ކުޅިވަރު އެސޯސިއޭޝަންތައް ހަރަދުކުރާ ގޮތް މިނިސްޓްރީން މޮނިޓާނުކުރޭ: އޮޑިޓް ކުޅިވަރު އެސޯސިއޭޝަންތައް ހަރަދުކުރާ ގޮތް މިނިސްޓްރީން މޮނިޓާނުކުރޭ: އޮޑިޓް

ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން ދޭ ފައިސާ ހަރަދުކުރާގޮތް، އެ މިނިސްޓްރީން ރަނގަޅަށް މޮނިޓާ ނުކުރާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
މި ގޮތަށް ފާހަގަކޮށްފައިވަނީ، އިއްޔެ، އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު، ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް ރިޕޯޓްގަ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، 16 އެސޯސިއޭޝަނަކަށް 2018 ވަނަ އަހަރު މިނިސްޓްރީން ވަނީ، 36.6 މިލިއަން ރުފިޔާ ދޫކޮށްފައި ކަމަށެވެ.
އެ ގޮތުން، އޮޑިޓް އޮފީހުން ބުނެފައިވަނީ، އެސޯސިއޭޝަންތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރުމުގައި، އަމަލުކުރެވޭނެ ގޮތެއް މިނިސްޓްރީން އެސޯސިއޭޝަންތަކަށް އަންގާފައިވާ ކަމެއް ލިޔެކިޔުމުން ފެންނަން ނެތް ކަމަށެވެ. އެ ގޮތަށް ކަންކަން ހިނގާފައިވާއިރު، ބައެއް އެސޯސިއޭޝަންތަކުން، މި ފައިސާ ހަަރަދުކޮށްފައިވާ ގޮތުގެ ބައެއް ލިޔެކިޔުންތައް ބަލަހައްޓާފައިނުވާއިރު، ބައެއް އެސޯސިއޭޝަންތަކުގެ ލިޔެކިޔުންތައް ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓް އޮފީހަށް ހިއްސާކޮށްފައިނުވާ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ، އެސޯސިއޭޝަންތަކުން މި ގޮތަށް އަމަލުކޮށްފައި ހުރީ، މިނިސްްޓްރީން ވެސް މިިކަން މޮނިޓާކޮށްފައިނުވާތީ ކަމަށެވެ.
މި ކަންކަމަށް ރިއާޔަތްކޮށް، އޮޑިޓް އޮފީހުން ވަނީ، ތިން އިސްލާހެއް ގެނައުމަށް ލަފާ ދީފަ އެވެ. އެ ކަންތައްތަކަށް ބަލާއިރު، އެސޯސިއޭޝަންތަކުގެ ޕްރޮގްރާމް ބަޖެޓާއި ގުޅިގެން ހޯދާ ހަރަދު ރިޕޯޓްތައް ވަކިވަކި ހަރަދުތައް އެނގޭނެ ގޮތަށް ތަފްސީލްތައް ދެނެގަނެވޭނެ ގޮތައް ރިޕޯޓްތައް ތައްޔާރުކުރުމާއި މި ގޮތަށް އެސޯސިއޭޝަންތައް އަމަލުކުރޭތޯ މޮނިޓަކުރުމުގެ އިތުރުުން، ހަރަދުތަކުގެ ރިޕޯޓްތައް ދޭ އިރުޝާދާ އެއްގޮތަށް ތައްޔާރުނުކުރާ އެސޯސިއޭޝަންތަކަށް އަޅާނެ ފިޔަވަޅުތަކެއް މިނިސްޓްރީން އެކުލަވާލުމަށެެވެ.
މީގެ އިތުރުން، ދައުލަތުން އެސޯސިއޭޝަންތަކަށް ދޫކުރާ ފައިސާގެ ހިސާބުތައް ފަސޭހައިން ފެންނާނެ ގޮތަކަށް ބަހައްޓައި، ރަަސްމީ ކަމެއްގައި، ބޭނުންވެއްޖެނަމަ ފޯރުކޮށްދޭ ގޮތަށް ބެހެއްޓުމަށް ވެސް އޮޑިޓް އޮފީހުން ވަނީ އަންގައިފަ އެވެ. އަދި، މިނިސްޓްރީން އެސޯސިއޭޝަންތަކަށް ދޭ ފައިސާ ހަރަދުކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރަދުކުރުމަށް އެސޯސިއޭޝަންތަކަށް އެންގުމުގެ އިތުރުން، އެކަން ކަށަވަރުކުރުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ