ދުޢާ - 18

"ޙަޔާ އުޅެނީ ލިވަރ ކެންސަރު ޖެހިގެން." އަފީފާގެ ވާހަކައާއެކު ސިނާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޙަޔާއާ ބެހޭގޮތުން އަދި އެފަދަ ކިތަށް ޝޮކު އޭނާއަށް އަދި ލިބޭނެ ހެއްޔެވެ؟. އޭނާއަށް ޙަޔާއާ މެދު ވިސްނައިލެވުނެވެ. ޙަޔާގެ ބަލި ޙާލަތު އެނގުމުން ވަކި ޙަޔާއާ މެދު އެހިތުގައިވާ އިޙްސާސްތަކެއް ބަދަލެއް ނުވެއެވެ. "އަޅެ ހާދަ ދެރައޭ ދޯ." އެންމެފަހުން އޭނާއަށް ބުނެވުނެވެ. "އެހެންވެ އެހާ ބަލީ. އުންމީދަކީ ޙަޔާ ވީހާވެސް އަވަހަކަށް ރަނގަޅުވުން. ހާދަ ރަނގަޅު ކުއްޖެކޭ އެއީ. އެހާ ދީންވެރި. ސިނާން ބައްޕަގެ ވަޒީފާ ގެއްލުނު ވާހަކަ ބުނީމަ އެހާ ބަލިއިރުވެސް ނޫރާއަށް އެ ކިޔަވައިދެނީ ވެސް ހިލޭ." އަފީފާ އެހެން ބުނެލާފައި ޙަޔާއަށް ހެޔޮ ދުޢާކޮށްލިއެވެ. ސިނާންވެސް ބޯ ޖަހާލާފައި ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ. އެހެންނަމަވެސް، އޭނާއަށް އެ އިން ދައްކަމުން ދިޔަ އެއްވެސް އެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ ބޮޑަށް އޭނާއަށް ޙަޔާއާ ދޭތެރޭ ވިސްނެނީއެވެ. ***** ޒައުލްގެ އުޅުމަށް އައި ހެޔޮ ބަދަލުތައް އެންމެ ގާތުން ފެނުނު އެކަކީ ޒަމީރެވެ. އޭނާގެ ދެލޮލުން ޒައުލްއަށްޓަކައި އުފާވެރިކަން ނީރައިލިއެވެ. އެ ދުވަހުވެސް ޒައުލް އޮފީހުން އައީ ޒަމީރު ސޯފާގައި ޚަބަރު ބަލަން އިންދައެވެ. ޒައުލް ފެނުމާއެކު، އޭނާ ޒައުލްއަށް ގޮވާ ގެނައެވެ. ޒައުލްވެސް އައިސް ސޯފާގައި އިށީނދެ ޒަމީރަށް ސަލާމް ގޮވައިލިއެވެ. "އައްސަލާމު ޢަލައިކުމް." ޒައުލްގެ އެ ޖުމްލަ އިވުމާއެކު، ޒަމީރުގެ ހިނިތުންވުން ފުޅާވިއެވެ. ދަރިފުޅަށް ބަލައިލާފައި އޭނާ ސަލާމަށް ޖަވާބު ދިނެވެ. "ވަޢަލައިކުމުއް ސަލާމް." ޒަމީރު ބުނެލިއެވެ. "އޮފީސް ކިހިނެއް މިހާރު؟ ހުރިހާކަމެއް ހަމައަކަށް އެޅިއްޖެތަ؟" "އޮފީހުގެ ހުރިހާކަމެއްވެސް ދަނީ ވަރަށް ބަރާބަރަށް." ޒައުލް ބުނެލިއެވެ. "ބައްޕަ ބޭސް ކައިފިންތަ؟" "އާނ. ކަައިފިން." ޒަމީރު ބުނެލިއެވެ. "މާދަން ޖެހޭ ދޯ ޑޮކްޓަރަށް ދައްކަން ދާން." ފޯނުން ތާރީޚު ބަލައިލާފައި ޒައުލް ބުނެލިއެވެ. "އާނ. ޖެހޭ ދާން. އެ ގަޑީގައި ޒައުލްއަށް ދެވޭނެތަ؟" ޒަމީރު ސުވާލުކޮށްލިއެވެ. "އެބައިން މީޓިންއެއް. އެކަމަކު ހައިޝަމް ފޮނުވާލާފަ ބައްޕައާއެކު ދެވިދާނެ." ވިސްނާލަމުން ޒައުލް ބުނެލިއެވެ. މިހާރަކަށް އައިސް އޭނާ ޒަމީރަށް ވަކީން ބޮޑަށް ބަލައެވެ. އިސްލާމްދީނުގައި މައިންބަފައިންނަށް ދީފައިވާ މަޤާމާ މުސްކުޅިވާ ދުވަހު މައިންބަފައިން ބެލުމަކީ ކިހާ ބޮޑު ހެޔޮކަމެއްކަން އެނގުނު ފަހުން ޒައުލް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. މިއަދު މަންމަ ދުނިޔޭގައި ނެތްނަނަމަވެސް ބައްޕަ ދުނިޔޭގައި އެބަ އިނެވެ. އެ ބައްޕައަށް ޚިދުމަތްކުރުމުގެ ފުރުސަތު މިއަދު އެވަނީ އޭނާއަށް ލިބިފައެވެ. އެއީ އެންމެންނަށް ލިބޭނެ ނިޢުމަތެއް ނޫނެވެ. ވިއިރު އެކަމަށް ޝުކުރުވެރިވެ، ވީ އެންމެ ހެޔޮކޮށް ބައްޕައަށް ހިތުމަށް ޒައުލްވަނީ އަޒުމު ކަނޑައަޅާފައެވެ. "ދަރިފުޅަށް އެނގޭތަ މިއަދު ބައްޕަ ވަރަށް އުފާވެއްޖެ." ޒަމީރަށް ބުނެވުނީ ހަމަ ހަޤީގަތުގައިވެސް އޭނާ ވަރަށް ބޮޑަށް އުފާވެފައި ހުރީތީއެވެ. ޒައުލްގެ އެ މިޒާޖު އޭނާއަށް ވަރަށް ކަމުދެއެވެ. އެ ބަދަލުތައްވެސް މެއެވެ. އެކަމަށްޓަކައި އެތަކެއް ފަހަރަކު، އޭނާއަށް ﷲ އަށް ޝުކުރު ކުރެވެއެވެ. ކޮންމެ ދުވަހަކު، ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ދުޢާކުރެއެވެ. އެފަދަ ސާބިތުކަންމަތީގައި ޒައުލް އަބަދުވެސް ލެހެއްޓެވުމަށް އެދިއެވެ. "ދަރިފުޅަށް ތި އައި ބަދަލުތަކުން ބައްޕަ ވަރަށް އުފާވޭ." ޒައުލްއަށް އޭނާ ބުނި އެއްޗެއް އެނގުނުކަން އެނގުނު ނަމަވެސް، ޒަމީރު ތަފްސީލުކޮށްލަދިނެވެ. ބައެއްފަހަރު އަނެކާއަށް ސަބަބު އެނގުނު ނަމަވެސް، ދުލުން ބުނެލުމަކީ އުފާވެރިކަން ލިބޭކަމެކެވެ. އެއީ މުހިންމުކަމެއްކަމުގައި ޒަމީރު ދެކެއެވެ. ޒަމީރުގެ ވާހަކައިން ޒައުލް އުފާވިއެވެ. ހިތަށް ފިނިކަން ލިބުނީ ބައްޕަގެ އެ އުފާވެރިކަމުގެ ސިއްރަކީ އޭނައޭ ހިތަށް އެރުމުންނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު ޒައުލް ވާހަކަ ދެއްކިއެވެ. "އިންޝާ ﷲ، އަހަރެން އަބަދުވެސް މިގޮތުގައި ސާބިތުވާނަން. ރާއްޖެ އާދެވުމަކީ އަހަންނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެއް. ބޭރުގައި ހުރިނަމަ އަދިވެސް އަހަރެން ހުންނާނީ ހަމަ އެ އަނދިރިކަމުގެ ތެރޭގައި..... އެ ޣާފިލްކަމުގެ މަތީގައި ކަންނޭނގެ.... "ޒައުލް ބުންޏެވެ. އޭނާ އިރުކޮޅަކު ޒަމީރާ ވާހަކަ ދައްކަން އިނެވެ. އެއަށްފަހު ކޮޓަރިއަށް ގޮސް ފެންވަރައިލާ ތާޒާވެލިއެވެ. އޮފީހުން އާދެވުނުލެއް ލަސްކަމުން، ފެންވަރާ ތާޒާވެލިއިރު، ހުރީ މަޣްރިބު ނަމާދަށް ގޮވަން ކައިރިވެފައެވެ. މުސައްލަ ނެގުމަށްފަހު ވެސް ޒައުލް މަޑުޖެހުނެވެ. ތައުބާވި ފަހުން ޒައުލް ނަމާދުކުރަނީ ގޭގައެވެ. އޮފީހުގައި ނަމަ އެތަނުގައެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒައުލް މިސްކިތަށް ދާން ކުޑަކޮށް ޖެހިލުންވަނީއެވެ. ނަމާދު ކުރަނީވެސް ފޮތްތައް ބަލައިގެންނެވެ. އޭނާ މިހާރު ދަނީ ނަމާދުގައި ކިޔާ އެއްޗެހިވެސް ދަސްކުރަމުންނެވެ. މިއަދު އޭނާގެ ވިސްނުން ވެސް ބަދަލުވި ކަހަލައެވެ. މުސައްލަ އޮތްތާ ބާއްވާލާފައި އޭނާ ގެއިން ނުކުތީ މިސްކިތަށް ދިޔުމުގެ ބޭނުމުގައެވެ. އޭރު އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް ސުވާލުތަކެއް ވެރިވެފައި ވެއެވެ. އޭނާ އެންމެ ފުރަތަމަ މިސްކިތަށް ދިޔަ ދުވަހުގެ ހަނދާންތައް އާވިއެވެ. އެ ދުވަހު ލިބުނު ނުތަނަވަސްކަން މަތީންވެސް މެއެވެ. މިފަހަރުވެސް އެހެންވާނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭރު އޭނާއަށް ނޭނގުނުކަމަކީ، އެ އުނދަގޫތައް އޭނާއަށްވީ އޭނާ ޣާފިލްކަމުގެ ގަދަ ނިންޖަކުން ނިދާފައިވާއިރުގައި ކަމުގައެވެ. އޭނާއަށް ނޭނގުނު ކަމަކީ މިއަދު، މިސްކިތަށް ވަދެފިނަމަ މިސްކިތްވެގެން ދާނީ އޭނާގެ ހިތަށް ހިތްހަމަޖެހުމާއި އުފަލެއް ލިބޭ އެންމެ އަމާން ތަން ކަމުގައެވެ. މިސްކިތާ ހިސާބަށް ޒައުލް ދިޔައިރު، ބަންގި ގޮވަނީއެވެ. ޒައުލް ވުޟޫކުރާ ބަޔަށް ގޮސް ވުޟޫކޮށްލަން އަތުކުރި އޮޅައިލި ވަގުތު އެތަނުގައި ހުރި މީހެއްގެ ލޮލުގައި އެ އަތުގައިވާ ޓެޓޫ އަޅައިގަތެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. މޫނުމައްޗަށް ވަގުތުން ނުރުހުމުގެ އަސަރުތައް ވެރިވިއެވެ. "ޓެޓޫ ޖަހައިގެން ނަމާދުކުރަން އަންނަން ލަދެއްވެސް ނުގަނޭތަ؟" އެމީހާ ނުރުހުމާއެކު ސުވާލުކޮށްލުމާއެކު، ވުޟޫކޮށްލަން އިސްކުރު ދޫކޮށްލި ޒައުލް މަޑުޖެހިލިއެވެ. އޭނާއަށް އިސްކުރު ބަންދުކޮށްލާފައި އަތަށް ބަލައިލެވުނެވެ. އެ ޓެޓޫއަކީ މާކުރީން އޭނާ ޖަހާފައިވާ އެއްޗެކެވެ. މިހާރު އޭނާ އެވަނީ ތައުބާވެފައެވެ. އެ ވާހަކަ ބުނެލުމަށް އަނގަ ހުޅުވައިލި ނަމަވެސް، އެމީހާ މިފަހަރުވެސް، ފުރުސަތެއް ނުދިނެވެ. ޒައުލްއާ ދިމާލަށް އޭނާ އެއްޗެހި ކިޔައިގަތެވެ. "ތި އެއްޗެހި ކުރަހައިގެން ކުރާ ނަމާދެއްވެސް ސައްހައެއް ނުވާނެ. މުސްލިމުންނޭ ކިޔާފައި ގޮސް ކާފަރުން ކުރާ ހުރިހާކަމެއް މި މީހުން އެބަ ކުރެޔޭ. ތި އެއްޗެހި ކުރަހައިގެން އައިސް ނަމާދުކުރަން ލަދެއް ނުގަނޭތަ؟ މިސްކިތުގެ ހުރުމަތް ކަނޑާލެވޭއިރުވެސް ނޭނގޭތަ؟" އެމީހާ ޒައުލްއާ ދިމާލަށް އެއްޗެހި ކިޔުމެއް ނުހުއްޓިއެވެ. "އަހަރެން…." ޒައުލް ވާހަކަ ދައްކަން އުޅުމުންވެސް އޭނާ ޒައުލްއަކަށް ފުރުސަތެއް ނުދިނެވެ. ޒައުލްގެ ވާހަކަ މެދުކަނޑާލަމުން އެއަށްވުރެ ބާރަށް އޭނާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެމެންގެ ޅަދަރީންނަށް ތި މަންޒަރު ފެނުނީމަ ތިކަމަށް އެމީހުންގެ ހިތްތަކުގައިވެސް ލޯބި ޖެހޭނީ. ދީނާ ދުރަށް ދާނީ. ކަލޭމެން ކަހަލަ ޒުވާނުން ތިކަހަލަ ކަންތައްކުރާތަން ފެންނާތީއޭ އެމީހުންވެސް ހަލާކުވަނީ." ޒައުލްގެ އެ ޓެޓޫ ފެނި ޒައުލްގެ ބޮލުގައި އޭނާ ނާޅުވާ އިލްޒާމެއް ނެތެވެ. ޓެޓޫއަށް ބަލައިލުމާއެކު ވިސްނަން ޒައުލްއަށް ހުރެވުނެވެ. އޭނާ މިހުރިހާ ދުވަހު ކުރި ނަމާދު ސައްޙަވާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އެ ޓެޓޫ ފެންނަން އިންނާތީ އޭނާ ނަމާދުކުރަނީވެސް ޓެޓޫ ފޮރުވޭ ފަދަ ޓީޝާޓެއް ނުވަތަ ގަމީހެއް ލައިގެންނެވެ. އަދި ޒައުލް ހުރީ ދާދި އަވަހަށް އެ ޓެޓޫ އެކީ ފިލުވަންވެސް ނިންމައިގެންނެވެ. "ބަލާބަލަ މިހިރަ މީހެއް ނިމާލު.." ވުޟޫކުރާ ބަޔަށް ވަތް އެހެން މީހަކަށް ގޮވާލާފައި އެމީހާ ވާހަކަ ދެއްކިއެވެ. "ކިހިނެއްވެގެން މިއުޅެނީ މަނިކު. ކަމެއް ގޯސްވީތަ؟" ނިމާލު ސުވާލުކޮށްލުމުން ޒައުލްވެސް ނިމާލަށް ބަަލައިލިއެވެ. "ބަލާބަލަ މުޅި އަތުގެ ޓެޓޫ ޖަހައިގެން މިސްކިތަށް އަރަނީ. ޅަދަރީންނަށް މި މަންޒަރު ފެނުމުން ހީކުރާނީ ކީކޭ؟" މަނިކު ނިމާލު ކައިރީގައި ހުރި، އަށް އަހަރުގެ ކުއްޖާއަށް އިޝާރާތްކޮށްލާފައި ބުނެލިއެވެ. ޒައުލްގެ އަތުގައި ކުރަހާފައިވާ ޓެޓޫއަށް ނިމާލު ބަލައިލުމާއެކު ބޭއިޚްތިޔާރުގައި ޒައުލްއަށް އަތްކުރި ތިރިކޮށްލެވުނެވެ. އަދި ޓެޓޫ ފޮރުވައިލެވުނެވެ. ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލައިލާފައި ޒައުލް، އެތަނުން ނުކުންނަން ހިނގައިގަތީ އިސްޖަހާލައިގެން ހުރެއެވެ. "މަޑުކޮށްބަލަ." އޭނާ ހުއްޓުނީ ނިމާލުގެ އަޑަށެވެ. ޒައުލް ހުއްޓުމުން ނިމާލު ދެން ބަލައިލީ މަނިކަށެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ނުހުރުމެވެ. "މަނިކު. ތީއެއް ނޫނެއްނު އަހަރެމެންގެ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދޭ ކަމަކީ. އޭނަގެ ފަރާތު ވާހަކަ އަޑު ނާހާ އެހާ ފަސޭހައިން ގޮތް ނިންމާކަށް ނުވާނެއެއްނު. ކުށް ކުރެވުނީމަ ނަސޭޙަތްދީ އިސްލާޙުވާން ފުރުސަތު ދިނުމެއްނޫންތަ އިސްލާމް ދީނުގައި އޮންނަނީ؟ ކިހިނެއް މަނިކަށް އެނގެނީ އޭނަ ކުރެވުނު ކުށަށް ތައުބާ ނުވާކަމެއް. ﷲ ގެ ހަޟްރަތުގައި އަހަރެމެންނަށް ވުރެ އޭނަގެ ދަރަޖަ މަތިވެރިނުވާނެކަމެއް." ނިމާލުގެ ވާހަކައިން ޒައުލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މީހަކު އޭނާ ދިފާޢުކުރުމަކީ މިވަގުތަށް އޭނާ އެންމެ ބޭނުންވާ ކަންތަކެވެ. ﷲ އެކަން އޭނާއަށް މަގުފަހިކޮށްދެއްވި ގޮތް އެނގުމާއެކު އޭނާގެ ދެލޯ ފެންކަޅިވާގޮތްވިއެވެ. އެކަލާނގެއަށް ތަޤުވާވެރިވާ އަޅުތަކުން ދުވަހަކު އެކަލާނގެ ދޫކޮށްނުލައްވާނެކަމުގައި ޒައުލް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އޭނާއަކީ ކާކުކަން ނޭނގޭ މީހަކު އޭނާ އެފަދަ ގޮތަކަށް ދިފާޢުކޮށްދީފާނެޔޭ އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އެހެންނަމެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅު ތަނަވަސްވެގެންދާ ގޮތް ނިކަން ބަލާބަލާށެވެ. މިއީ ކޮންފަދަ ޢިބުރަތެއް ހެއްޔެވެ؟ "މިސްކިތަށް ނަމާދަށް އަންނަ މީހަކާ ދިމާލަށް ތިފަދަ އެއްޗެއް ބުނަން ހެޔޮ ނުވާނެ. މަނިކު. އަހަރެމެން ވެސް މީ އިންސާނުންނޭ. ކުށްކުރެވެއެއްނު އަހަރެމެންނަށްވެސް. އެކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ ރަޙްމަތުގެ ދޮރުކޮޅު ހުޅުވާލަދެއްވާއެއްނޫންތަ؟ ތައުބާވުމުގެ ދޮރު ހުޅުވާލައްވާފައެއް ނޫންތަ؟ އެއްވެސް އިންސާނަކާ މެދު ގޮތް ނިންމުމުގެ އިޚްތިޔާރެއް އަހަރެމެންނަކަށް ލިބިގެނެއް ނުވޭ." ނިމާލުގެ ވާހަކައިން މަނިކު ތުން އަނބުރައިލިއެވެ. އޭނާ ޒައުލްއަށް ނިސްބަތްކޮށް އަނެއްކާވެސް އެއްޗެއް ބުނެލާފައި ގޮސް އެތަނުން ނުކުމެއްޖެއެވެ. "ޝުކުރިއްޔާ." މެދު އުމުރުގެ އެމީހާއަށް ޒައުލް ޝުކުރު އަދާކުރިއެވެ. އޭނާ ވެސް އެއީ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ. "ބޭބޭ. އިޓްސް އޯކޭ. ހުރިހާކަމެއް ވެސް އިންޝާ ﷲ ރަނގަޅުވާނެ. " އެ ކުޑަ ކުއްޖާވެސް ޒައުލްއާ ވާހަކަ ދެއްކިއެވެ. ގަމަތް ދިން އަޑު އިވުމާއެކު ތިން މީހުންވެސް ވުޟޫކޮށްލައިގެން އެރީ މިސްކިތަށެވެ. ނަމާދުން ފައިބައިގެން ގޮސް މިސްކިތު ގޯތިތެރެއިން ޒައުލް ނުކުންނަން ދަނިކޮށް، ނިމާލު އޭނާއަށް ގޮވައިލިއެވެ. އަދި ޒައުލް މަޑުކުރުވިއެވެ. "އެގޮތަށް މީހަކު އެއްޗެއް ބުންޏަސް މިސްކިތަށް އައުން ހުއްޓާ ނުލައްޗޭ. އެމީހުންގެ ދުލުގައި އަހަރެމެންނަކަށް ނުހިފެއްޓޭނެއެއްނު. ބޭބެއަށް އެނގޭ އޭނަ ވާހަަކަ ދެއްކި ގޮތުން ހުރީ ވަރަށް ދެރަވެފައިކަން. އެއީ މާކުރީގެ ކަމެއް ދޯ." ނިމާލު ސުވާލުލޮށްލީ އަތަށް އިޝާރާތްކޮށްލަމުންނެވެ. ޒައުލް ބޯ ޖަހައިލަމުން އާއެކޭ ބުނެ އަދިވެސް އެއްފަހަރު ޝުކުރު އަދާކުރިއެވެ. "މީގެ ކުރިންވެސް ޓެޓޫ ޖަހާފަ ހުރި ޒުވާނަކު ފެނިގެން އެއްޗެހި ކިޔާލީމަ އޭނަވެސް މިހާރު މި މިސްކިތަކަށް ނާދޭ." ނިމާލު އިތުރަށް ބުންޏެވެ. "އިންޝާ ﷲ މި ފިލުވަން ދާންވެގެން މިއުޅެނީ." ޒައުލް ބުންޏެވެ. އެއާއެކު ނިމާލުވެސް ޒައުލްގެ ކޮނޑުގައި ޖަހާލަމުން ހުރިހާކަމެއް ރަނގަޅުވާނެޔޭ ބުނެލިއެވެ. ނިމާލު ދިޔުމުން ޒައުލް މިސްކިތަށް ބަަލައިލިއެވެ. ކުރިން ފަހަރު ލިބުނު ފަދަ ނުތަނަވަސްކަމެއް މިފަހަރަކު އޭނާގެ ހިތަކަށް ނުލިބުނެވެ. އެހެނެއްކަމަކު އޭނާގެ ހިތަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެކެވެ. މިސްކިތަށް ލޯބިޖެހި ކޮންމެ ނަމާދު ވަގުތަކު މިސްކިތަށް އައުމުގެ އަޒުމު ޒައުލްގެ ހިތުގައި ގަދަވެގެން ދިޔައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ