މި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބައެއް ވަގުތުތަކުގައި އިހުސާސްވާ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެތީ ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.
އޭޕްރިލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށްވެސް އެންމެ ހޫނުގަދަވާ މަހެވެ.
އެގޮތުން މެޓް އޮފީހުން މިއަދު ވަނީ، މި ދުވަސްވަރު ވައި މަޑުވެ، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނިމިން އެތައް ގުނައެއް މަތިވާކަން ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ހާއްސަކޮށް، ފިނިކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ފިނިހޫނުމިން ބެހެއްޓުމަށާއި ކަރަންޓު އާލާތްތައް ގަންނައިރު އިންވާޓާއަށް އިސްކަން ދިނުމަށް އިލްތިމާސްކުރި އެވެ.
ސްޓެލްކޯ އިން ވަނީ އެހެން ދުވަސްވަރުތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާކަންވެސް ފާހަގަކޮށްފަ އެވެ.
ހޫނުކަން 40 ޑިގްރީއަށް، ސްޓެލްކޯ އިން އެދެނީ ކޮންމެހެން ބޭނުންވާ ވަރަށް ކަރަންޓު ބޭނުން ކުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ