މައުމޫނު ދެކޮޅު ހެއްދެވިޔަސް ޕީޕީއެމް މެމްބަރުން ޓޫރިޒަމް ބިލަށް ތާއީދު: ނިހާން
އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރި ކަމަށް ބިން ނުވަތަ ފަޅު އަދި ރަށްތައް ކުއްޔަށް ދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައި ވީޔަސް، އެ ބިލަށް ޕީޕީއެމް މެމްބަރުން ތާއީދު ކުރައްވާ ކަމަށް، އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރައީސް މައުމޫން ފާޅުކުރެއްވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ރައީސް މައުމޫނުގެ އެދިވަޑައިގަތުމަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. "މުޅި ޕާޓީ މީގަ މި ތިބީ. ޕާޓީގެ ރައީސް އެކަނި އަޅުގަނޑުމެންނަށް މި ފެނުނީ އެގޮތަށް ވިދާޅުވިތަން. ބާކީ ތިބި ގިނަ މެމްބަރުންނަށް މިކަން ރަނގަޅުވެފައި އެކަމުގެ މައުލޫމާތު ލިބިފައި މި ވަނީ. އެމަނިކުފާނުގެ ފުރިހަމަ ހައްގެއް އެއީ. ދެކެވަޑައިގަންނަވާ ގޮތާ ޚިލާފު ކަމުގައިވާނަމަ އެކަން އަޅުގަނޑުމެންނާ ހިއްސާ ކުރުން. އަޅުގަނޑުމެން އެކަން ބަލައިގަންނަން،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދާކުރާ ދައުރަކީ ގާނޫނު އަސާސީއާ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ގާނޫނު ހެދުން ކަމަށާއި މަޖިލީހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސަރުކާރުގެ ލެޖިސްލޭޓިވް ޕޮލިސީގެ ތެރެއިން ޕީޖީ ގްރޫޕާ ހަމައަށް ފޮނުވާ، ދެ ފަރާތުން ވާހަކަދެކެވި އެއްގޮތް ކުރެވޭ ކަންކަން ގާނޫނަކަށް ހެދުމަށް ކުރެވޭ މަސައްކަތް ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ. ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަކީ ވެސް ސަރުކަރުން ފޮނުވި އިސްލާހެއް ކަމަށާއި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުރުން ފުންނާބު އުސް ގާނޫނީ ވަކީލުންނާއެކު އިސްލާހާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ޕޮލިސީ ކަނޑައަޅަނީ ޕާޓީގެ ކައުންސިލަކުން ނޫން ކަމަށެވެ. "އެކަމަކު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ހަމަ ސަރުކާރުން ފޮނުވާފައިވާ ލެޖިސްލޭޓިވް ކަރުދާހަކަށް ލެޖިސްލޭޓިވް އެޖެންޑާ އަކަށް ޕާލިމެންޓު ގުރޫޕުން އެހީތެރިވެދިނުމަށް ޕާޓީގެ ފަރާތުން ދީފައިވާ އެންޑޯސްމެންޓެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް. ދެ މަސައްކަތަކީ ވެސް ރަނގަޅު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގެ ސަބަބުން ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި މައްސަލާގައި ދާނެ އިތުރު ދިމާލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. ނިހާން ވިދާޅުވީ ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ބިޑު ކުރުމެއް ނެތި، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާ ކަމަށެވެ. "މިއީ އަލަށް ކުރާ ކަމެއް ނޫން. މިއީ މިހާރުވެސް އޮތް ކަމެއް. ހަމަ އެކަނި ގާނޫނެއްގެ ތެރެއަށް ޖައްސާލައި މިކަން ހަމައަކަށް އަޅުވާލަނީ،" އޭނާ ވިދާޅުވި އެވެ. އިއުލާން ކުރުމެއް ނެތި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތައް ލިބުމާއި އެ ޕާޓީގެ އަސާސީ ގަވައިދާ އެ އިސްލާހު ހިލާފުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ