ބިލެއް ނުދައްކާ ހުރެ އެޕާޓްމެންޓު ދޫކޮށްފާނެތީ، ކަރަންޓު ކަނޑާލުމަށް ގެތަކުގެ ވެރިން އެދޭ: ސްޓެލްކޯ

މާލޭގައި ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާ ހުރުމުން، ކުއްޔަށް އުޅޭ މީހުން ބިލު ނުދައްކާ އެޕާޓްމެންޓު ދޫކޮށްފާނެތީ ގެތަކުގެ ވެރިން ކަރަންޓު ކަނޑާލުމަށް އެދެމުން ދާ ކަމަށް  މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ. 
ސްޓެލްކޯގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޣުނީ ވިދާޅުވީ ބައެއް ގެތަކުގެ ވެރިންގެ ފަރާތުން ގޭގައި ދިރިއުޅޭ ފަރާތުން ކަރަންޓު ބިލު ނުދައްކާނަމަ ހިދުމަތް ކަނޑާލުމަށް އެދެމުން ދާ ކަމަށެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި މުޣުނީ ވިދާޅުވީ އެ އެޕާޓްމެންޓު ހުއްޔަށް ހިފައިގެން ހުންނަ ފަރާތަކުން ގޭގެ ކަރަންޓު ބިލު ނުދައްކާ އެޕާޓްމެންޓު ދޫކޮށްލަފާނެތީއެވެ. އެހެން ނަމަވެސް، މި ހާލަތުގައި އެއްވެސް ގެއަކަށް ފޯރުކޮށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ކަނޑާނުލާނެކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
ސްޓެލްކޯގެ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން ދާ ކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ މީގެ ކުރިން ފޯރުކޮށް ނުދޭ އެތައް ހިދުމަތްތަކެއް އާއްމުންނަށް ފޯރުކޮދެމުން ދާ ކަމަށެޗެ. އެގޮތުން މީގެ ކުރިން ގެތަކުގައި ކަރަންޓާއި ގުޅިގެން ދިމާވާ ކުދިކުދި ކަންތަކަށް ސްޓެލްކޯއިން ހައްލެއް ނުގެންނަ ނަމަވެސް، މިހާރު އެ ގެތަކަށް ގޮސް އެކަންކަން ހައްލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. 
”ކުއްޔަށް އުޅޭ ބައެއް ފަރާތްތަކުން ކަރަންޓު ބިލު ނުދައްކާ ހުރުމުން އެގޭގެއިން ކަރަންޓު ކަނޑާލުމަށް އެދޭ. މިހެން އެދެނީ ކުއްޔަށް ދީފައި ހުންނަ ފަރާތްތަކުގެ ވެރިން. އެއީ ބިލް ނުދައްކާ ހިނގައި ދާނެ ކަމަށް ބަލާފައި. އެހެން ނަމަވެސް އެ ފަރާތްތަކަށް ވެސް އަންގަން ލޮކްޑައުންގެ ތެރޭގައި ކަރަންޓު ކަނޑާނުލާނެ ކަމަށް“ މުޣުނީ
ކަރަންޓު ބިލު އެކިއުރޭޓު ވާނީ އެ ގެއެއްގެ މީޓަރު ބޯޑުގެ ފޮޓޯއެއް ފޮނުވުމުން ކަމަށާއި، އަދި ބިލުން ދީފައިވާ ލުއިތައް ވެސް ލިބޭނީ އޭރުން ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ކަރަންޓު މީޓަރުގެ މައުލޫމާތައް ކުންފުންޏަށް ނެގޭނެ ގޮތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ