ޝަރީފް އެމްއާރްއެމްއަށް: މާ ހާސަރު ދިގުކުރާނެ ކަމެއް ނެތް، ކޯލިޝަން ނުހަދަންޏާ ދޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އަންނަ ރިޔާސީ އިން ތިހާބަށް ކޯލިޝަން ހެދުމާ މެދު އެމްއާރްއެމްއިން އިތުރަށް ވިސްނާން ވަގުތު ނެގުމުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ފާޑުވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އެމްއާރުއެމް އިން ވެސް މާ ހާސަރު ދިގު ކުރާނެ ކަމެއް ނެތް ކަމަށާއި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެ ވާހަކަ ބުނެފައި ކޯލިޝަން އިން ވަކިވާން ވީ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީއާއެކު އިތުރު މަޝްވަރާ ބައްދަލުވުންތައް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުން ތަކަށް ފަހު އެމްއެމްއާރްއެމް އިން ނިންމާ ގޮތް ހާމަ ކުރާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފައި ވަނިކޮށެވެ.
ޝަރީފް ވިދާޅުވީ އެމްއާރްއެމްއިން ބުނާ ކަށަވަރުކަން ދޭނެ ގޮތެއް އޮންނާނެހެން ހީނުވާ ކަމަށާއި ސަރުކާރުގެ 25 ޕަސެންޓް ދީގެން 2018 ގައި ކޯލިޝަން ހެދިޔަސް މިއަދު އެ ޕާޓީގައި އެ ސައިޒް ނެތްކަން ފެންނަން އެބަ އޮތް ކަމަށެވެ. އަދި ކޯލިޝަން ހެދުމާމެދު އެމްއާރްއެމް އިން ގޮތެއް ނިންމަން ޖެހޭ ކަމަށާއި ދިގު ދަންމާނެ ވަގުތު ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެމްއާރްއެމް އަށް 25 ޕަސެންޓް ދީގެން ކޯލިޝަން ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި އެކަން އެމްއާރްއެމް އިން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެމްއާރްއެމްއަކީ އަދާލަތަށް ވުރެ ވެސް ސައިޒުން ކުޑަ ޕާޓީއެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރައްވާފައެވެ.
އެމްއާރްއެމުން ބުނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަަމަށެވެ.
މި ސަރުކާރާ އެކު ތިބި ސިޔާސީ ޕާޓީތައް ކޯލިޝަންގައި ދެމިތިބޭނެ ކަމާ މެދު ގޮތް ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް އަދި ގޮތެއް ނިންމާފައި ނުވާ ހަމައެކަނި ޕާޓީީއަކީ އެމްއާރްއެމްއެވެ. ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޯލިޝަންގައި ދެމިތިބޭނެ ކަން ހާމަކޮށްފައި ވަނީ އަދާލަތު ޕާޓީންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެ އަމިއްލައަށް ވާދަ ކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ