ރައީސް މައުމޫނާއި ގާސިމް މިއަދު ބައްދަލު ކުރައްވަނީ
ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ. މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ފައުންޑާ ރައީސް މައުމޫން އިއްޔެ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސަރުކާރާއެކު ކޮމެޓީއެއް އެކުލަވާލަން ނިންމިއެވެ. ގާސިމް އާއި މައުމޫން މިއަދު ބައްދަލު ކުރައްވާއިރު ޖޭޕީއިން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ވަނީ ނިންމައިފައެވެ. އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު "ސަން" އަށް ވިދާޅުވީ ގާސިމްއާއި މައުމޫން މިއަދު ބައްދަލު ކުރައްވަނީ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްއިން ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ މަޝްވަރާތަކަށް ފަހު ގައުމުގެ ހާލަތަށް ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް ފާރިސް ވިދާޅުވިއެވެ. "އެހެން ޕާޓީއަކުން ކުއްލިއަކަށް ނިންމި ނަމަވެސް އަޅުގަނޑުމެން މިކަން ކުރާނީ ވަރަށް ބޮޑަށް ބެލުމަށް ފަހުގައި،" ފާރިސް ވިދާޅުވިއެވެ. އެ ބައްދަލުވުން ބާއްވާއިރެއް އަދި ތަނެއް ވެސް ފާރިސް ހާމައެއް ނުކުރެއެވެ. އެމްއާރުއެމްއިން ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ. މިހާރުގެ ސަރުކާރުގައި އެ ޕާޓީގެ ތިން މިނިސްޓަރުން ތިއްބެވިއިރު އެ ޕާޓީގެ އާއްމު މެމްބަރުންގެ އަދަދު އުޅެނީ 3،000 ގައެވެ. ތިން ހާހަށް ވުރެން މެމްބަރުންގެ އަދަދު މަދު ވެގެން ދޭތެރެއަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް ނޯޓިސް ފޮނުވައެވެ. ރައީސާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި އިންތިޚާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ