ފިޔާޒާ ހަސަނަށް ޖިނާއީ ދައުވާކުރުމާއި، ޕްރެސް ކޮންފެރެންސުން ޝަހުޒާން ނެރުން ސީޕީޖޭން ކުށްވެރިކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ އިސް ދެ އެޑިޓަރުންނަށް ދައުވާކުރުމުންނާއި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރި އެ ނޫހުގެ ނޫސްވެރިޔާ އެ ތަނުން ނެރުމުން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)ން އެ ކަން މިއަދު ކުށްވެރިކޮށްފި އެވެ.
ވީކިހިނެއް؟ - މި މައްސަލާގައި 'އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލީ އިއްޔެގަ އެވެ. އަދި އެ މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް، ކްރިމިނަލް ކޯޓުން 'ގެގް އޯޑަރެއް' ވެސް ނެރުނެވެ.
ތަފްސީލް - މިކަމާ ގުޅޭ ގޮތުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ނެރުނު ބަޔާން ރީޕޯސްޓްކުރުމަށްފަހު ސީޕީޖޭން ބުނީ ފިޔާޒާއި ހަސަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަގުތުން ވަގތަށް އަނބުރާ ގެންދިއުމަށް ރާއްޖޭގެ ޕީޖީ އޮފީހަށް، އެ ޖަމިއްޔާގެ ފަރާތުން ގޮވާލާ ކަމަށެވެ.
ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ ސީޕީޖޭން ބުނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބުދޭން އުނދަގޫ ސުވާލެއް ކުރި ކަމަށް ޓަކައި އަދަދު ނޫހުގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް ޝަހުޒާން އެ ތަނުން ނެރުން ވެސް ކުށްވެރިކުރާ ކަމަށެވެ.
"ނޫސްވެރިންނަށް އެއްވެސް ޖެހިލުމެއް ނެތި، އަދި ބިރު ދެއްކުމެއް ވެސް ނެތި، ނޫސްވެރިން ބޭނުންވާ ސުވާލެއް ކުރުމަށާއި ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭ،" ސީޕީޖޭން ބުންޏެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ދުވެލި އަވަސްވެ، 'އަދަދު' ނޫސް ހިންގަމުންދާ އޮފީސް ފުލުހުން ރެއިޑްކޮށް އެ ތަނުގައި ހުރި މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ޝަހުޒާން ރައީސް މުއިއްޒުއާ ސުވާލުކުރި ދުވަހުގެ ރޭގަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މި މައްސަލަ ތަހުގީގުކުރީ ޕީޖީ އޮފީހުން އިސްވެ އަންގައިގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ