ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލާގައި އެ ވާހަކަ ފެތުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރެއް ލިޔުނު ކަމުގެ ތުހުމަތުގައި 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓަށް ހާޒިރުވުމަށް މިއަދު އަންގައިފި އެވެ.
ވީކިހިނެއް؟ - 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ މި މައްސަލާގައި 'ގެގް އޯޑަރެއް' ވެސް ނެރެނީ ޕީޖީން އެދިގެނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ތަފްސީލް - ލީވާނަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުވުމަށް އެންގީ، ކްރިިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ މީހާގެ ހައިސިއްޔަތުން، އޭނާ ލިޔުނު ހަބަރަކީ އެ އަމުރާ ހިލާފަށް ލިޔުނު ހަބަރެއްތޯ ބެލުމަށް ޓަކައި ކަމަށެވެ. އެ ގޮތުން:
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން މައްސަލަ ބަލާނެ ގާޒީންގެ މަޖިލީހެއް އެކުލަވާލާފައިވޭ؛ އެ ބެންޗުގައި ތިއްބަވަނީ ގާޒީ އިބްރާހީމް އިހުސާން، ގާޒީ އަލީ ނަދީމް، އަދި ގާޒީ ސަފްއަތު ހަބީބް
ލީވާން ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11 ޖަހާއިރަށް
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ދުވެލި އަވަސްވެ، 'އަދަދު' ނޫސް ހިންގަމުންދާ އޮފީސް ފުލުހުން ރެއިޑްކޮށް އެ ތަނުގައި ހުރި މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން 'އަދަދު'ގެ ނޫސްވެރިޔަކު ރައީސް މުއިއްޒުއާ ސުވާލުކުރި ދުވަހުގެ ރޭގަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މައްސަލަ ތަހުގީގުކުރީ ޕީޖީ އޮފީހުން އިސްވެ އަންގައިގެނެވެ.
ޑެކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ތުހުމަތުކޮށް ލީވާން ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ