ދައުލަތް ދެމެހެއްޓުމުގެ މަސައްކަތް ކުރާނީ ސިފައިން: ރައީސް
ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ދިވެހީންގެ މިނިވަންކަމަކަށް އިރުއޮއްސުމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.މިއަދު ފާހަގަ ކުރާ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބެއްގައި ރައީސް ވަނީ ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް އަދި މީގެ ކުރިން އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމު މިއަދާއި ހަމައަށް ދެމިއޮތީ ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދު ވެސް އަދާކުރީ، މިހާރު ކިޔާ ގޮތުން ނަމަ އަސްކަރިއްޔާ އިން ނުވަތަ ސިފައިން ކަމަށްް ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިން ކަމުގަ އެވެ."ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.ރައީސް ވަނީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުންކަމަށާއި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާއި ނުގުޑާ އަޒުމުން ކަމުގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ