ރާއްޖޭއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާއިރު، ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
މި ބަލީގެ ކޭހެއް ފެނުނުކަން އެޗްޕީއޭއިން އާންމުކޮށް ބުނީ މިހުގެ 7 ވަނަ ދުވަހުއެވެ. އެނގިފައިވާގޮތުގައި އެއީ މެލޭޝިޔާ އަށް ދަތުރުކޮށްފައިވާ ޒުވާނެކެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތްކޮށް، އެޗްޕީއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށެވެ. އަދި ބަލީގެ އެއްވެސް އައު ކޭހެއް ރިޕޯޓްކޮށްފައި ނުވާކަމަށް ވެސް ބުނެފަވެއެވެ.
އިންވޭސިވް މެނިންގޯކޮކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ، ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އެއް ގެއެއްގައި އުޅޭ މީހުން، އެއް ކޮޓަރިއެއްގައި ނިދި މީހުން، ބަލި މީހާގެ ކުޅުން އަދި ބަލި މީހާގެ އަރިދަފުސް ގައި ޖެހުން ފަދަ ހާލަތްތައް ހިމެނެއެވެ.
އެފަދަ މީހުންނަށް އެންޓިބަޔޮޓިކް ކީމޯޕްރޮފިލެކްސިސް ދޭން ޖެހެނީ އިމިއުނައިޒޭޝަން ހާލަތަށް ބެލުމެއް ނެތިއެވެ. އެންމެ ރަނގަޅީ އިންޑެކްސް ބަލި މީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުންނެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.
މި ބަލީގެ އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި ހިމެނެނީ ހުންއައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ހަށިގަނޑުގައި ނުވަތަ ގުނަވަންތަކުގައި ރިއްސުން، ހަށިގަނޑުގައި ރަތްބިހި ނުވަތަ ލަށްތަކެއް ނެގުން، ވާނުވާ ނޭނގޭ ގޮތްވުން، ވަރުދެރަވުން، ނޭވާ އަވަސްވުމުގެ އިތުރުން އަލިގަދަވުމުން އުނދަގޫވުން ހިމެނެއެވެ.
މި ބަލީން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން، ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ނުދިއުން، ރޯގާޖެހިފައި ހުރިނަމަ ކުޑަކުދީންނާއި ކައިރިވެ ނޫޅުމާއި އެ ކުދީން އުރާ ނުހެދުން ހިމެނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާ ދިމާވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ: އެޗްޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ