ދާއިމީ ގޮތެއްގައި ވައިބޭރުވެ، ޠާހިރުކަންމަތީހުރެ ނަމާދުކޮށްލާނެ ފުރުޞަތު ނުލިބޭނަމަ ނަމާދުކުރުމުގަ ޢަމަލުކުރަންވީގޮތް-

އަވަސް އަވަހަށް ވުޟޫ ގެއްލޭނަމަ (ކުރިމަތި ފަރާތުން ވައި ބޭރުވާނަމަ) ނަމާދު ކުރާނެ ގޮތަކީ ކޮބައިތޯ؟ މީގެ ސަބަބުން ބައެއް ފަހަރު ނަމާދު ލަސް ވެސް ކުރެވެއެވެ. މިކަމުގައި ޢަމަލުކުރަން ރަގަޅު ގޮތަކީ ކޮބައިތޯ؟ 
ފުރަތަމަ ކަމަކީ: ތިޔައީ ބައްޔެކެވެ. ޑރ އަކަށް ދައްކައިގެން ތިޔަކަމުގެ ފަރުވާ އެއް ހޯދުމަށް މަސައްކަތް ކުރާށެވެ. މާތް ﷲ އަޚާ އަށް އަވަސް ޝިފާ އެއް ދެއްވާށިއެވެ. އާމީން. 
ދެވަނަ ކަމަކީ: ފިރިހެނަކު ނުވަތަ އަންހެނަކު ނަމަވެސް، ކުރިމަތިފަރާތުން ވައިބޭރުވެއްޖެނަމަ ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ކުޑަ ޚިލާފެއްހުއްޓެވެ. 
އަލްއިމާމް މާލިކް އާއި އަބޫޙަނީފާ-ރަހިމަހުމަﷲ- ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ވުޟޫ އެއް ނުގެއްލޭނެއެވެ. ސަބަބަކީ ކުރިމަތިފަރާތުން ނިކުންނަ ވަޔަކީ ޢާދަވެގެން ނިކުންނަ ވަޔަކަށް ނުވާތީވެއެވެ. އަދި ޞަރީޙަ ދަލީލަކުން އެކަމަށް ދަލީލު ލިބެންނެތުމުގެ ސަބަބުންނެވެ. އެހެންކަމުން އަޞްލަކީ ވުޟޫ ނުގެއްލި ހުރުމެވެ. 
އަލްއިމާމް ޝާފިޢީ އާއި އަޙްމަދު ބިން ޙަންބަލް- ރަޙިމަހުމަﷲ- ދެކިލައްވަނީ، ކުރިމަތިފަރާތުން ވައިބޭރުވެއްޖެނަމަ ވުޟޫ ގެއްލޭނެކަމަށެވެ. މިބޭފުޅުންގެ ދަލީލަކީ އަބޫހުރައިރާގެ ކިބައިން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘް އެވެ. އެޙަދީޘް ގައި ވަނީ ވުޟޫ ގެއްލޭނީ އަޑެއްގޮވުމުން ނުވަތަ ވައިބޭރުވުމުން ކަމަށެވެ. އަދި ދެދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވުމުން ވުޟޫގެއްލޭކަމަށް އޮންނަ އޮތުމަށް ގިޔާސް ކުރައްވާފައެވެ. އެހެންކަމުން އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ ކުރިމަތިފަރާތުން ވައިބޭރުވެއްޖެނަމަ އަލުން ވުޟޫ ކުރުމެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ނުކުތާއަކީ ޝައްކެއްގެ މައްޗަށް ބިނާކޮށް ވުޟޫ އެއް ނުގެއްލޭނެކަމެވެ. ވުޟޫ ގެއްލޭނީ ވައިބޭރުވީކަން ޔަގީންވެއްޖެނަމައެވެ. 
ދާއިމީ ގޮތެއްގައި ވައިބޭރުވެ، ޠާހިރުކަންމަތީހުރެ ނަމާދުކޮށްލާނެ ފުރުޞަތު ނުލިބޭކަމަށް ވަނީ ނަމަ ވައިބޭރުވުމަކުން ނަމާދު ދޫކުރާކަށް ނުޖެހޭނެއެވެ. އެފަދަ މީހުން ކޮންމެ ނަމާދަކަށް ވުޟޫ ކޮށްގެން ނަމާދު ކުރާނީއެވެ. ނަމާދުތެރޭގައި ވައިބޭރުވިޔަސްވެސް އެކަމާއިމެދު ފިކުރުކުރާނެ ކަމެއް ނެތެވެ. ނަމާދު ފުރިހަމަ ކުރާނީއެވެ. އިންޝާﷲ ނަމާދު ޞައްޙަވާނެއެވެ. والله أعلم 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ