ގަސްތުގައި ގާސިމް މަރައިލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ހަމަލާއަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން ވެސް މަރާލުމުގެ ނިޔަތް އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ. ހަމަލާއަށްފަހު އަދުހަމް ކާރުން ފޭބިއިރު ކަރުގައި އަތް އަޅައިގެން އެހީއަށް އެދުނު ނަމަވެސް އަދުހަމް އެތަނުން ފިލީ އެވެ.
ޓެކްސީއެއް ތެރޭގައި އޭގެ ޑްރައިވަރަށް ބިރު ދައްކައިގެން ފޭރެން އުޅެ، އެކަން ނާކާމިޔާބު ވުމުން ވަޅިން ހަމަލާދީ ޑްރައިވަރު މަރައިލި ޅ. ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް މަރުގެ ދައުވާ ސާބިތުވެއްޖެ އެވެ. 
ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު ޓެކްސީ ޑްރައިވަރުމ ގާސިމް ހަސަން މަރާލާފައި ވަނީ ހަތް އިންޗި ވަޅިއެއްގެ ތިލަ އެއްކޮށް އޭނާގެ ކަރަށް ވައްދާލުމުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މި މައްސަލާގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ އަލީ ނަދީމް ވިދާޅުވީ ތަހުގީގާއި ޝަރީއަތުގައި ހާދިސާ ހިނގި ގޮތް އެކި ގޮތްގޮތަށް އަދުހަމް ކިޔައިދިން ކަމަށާއި އެކަމަކު ހުރިހާ ގޮތެއްގައި ވެސް ގާސިމް މަރުވީ އަދުހަމް ގެންގުޅުނު ވަޅިޔަކުން ކަން އެނގޭ ކަމަށެވެ.އެގޮތުން އެއްފަހަރު ގާސިމް މަރައިލީ އޭނާ ކާރުގެ ދޮރު ހުޅުވާތީ ކަމަށާއި އަނެއް ފަހަރު ވަޅި ހެރީ ހަޅޭއްލަވާތީ ރުޅިއައިސްގެން ކަމަށް ބުނެފައިވެ އެވެ. އަނެއް ފަހަރު ހަމަލާ ދެވުނީ ބޭއިހުތިޔާރުގައި ކަމަށާއި އަނެއް ފަހަރު ހަމަލާ ދެވުނީ މަސްތުވެގެން ހުރެ ކަމަށް އަދުހަމް ބުނެފައިވެ އެވެ.ހުކުމުގައި ގާޒީ ވިދާޅުވީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ހާދިސާ ހިނގި ގޮތް އަދުހަމް ޝަރީއަތުގައި ކިޔައިދީފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ކުށަށް އިއުތިރާފްވިޔަސް، ފަހުން އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ މަސްތުގައި ހުރެގެން ކުރި ކަމެއް ކަމަށް އަދުހަމް ބުނެފައިވެ އެވެ.
ގާޒީ ވިދާޅުވީ ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެ ގާސިމްގެ ކަރާ ދިމާލަށް ވަޅި ދިއްކުރުމަކީ މަރާލުމުގެ ގަސްތު އޮތް ކަމަށް ބެލެވޭ ކަމެއް ކަމަށެވެ. ކަރަކީ އަނިޔާއެއް ލިބިއްޖެނަމަ މަރުވެދާނެ ގުނަވަނަކަށްވާއިރު، އެއީ މީހަކު ގަސްތުގައި މަރާލުމަށް ދީފައިވާ އަނިޔާއެއް ކަމަށް ބެލެވެ އެވެ.ހަމަލާއަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން ވެސް މަރާލުމުގެ ނިޔަތް އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ. ހަމަލާއަށްފަހު އަދުހަމް ކާރުން ފޭބިއިރު ކަރުގައި އަތް އަޅައިގެން އެހީއަށް އެދުނު ނަމަވެސް އަދުހަމް އެތަނުން ފިލީ އެވެ. އަދި ވަޅި އާއި ލައިގެން ހުރި އެއްޗެހި ވެސް ފޮރުވީ އެވެ. އޭނާގެ ފަރާތުން ގާސިމްއަށް އެހީތެރިކަން ފޯރުކޮށްދީ، ހޮސްޕިޓަލަށް ގެންގޮސްދިންނަމަ، ގަސްދެއްނެތި ވީކަމެއް ކަމަށް ބެލެވޭނެ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.
އަދުހަމް އެދުވަހު ހުރީ މަސްތުވެގެން ކަމަށް އޭނާ ބުނި ނަމަވެސް، މަސްތުވާތަކެތި ބޭނުންކޮށްގެން ހުރުމުގެ ސަބަބުން އޭނާގެ ނިޔަތަށް ކުރާނެ އަސަރެއް ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ. އެހެންވެ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. ގާސިމް ހަސަންގެ ވާރިސުންގެ ގޮތުގައި ފަސް ދަރިން ދުނިޔޭގައި އެބަތިބި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ވާރިސުން ސާބިތުކުރަން ހެކި ހުށަހަޅަން ވީ އެންމެ އަވަހަކަށް ކޯޓާ ހިއްސާކުރުމަށް ގާޒީ ވަނީ ދައުލަތުގެ ފަރާތުން އެދިފަ އެވެ. މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ވާރިސުންގެ ބަސް ނެގުމަށްފަހުގަ އެވެ. ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ