ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ މީހަކު ހޮވައިފިނަމަ، އެމްޑީޕީ މަގުމަތިވެ، އަލުން ބައިބައިވާނެ: މީކާއީލް

ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވައިގެން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިޚާބުކޮށްފިނަމަ، ޕާޓީ އަލުން މަގުމަތިވެ، އަންނަ ރިޔާސީ އިންތިޚާބު ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް، އެ މަގާމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެންބަރުންނަށް މީކާއީލް ފޮނުއްވި ސިޓީއެއްގައިވަނީ، މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާމެދު އެމްޑީޕީގެ މެންބަރުން އަދިވެސް ތިބީ މާޔޫސްވެފައިކަމަށާއި، އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށް މެންބަރުން ގަބޫލުކުރާ ކަމަށެވެ. ޕާޓީގެ އެތެރޭގެ ފެކްޝަންތަކުގެ މެދުގައި އުފެދިފައިވާ ބައިބައިވުންތަކާއި، ޕާޓީގެ އިސްވެރިން އަމިއްލަ މަސްލަހަތު އިސްކުރާ ކަމުގެ ތަސައްވުރު މެންބަރުންނަށް ކުރެވޭ ކަމަށާއި، އޭގެ ސަބަބުން، ޕާޓީއަށް ރަނގަޅުގޮތް ޚިޔާރުކުރަން ދަތިވެ، މެންބަރުންގެ ހިތްވަރަށް އަސަރުކުރާ ކަމަށް، އެ ސިޓީގައިވެއެވެ. https://x.com/MickailNaseem/status/2052347156678443050 އެ ހާލަތުގައިވެސް މިދިޔަ މަހު އޮތް ލޯކަލް ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުން ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބުނުކަން މީކާއީލް ފާހަގަކުރެއްވިއެވެ. އެކަމުން ހާމަވެގެންދިޔައީ، އޭނާ ލިޔުއްވިގޮތުގައި، ޕާޓީ އެކަތިގަނޑަކަށް ވެއްޖެ ނަމަ، ކަންކަން ހާސިލްކުރެވޭނެ ކަމެވެ. އެއާއެކު، އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއީލާ ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ ނަންތައް ނުގެންނަވައި މީކާއީލް ލިޔުއްވިގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި ކެންޑިޑޭޓަކު އެ ޕާޓީގެ ޗެއާޕާސަންކަމަށް އިންތިޚާބުވެއްޖެނަމަ، ޕާޓީ ބައިބައިވެ، މަގުމަތިވެ، އަންނަ ރިޔާސީ އިންތިޚާބު ގެއްލުމުގެ ބިރު ބޮޑެވެ. މީކާއީލް ވަނީ، ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިޚާބުވެވަޑައިގެންފިނަމަ، އެމްޑީޕީގެ ސަފުތައް ބަދަހިކޮށް، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި 2028ވަނަ އަހަރު އެމްޑީޕީ ކާމިޔާބާ ހަމައަށް ގެންގޮސްދެއްވާނެ ކަމުގައި މީކާއީލް ލިޔުއްވައިފައިވެއެވެ. https://sun.mv/221446 އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ނަޝީދާއި މީކާއީލްގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. މި ތިން ބޭފުޅުންގެ ތެރެއިން ނަޝީދާއި މީކާއީލް ގެންދަވަނީ ފޯރީގައި ކެމްޕެއިންކުރައްވަމުންނެވެ. ނަޝީދުގެ އަރިހުގައި ފައްޔާޟް މަސައްކަތްކުރައްވާއިރު، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ގިނަ މެންބަރުންނާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ މީކާއީލްގެ ފަޅީގައެވެ. https://sun.mv/221491 ޗެއާޕާސަން އިންތިޚާބު ބާއްވަން އެމްޑީޕީން އިއުލާނުކުރީ ޖޫން 12 ގައެވެ. ނަމަވެސް، އެ އިންތިޚާބު އިއުލާނުކުރީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށްބުނެ، އިއުލާނާއި ޓައިމްލައިން ބާތިލުކުރުމަށް އެދި، ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ