ކެފޭއަކަށް ވަދެ، ބިއްލޫރި ރެކެއް ތަޅާލި މައްސަލަ ފުލުހުން ބަލަނީ

މާލޭ އިރަމާމަގުގައި ހުންނަ ކެފޭއަކަށް މީހަކު ވަދެ، ކާއެއްޗެހި ބަހައްޓާފައި ހުރި ބިއްލޫރި ރެކެއް ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ އެ ޚިދުމަތަށް ރިޕޯޓު ކޮށްފައި ވަނީ، މިއަދު ހެނދުނު 08:56 އެހާކަންހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސަ ހިނގާފައި ވަނީ އައިސް ބްރޭކް ނަމަކަށް ކިޔާ ކެފޭއެއްގައެވެ. ހާދިސާގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި، ކެފޭގައި މަސައްކަތް ކުރާ މީހަކު ރެކު މަތީ އަތް އަޅުވައިލައިގެން ފޯނާ ކުޅެން ހުއްޓައި މަގުމަތިން ދާ މީހަކު ކެފޭގައި މަސައްކަތް ކުރާ މީހާއާ ވާހަކަ ދައްކައެވެ. އަދި ވާހަކަ ދައްކަމުން ކެފޭގެ އެތެރެއަށް ވަދެ އަތުގެ އިޝާރާތުން ބިންމަތި ދައްކައި ވާހަކަ ދައްކައެވެ. މޭޒެއް މަތީ އަތް އަޅުވައިލައިގެން ހުރެ ވާހަކަ ދެއްކުމަށް ފަހު ފައިން ރެކުގައި ޖަހައި އެ ރެކު ތަޅާލައި އޭނާ ނުކުމެގެން ދެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ކެފޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ