުޅާއި، އިރާދަފުޅާއި، ބާރުފުޅާއި، ޙިކުމަތްފުޅާއި، ޢަދުލުވެރިކަމާއި، ރަޙްމަތްފުޅުގެ ނަތީޖާއެކެވެ. ޤަދަރަށް އީމާންވުން ބިނާވެފައިވަނީ ޤުރުއާނާއި ޙަދީޘްގެ މައްޗަށެވެ.  
މިސާލަކަށް، ކީރިތި ޤުރުއާނުގައި ޤަމަރް ސޫރަތުގެ 49 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ،
إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ‎﴿٤٩﴾‏
"ހަމަކަށަވަރުން، ތިމަން الله ކޮންމެ އެއްޗެއް ޚަލްޤުކުރެއްވީ މިންވަރުކުރައްވައިގެންނެވެ." 
ޤަދަރުގައިވާ ހެޔޮ އަދި ނުބައި: 
•ހުރިހާ އެއްޗެއް ވަނީ الله ގެ ޙަޟްރަތުން ކަމުގައިވީނަމަވެސް، އެއްވެސް ނުބައެއް ސީދާ އެކަލާނގެ ޙަޟްރަތުން ނާދެއެވެ. "ނުބައި" ކަމަށް ފެންނަ ކަންތައްތަކުގައި ގިނަފަހަރު ޙިކުމަތްތަކެއް އެކުލެވިގެންވެއެވެ. އަދި އެކަންކަމުގެ ސަބަބުން ހެޔޮ ނަތީޖާތަކަކަށް ވާސިލުވެވެއެވެ. 
•މިސާލުތައް:
oސަރޖަރީ ފަދަ ވޭންދެނިވި ތަޖުރިބާތައް ގެއްލުންދޭ ކަމެއް ކަމަށް ފެނުނު ނަމަވެސް، އޭގެ ސަބަބުން ޝިފާ ލިބެއެވެ.
oކުޑަކުއްޖަކު ހިނގަން ދަސްކުރަމުންދާއިރު ވެއްޓުން ފަދަ ގޮންޖެހުންތަކުގެ ސަބަބުން އަހަރެމެންނަށް ކުރިއެރުން ލިބެއެވެ.
ދަތިތަކަކީ ވަގުތީ އެއްޗެކެވެ. އަދި އޭގެ ފަހަތުން އަބަދުވެސް ފަސޭހަކަން އަންނާނެއެވެ.
މިކަން ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ:  
ޝަރްޙް ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ مَعَ ٱلْعُسْرِ يُسْرًا ‎﴿٦﴾‏
"ފަހެ، ހަމަކަށަވަރުން ދަތިކަމާއެކު ފަސޭހަކަން ވެއެވެ."  
އިންސާނުންގެ ޒިންމާއާއި އިމްތިޙާންތައް: 
• الله އިންސާނުން ޚަލްޤުކުރެއްވީ ބިމުގައި އެކަލާނގެ ޚަލީފާއިންގެ ގޮތުގައެވެ. އަދި އެމީހުންނަށް އިޚްތިޔާރާއި ރަނގަޅާއި ނުބައި ވަކިކުރުމުގެ ޤާބިލުކަން ދެއްވިއެވެ. މި އިޚްތިޔާރާއި އިންސާނީ އެދުންތަކާއި ވަސްވާސްތަކަކީ އިންސާނުންނާއި އެހެން ތަކެއްޗާއި ދެމެދު ހުރި ތަފާތެކެވެ.  
• ދުނިޔެއަކީ އިމްތިޙާނެކެވެ. އަދި އިންސާނުންގެ މައްޗަށް ޢަދުލުވެރިކަން ޤާއިމުކުރުމާއި، އެކަކު އަނެކަކު ޙިމާޔަތްކުރުމާއި، ހެޔޮކަންތައްތަކަށް މަސައްކަތްކުރުން ލާޒިމުވެގެންވެއެވެ. ކޮންމެ ގޮންޖެހުމަކީ، ގެއްލުމަކީ، ނުވަތަ ދަތިކަމަކީ އިމްތިޙާނެކެވެ. އަދި އެކަމެއްގައި ކެތްތެރިވުމުގެ ސަބަބުން الله ގެ ދަރުމަ ލިބިގެންދެއެވެ. 
الله އާ މެދު ހެޔޮގޮތުގައި ހީކުރުން:
• ޤަދަރަށް އީމާންވުމުގެ ތެރޭގައި الله އާ މެދު ހެޔޮގޮތުގައި ދެކުން ހިމެނެއެވެ. الله އާ މެދު ނުބައިކޮށް ހީކުރުމާއި ދަތިތަކުގައި އެކަލާނގެއަށް ކުށްވެރިކުރުމަކީ ދުނިޔެއާއި އާޚިރަތުގައި ހަލާކުވުމާއި ގެއްލުމަށް މަގުފަހިވާނެ ކަމެކެވެ. 
• ޤުރުއާނުގައި އިންޒާރު ދެއްވާފައިވެއެވެ، ފަސޭހަކަމުގައި އެކަނި الله އަށް އަޅުކަންކޮށް، ދަތިކަން ދިމާވުމުން އެނބުރި ދާ މީހުންނާ މެދުގައެވެ. ޙަޤީޤީ އީމާންކަމަކީ ދަތި ވަގުތުތަކުގައިވެސް الله ގެ ޙިކުމަތްފުޅަށް އިތުބާރުކުރުމެވެ. 
އާދަމްގެފާނާއި މަލާއިކަތުންގެ ވާހަކަ: 
• އާދަމްގެފާނުގެ ވާހަކައިން ފާހަގަކޮށްދެނީ ބިމުގައި الله ގެ ނައިބުންގެ ގޮތުގައި އިންސާނުން ތިބުމުގެ މަޤްޞަދެވެ. މަލާއިކަތުން ސުވާލުކުރެއްވި ހިނދު، ފަސާދަކޮށް ލޭއޮހޮރުވާނެ ބަޔަކު ޚަލްޤުކުރައްވަނީ ކީއްވެގެންތޯ، الله ވަޙީކުރެއްވިއެވެ، 
ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ ‎﴿٣٠﴾‏
"ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (30)"  
• މި ވާހަކައިން ދޭހަވަނީ އިންސާނުންނަކީ އެމީހުންގެ އިޚްތިޔާރާއި، ގޮންޖެހުންތަކާއި، އެކަންކަމުން މަތިވެރިވުމުގެ ޤާބިލުކަމުގެ ސަބަބުން ޚާއްޞަ ބައެއްކަމެވެ. އަދި މިކަންކަމުގެ ސަބަބުން އެމީހުން الله އާ ގާތްވެގެންދެއެވެ. 
ދަތިތަކުގައިވާ ޙިކުމަތް: 
• ދަތިތަކުގެ ސަބަބުން الله ގެ ސިފަފުޅުތައް - މިސާލަކަށް ޢަދުލުވެރިކަން (އަލް-ޢަދްލު) އަދި ރަޙްމަތް (އަރް-ރަޙްމާން) - ފާޅުވެގެންދެއެވެ. މިސާލަކަށް:
oހެޔޮ ޢަމަލުތަކަށް ޖަޒާ ދެއްވުމާއި ނުބައި ޢަމަލުތަކަށް އަދަބު ދެއްވުމުގައި ޢަދުލުވެރިކަން ފާޅުވާޅުވެއެވެ.
oމާފުކުރެއްވުމާއި ނުވަތަ އަދަބު ލުއިކޮށްދެއްވުމުގައި ރަޙްމަތްފުޅު ފާޅުވެއެވެ.
•ދިރިއުޅުމުގެ އިމްތިޙާންތައް، ވޭންދެނިވި ކަމުގައިވިޔަސް، ރޫޙާނީގޮތުން ކުރިއެރުމަށާއި الله ގެ ރުއްސެވުން ހޯދުމަށް ލިބޭ ފުރުޞަތުތަކެކެވެ. 
ޢަމަލީ ފިލާވަޅުތައް: 
1.     ޤަދަރަށް އީމާންވުމާއި އެކަން ޤަބޫލުކުރުން: 
oކޮންމެ ކަމެއް ހިނގިޔަސް - ގެއްލުނު ފުރުޞަތުތަކެއް ވިޔަސް ނުވަތަ ލިބުނު ނިޢުމަތްތަކެއް ވިޔަސް - އެއީ الله ގެ އިރާދަފުޅުކަމާއި ތިބާގެ ލާބައަށްޓަކައިކަން ޔަޤީންކުރުން. 
2. ހިތާމަކުރުމާއި ބޮޑާވުމުން ދުރުހެލިވުން:
oގެއްލުނު ފުރުޞަތުތަކާމެދު ހިތާމަކުރުމާއި ކާމިޔާބީތަކުގެ މައްޗަށް ފަޚުރުވެރިވުމުން ދުރުހެލިވުން. އެއީ މި ދެކަމަކީވެސް الله ގެ އިމްތިޙާންތަކެއް ކަމަށްވާތީއެވެ. 
3. ދަތިތަކުގައި ކެތްތެރިވުން:
oކޮންމެ ދަތިކަމަކީވެސް ވަގުތީ އެއްޗެކެވެ. އަދި އޭގެ ފަހަތުން ފަސޭހަކަން އަންނާނެއެވެ. މުއުމިނުން ދަތި ވަގުތުތަކުގައި ސާބިތުވެ، الله އަށް ބަރޯސާވާންވާނެއެވެ. 
4. ޝުކުރުވެރިވުމާއި މަޑުމައިތިރިވުން:
oހުރިހާ ނިޢުމަތްތަކަކާއި އިމްތިޙާންތަކަކީ الله ގެ ޙަޟްރަތުން އައިސްފައިވާ އެއްޗެހިކަން ދެނެގަތުން. އަދި އެކަންކަމުގެ ޒަރީޢާއިން އެކަލާނގެއާ ގާތްވުމަށް މަސައްކަތްކުރުން. 
ނިންމުން: 
ޤަދަރަށް އީމާންވުމުގެ ސަބަބުން މުސްލިމަކު ދިރިއުޅުމުގެ ގޮންޖެހުންތަކާއި ނިޢުމަތްތަކަށް ނަޒަރުހިންގާ ގޮތް ބަދަލުވެގެންދެއެވެ. މިކަމުގެ ސަބަބުން الله ގެ ޙިކުމަތްފުޅަށް އިތުބާރު ބޮޑުވެ، ކެތްތެރިކަން އިތުރުވެ، އަދި އެކަލާނގެ އިރާދަފުޅަކާޅަކާ ނުލައި އެއްވެސް ކަމެއް ނުހިނގާނެކަން އެނގި ހިތްހަމަޖެހުން ލިބިގެންދެއެވެ. ޤަދަރު ދެނެގަތުމުގެ ސަބަބުން ދަތިތައް ވެގެންދަނީ ކުރިއެރުމަށް ލިބޭ ފުރުޞަތުތަކަކަށެވެ. އަދި الله ގެ ރަޙްމަތްފުޅާއި ޢަދުލުވެރިކަމުގެ މައްޗަށް އޮންނަ އީމާންކަން އިތުރުވެގެންދެއެވެ.
 
- ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ