އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި މަޖިލީހަށް ލިޔުމުން ޖަބާދެއްވުމުން އުފެދުނު ހިޔާލުތަފާތުވުންތަކަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، ރާއްޖެއާއި މޮރީޝަސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް މި ސަރުކާރުން ‘ވިއްކާލި’ ކަމަށް ބުނެ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ގުޅިގެންނެވެ.
އެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެ ގަޑިއިރުގެ ބަހުސެއް ކުރިއަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތް އިރު، އޭގެ ތެރެއިން ރިފްއަތަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ދެއްވަން ނިންމަވާފައި އޮތީ 30 މިނެޓެވެ. ނަމަވެސް މަޖިލީހަށް ވަޑައިނުގެން ރިފްއަތު ޖަވާބުދެއްވީ ލިޔުމުންނެވެ
އެގޮތަށް ޖަވާބު ދެއްވިދާނެ ކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ގޮތެއް ނިންމަން މަޖިލިސް މެދުކަނޑައިލި އެވެ. ނަމަވެސް ފަހުން ޖަލްސާ އަލުން ފެއްޓެވުމަށް ފަހު ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ މަޝްވަރާއިން ގޮތެއް ނުނިންމުނު ކަމަށާއި އެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން އިންކާރުކޮށްފައިވާ ކަމަށެވެ.
“މިބާވަތުގެ ކަންތަކުގައި އަޅުގަނޑު ޖެހޭނީ [އިސްތިޝާރީ ލަފައެއް] ހޯދަން. ގާނޫނު އަސާސީ އެކުލަވައިލި އިރު [މާނަކޮށްފައި] އޮތް ގޮތާއި މިބާވަތުގެ ކަންތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމުން. އަޅުގަނޑު މިތާއިނދެ ގާނޫނު އަސާސީއާއި ހިލާފަށް ވަޒީރު ބޭފުޅަކު ވަކި ކުރުމުގެ މަސައްކަތް އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮތީ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ރިފްއަތުގެ އިތުބާރުގެ މައްސަލަ: ލިޔުމުން ޖަވާބު ދެއްވުމުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ