ގިރާވަރުފަޅު ހިއްކުމުގެ ބަދަލުގެ ގޮތުގައި ބޮޑު ފަޅަކާއި ރަށެއް 99 އަހަރަށް ދީފި

ގިރާވަރުފަޅުން ގޯތި ދޫކުރަން 120 ހެކްޓަރު ހިއްކުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށާއި މި މަޝްރޫއަށް ފައިނޭންސްކުރާ ފަރާތަށް ބަދަލުގައި 99 އަހަރަށް ނ. ދިގުފަޅާއި އެ އަތޮޅުގައި ފަޅުރަށެއްގެ ގޮތުގައި އޮންނަ ދެކެނަންފަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މަޝްރޫއުގެ ތަފްސީލު ހޯދަން "މިހާރު"ން ހުށަހެޅި ސުވާލުތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ ގިރާވަރުފަޅުން މަދުވެގެން 2,000 ގޯތި ދޫކުރަން މިހާރު ހިއްކަމުން އަންނަ ކަމަށެވެ.
މި މަސައްކަތް ކުރަމުން އަންނަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އިން އިސްވެ ބޮސްކާލިސް ބައިވެރިވާ ކޮންސޯޓިއަމްއަކުންނެވެ. ސްރީ ލަންކާގެ ސީއެމްސީއަކީ ތިލަފުށިން 20 ހެކްޓަރު ބިން ހިއްކަން މި ސަރުކާރުން ހަވާލުކުރި ކުންފުންޏެވެ. ނެދަލެންޑްސްގެ ބޮސްކާލިސްއަކީ ގުޅިފަޅު ހިއްކާ ކުންފުންޏެވެ.
ގިރާވަރު ފަޅު: މިތަން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ.
ސަރުކާރުން ނިންމާފައި ވަނީ މިތަން ހިއްކައިގެން ގޯތި ލިބޭ މީހުން މި މަހުގެ ތެރޭގައި އިއުލާންކުރުމަށެވެ. އެ މީހުންނަށް މާލެ ސަރަހައްދުން އަންނަ މަހުގެ ތެރޭގައި ގޯތި ކަނޑާފައި ދޭން ވެސް އޮތީ ވައުދުވެފަ އެވެ.
ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލީ ޑިސެމްބަރު 16, 2022 ގަ އެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން ފައިނޭންސްކުރަން ކުރިމަތިލީ މީހުންގެ ތެރެއިން އެއްބަސްވުމަކާ ހަމައަށް އައީ މިނިސްޓްރީން ބުނި ގޮތުގައި ސްވިޒަލޭންޑްގެ ޔަނިކް ރޮބަޓް ލުއީސް ގިއަނާޑާއާ އެކުގަ އެވެ.
މި މަޝްރޫއުގައި އޭނާއާ އެކު އެއްބަސްވުމަކަށް އައީ، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް, ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ.
ނ. އަތޮޅު ދިގުފަޅާއި ދެކުނަންފަރު.
މިއީ ދައުލަތުގެ އާއްމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލައި އިއުލާންކޮށްފައިވާ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިއްމު މަޝްރޫއެއް ހަވާލުކުރާ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލްތައް ބަޔާންކޮށް އެކުލަވާލި ގަވައިދެކެވެ.
ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަން ސިޓީއެއް ތަރައްގީކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.
"ކްރޮސް ސަބްސިޑީގެ އުސޫލުން ކ. ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީކުރުމަށް ހުޅުވާލާފައިވާ މަޝްރޫއުގެ މުގާބިލްގެ ގޮތުގައި ޔަނިކް ރޮބަޓް ލުއީސް ގިއަނާޑާ ހުށަހަޅާފައި ވަނީ ނ. ދިގުފަޅު އަދި ނ. ދެކެނަންފަރެވެ،" މިނިސްޓްރީން ބުންޏެވެ.
"މި ރަށާއި ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 22 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް 5 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވެ އެވެ."
މިއީ ނ. އަތޮޅުގައި، ޖެހިޖެހިގެން އޮންނަ ރަށަކާއި ފަޅެކެވެ. ވަރަށް ބޮޑު މި ފަޅުގައި ގާތްގަނޑަކަށް، ހަ އަކަކިލޯ މީޓަރު ހުރެ އެވެ. މި ދެ ތަން ވެސް އޮންނަނީ ނ. ހެނބަދު އާ ވަރަށް ކައިރީގަ އެވެ.
މި ފަޅާއި ފަރު އޭނާއަށް ދޫކުރީ ޓޫރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ފީތަކާއި ޓެކްސްތައް ދައްކަން ޖެހޭ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ގިރާވަރުފަޅު ހިއްކުން އަންނަ މަހު ނިންމާލިޔަސް ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ ގޮތަށް މުޅި މަޝްރޫއު ނިންމަން އެއްބަސްވީ އޮގަސްޓް, 2024 އަށެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލާފައިވާ އިރު، މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
ހިއްކައިގެން ގޯތި ދޫކުރަން މިހާރު ކަނޑަައަޅާފައިވާ މި އަދަދުގެ އިތުރަށް ގޯތި ދޫކުރައްވާނެ ކަމަށް މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އިތުރުކުރަން ނިންމެވީ ކިތައް ގޯތި ކަމެއް މިއަދު ވިދާޅެއް ނުވެ އެވެ.
މާލެ ސަރަހައްދުން ގޯތި ނުދޭތާ އެތައް އަހަރަކަށް ފަހު، ކުރިމަތިލާން ހުޅުވަލުމުން 15،164 އެޕްލިކޭޝަން ހުށަހެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ