މިއުނިކް (ޖޫން 9) - ޕެނަލްޓީ ޖަހައިގެން 5-3 އިން ސްޕެއިން ބަލިކޮށް ޕޯޗުގަލްް އިން ދެ ވަަނަ ފަހަރަށް ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޕޯޗުގަލް އަކީ ޔުއެފާ އިން މުޅިން އަލަށް 2018 ވަަނަ އަހަރު ފެށި ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަނުންނެވެ. އެ ގޮތުން، 2019 ވަނަ އަހަރު އެ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލް އިން ވަނީ 1-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން، ޕެނަލްޓީ ޖަހައިގެން، ކްރޮއޭޝިއާ ބަލިކޮށް، ތަށި އުފުލާލި ސްޕެއިނަށް ރޭގެ ޕެނަލްޓީގައި ވަނީ ނާކާމިޔާބުވެ، ނޭޝަންސް ލީގު ދިފާއުކުރާ ފުރަތަމަ ޓީމަކަށް ވުމުގެ ޝަރަފް ހޯދަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
އަލިއަންޒް އެރީނާގައި ރޭ ކުޅުނު ފައިނަލް މެޗުގައި، ދެ ފަހަރު ވެސް ލީޑުނެގި ސްޕެއިނުންނެވެ. އެ ގޮތުން، ފުރަތަމަ އެ ޓީމުން ލީޑުނެގީ 21 ވަނަ މިނިޓްގައި އެރިއާތެރެއިން މާޓިން ޒުބިމެންޑީ ޖެހި ގޯލުންނެވެ. އޭގެ ފަސް މިނިޓް ފަހުން، ސްޕެއިނުގެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޕޯޗުގީސް ވާތު ބެކް، ނޫނޯ މެންޑޭސް ވަނީ ގޯލެއް ޖަަހައި އެއްވަރުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕެޑްރީ ދިން ބޯޅައެއް ތިރިތިރިން ގޯލަށް ފޮނުވާލައި މިކޭލް އޮޔާޒަބާލް ވަނީ އަލުން ސްޕެއިނަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 61 ވަނަ މިނިޓްގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެންޑޭސް ނެގި ހުރަހަކަށް އަރައި ގޯލު ޖަހައި، އެއްވަރުކޮށްފަ އެވެ. ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ގެންގޮސްދޭން ޖަރުމަނު ބަލިކުރި ގޯލު ޖެހީ ވެސް ރޮނާލްޑޯ އެވެ.
ޕެނަލްޓީގައި ޕޯޗުގަލް އިން ފަސް ޕެނަލްޓީ ވެސް ވައްދާލިއިރު، ސްޕެއިނަށް ނާކާމިޔާބުވީ އަލްވާރޯ މޮރާޓާ ޖެހި ޕެނަލްޓީ އެވެ. އެ ބޯޅަ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. ޕޯޗުގަލް އިން ޕެނަލްޓީތައް ޖެހީ، ގޮންޒާލޯ ރާމޯސް، ވިޓީނިއާ، ބްރޫނޯ ފެނާންޑޭސް، މެންޑޭސް އަދި ރުބެން ނެވޭސް އެވެ. ސްޕެއިނުގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރީ، މިކޭލް މެރީނޯ، އަލެކްސް ބައޭނާ އަދި އިސްކޯ އެވެ.
ކީލިއަން އެމްބާޕޭ އާއި މައިކަލް އޮލީސޭގެ ގޯލުތަކުން 2-0 އިން ޖަރުމަނު ބަލިކޮށް، ފްރާންސް ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ.
ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ދެ ވަނަ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބުކޮށްފި ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ދެ ވަނަ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ